ހެނބަދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

އެމް.ޑަބްލިޔު.އެސް.ސީ އިން ނ.ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން ބުނީ ހެނބަދޫ ފެނުގެ ނިޒާމްގައި ހިމެނޭ 83.4 ކިލޯ މީޓަރގެ ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ފެން ރައްކައުކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތައް މިހާރު ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި އާރ.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތަކުގެ ބޮޑު ބެއް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. މީގެއިތުރުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ހެނބަދޫ އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
ހެނބަދޫގެ ފެނުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
36.41 މިލިއަން ރުފިޔާގެ މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހެނބަދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ