ވީޓީވީއަށް ގެއްލުން ދިން މީހަކު ޖަލަށްލުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި

ރައްޔިތުންގެ މަޖިލިސް ހުޅުވުމާ ދިމާކޮށް މިދިޔަ އަހަރު އެމްޑީޕީން ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކުގައި ވީޓީވީ އިމާރާތަށް ގެއްލުންދިން މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ހައި ކޯޓުން މިއަދު ތާއީދުކުރީ އެ މައްސަލައިގައި ދަފްތަރު ނަމްބަރު 7471 މުހައްމަދު ހަމީދު ޖަލަށްލުމަށް ކޮށްފައިވާ ހުކުމަށެވެ. އެ މައްސަލައިގައި އޭނާގެ އިތުރުން އިތުރު ހަތް މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ހަމީދުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުން މިއަދު ހުކުމް އިއްވަވަމުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ އެ މައްސަލައިގައި ހެކިބަސް ދީފައިވާ ހެކިންގެ ބަހުން އެދުވަހު ވީޓީވީއަށް ހަމީދު ވެސް ގާއުކި ކަމަށް ހެކިބަސް ލިބޭ ކަމަށެވެ. އަދި އެދުވަހު އެ ސަރަހައްދަށް ދިޔަކަން ހަމީދުގެ ބަހުން އެނގެން އޮތުމުން ހެކިންގެ ހެކިބަހަށް އިތުރަށް ބާރު ލިބޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެ ހެކިންގެ އަދުލުވެރިކަން ނެތްކަން ޝަރީއަތަށް ދެއްކޭފަދަ ހަރުދަނާ އަސާސެއް ހަމީދުގެ ފަރާތުން ދެއްކިފައިނުވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ހެކިންނާ ސުވާލުކުރުމުގެ ފުރުސަތު ވެސް ކްރިމިނަލް ކޯޓުގައި ހަމީދަށް ލިބިފައިވާކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
އެ ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ދީފައިވާތީ އެކަމާ ގުޅޭގޮތުން ހަމީދުގެ ފަރާތުން ސުވާލު އުފައްދާފައިވާތީ ފަނޑިޔާރު ރައޫފް ވިދާޅުވީ ކަން ހިނގާފައިވާ ގޮތަށް ބެލުމަށްފަހު އެ ކުށަކަށް އަދަބު ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއް ކަމަށެވެ. އަދި ދުވާލު ގަޑީގައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެފަދަ އަމަލެއް ހިންގުމުން އެކުށަށް އެންމެ ބޮޑު އަދަބު ދިނުމަކީ ގާނޫނު މަނާކުރާ ކަމެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. ހަމީދަކީ އެ މައްސަލައިގައި ޖަލަށްލި މީހުންގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ މީހާ އެވެ.
އެކަންކަން އެގޮތަށް ފާހަގަ ކުރައްވައި ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތް ކަމަށް ފަނޑިޔާރު ހުކުމް ކުރެއްވިއިރު ހަމީދު ވެސް ޖަލު ހެދުމުގައި ޝަރީއަތަށް ހާޒިރުކޮށްފައި އިނެވެ. އެގޮތަށް ހުކުމްކުރީ އެ މައްސަލަ ބެލުމުގައި ބައިވެރިވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު ރައޫފްގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ވީޓީވީއަށް ގެއްލުންދީގެން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ހަމީދުގެ އިތުރުން ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދާއި ރ. އަލިފުށީ ހަމީދީ މަންޒިލް، އަހުމަދު ހަމީދާއި ހަމައެގޭ ހުސައިން ހަމީދާއި ހ. ލަދުމާގެއާގޭ، އަހުމަދު ނައީމާއި މ. ނޫރުޒޭރު، ހުސައިން ޝިފާއުގެ ޖަމީލްގެ އިތުރުން އއ. ފެރިދޫ އާޒާދުގޭ، އާނިމް ހަސަން އަދި ގ. ހާލަމް، އަހުމަދު މުހީންގެ މައްޗަށެވެ.
ވީޓީވީއަށް ގެއްލުންދިން މައްސަލައިގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެ ކުއްޖާގެ މައްޗަށް ވެސް އެ ކުށް ސާބިތުވާތީ ދެ އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ