އިންތިހާބުގައި 20،000 މީހުން ގާނޫނާއި އުސޫލުތަކާ ހިލާފަށް ވޯޓް ލާފައިވޭ: ގާސިމް

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 20،000 މީހުން ގާނޫނާއި އުސޫލުތަކާ ހިލާފަށް ވޯޓް ލާފައިވާ ކަމަށް އެ ދުވަހުގެ ވޯޓުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.މ. ކުނޫޒްގައި ހަދާފައިވާ ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ އޭނާ އަށް 70،000 އަށް ވުރެ މަތިން ވޯޓް ލިބިފައިވާ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން އޭނާ އަށް ލިބުނު ކަމަށް ދައްކާ 50،000 ވޯޓަކީ އެ ކޮމިޝަނުން ހިންގި ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވި އެެވެ. "އިލެކްޝަންސް ކޮމިޝަނުން ހިންގާފައިވާ މި ބޮޑު ޖަރީމާ އަޅުގަނޑުމެން ދުވަހަކު ވެސް މާފުނުކުރާނަން. ދުވަހަކު ވެސް މާފުނުކުރާނެ. ދުވަހަކު ވެސް އިނގޭތޯ،" އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ އިންތިހާބުގެ ނަތީޖާއާ މެދު ޝައްކު އުފެދޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ ކަމާ ބެހޭ ފަރާތްތަކުން އިންސާފު ހޯދައިދިނުމަށް އަވަސްވެ ގަންނަން ޖެހޭ ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ ޒިންމާ އަދާނުކުރެވޭ ނަމަ އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ. އިންތިހާބުގައި މަކަރު ހަދާފައިވަނީ އިދިކޮޅު އެމްޑީޕީން ކަމަށް ތުހުމަތުކުރައްވަމުން ގާސިމް ވިދާޅުވީ އޮޅުވާލާފައިވަނީ އޭނާގެ ސަޕޯޓަރުންގެ ވޯޓް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި 90،000 ވޯޓްގެ ތެރެއިން 20،000 ވޯޓް ކަނޑާލުމުން އެންމެ ކުރީގައި އުޅެނީ އޭނާ ކަމަށެވެ. ވޯޓް ލުމުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ މައްސަލަތައް ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަދު ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި "އެއްވެސް މީހެއްގެ މޫނަކަށް، ކަނދުރާއަކަށް ބެލުމެއް ނެތި" އެ މަރުހަލާ ފުރިހަމަ ކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ހައި ކޯޓުން ނިންމާ ގޮތަކާ ގުޅިގެން ސުޕްރީމް ކޯޓަށް ވެސް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެެވެ."އަޅުގަނޑުމެން ގަބޫލުކުރަން އަޅުގަނޑުމެންގެ ހައްގު ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ލިބޭނެ ކަން. މި ބާވަތުގެ ނާޒުކު ދަނޑިވަޅުގައި ހުށަހެޅޭ މައްސަލަތައް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުގެ އިލްތިމާސަކީ އަވަސް ކޮށްދެއްވުން. ހައްގުގެ ގޮތުގައި ބައްލަވާފައި ޖަޖްމެންޓެއް ދެއްވުން. އަޅުގަނޑުމެން ޝައްކެއް ނުކުރަން މި ކޯޓުތަކުން މިގޮތަށް މިކަން ކުރައްވާނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.  ގާސިމް ވިދާޅުވި ގޮތުގައި ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރައްވަން ޖެހިވަޑައިގެންފި ނަމަ އެކަން ކުރައްވާނެ އެވެ. އެއްވެސް ކެންޑިޑޭޓަކަށް އޭނާ ތާއީދުކުރައްވައިފި ނަމަ އޭނާގެ ސަޕޯޓަރުން ވެސް އެގޮތުގައި ތިއްބެވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. ނަމަވެސް ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް ސަޕޯޓް ކުރައްވަން އަދި ޖެހިވަޑައިނުގަންނަވާ ކަމަށާއި "އަޅުގަނޑުމެން އެންޑޯޒް ކުރާނެ އެއްވެސް މީހަކު ނެތް" ކަމަށެވެ."މާތްﷲ އިރާދަކުރެއްވިއްޔާ މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނާނީ ގާސިމް އިބްރާހިމް،" އޭނާ ވިދާޅުވި އެވެ.   ޖުމްހޫރީ ޕާޓީގެ މައިގަނޑު ޝަކުވާ އަކީ މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓު ލާފައިވުމާއި މީހުންނަށް ނޭނގި ވޯޓް ރަޖިސްޓްރީކޮށްފައި އޮތުމާއި އެއް ނަތީޖާ ޝީޓެއްގެ މައުލޫމާތު އެކި މީޑިއާތަކުން ތަފާތު ގޮތްގޮތަށް ގެނެސްދިނުމާއި އޮޅުވާލުމާއި މަކަރު ހެދުމެވެ. އެ ޝަކުވާާތައް އެ ޕާޓީން ވަނީ އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޖޯން ރެންކިންއާ ވެސް މިއަދު ހިއްސާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ