ޓޮމްގެ ނައިބުންނަށް ކަލީމް އާއި އަލީ އުމަރު

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑްވިސް (އެފްއޭއެމް)ގެ ރައީސްގެ މަގާމަށް ހަމައެކަނި ކުރިމަތިލި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) އޭނާގެ ދެ ނައިބުންނަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އުމަރު އާއި މުހައްމަދު ކަލީމްގެ ނަން ހުށަހަޅައިފި އެވެ. އެފްއޭއެމްގެ އިންތިހާބު މި މަހު 31 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިރު، އެ އިންތިހާބުގައި ޓޮމް އެކަނި ވާދަކުރާތީ، އޭނާ އެ މަގާމަށް ހޮވުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ. ގިނަ ކްލަބުތަކުގެ ތާއިދު ޓޮމްއަށް އޮތުމުން އެފްއޭއެމްގެ ރައީސްގެ މަގާމު އޭނާއަށް ކަށަވަރުވާނެ ކަމަށް ބެލެވެ އެވެ. ޓޮމްގެ ނައިބަކަށް ހުށަހަޅާފައިވާ އަހުމަދު ކަލީމަކީ 1980ގެ ފަހުކޮޅު ގައުމީ ޓީމުގެ ކެޕްޓަނެވެ. އޭނާއަކީ ނިއުރޭޑިއަންޓަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ ސޮނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެކެވެ. އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީއަށް ޓޮމްގެ ދެ ނައިބުންނަށް އަލީ އުމަރާއި ކަލީމްއާ އެކު ނުވަ މެމްބަރުންގެ ނަން ހުށަހަޅާފައިވެ އެވެ. ހުށަހަޅާފައިވާ އެ ނަންތަކަކީ ރައީސް ކަމުގެ މަގާމަށް ޓޮމް ކުރިމަތިލިއިރު ހުށަހެޅި ނަންތަކެކެވެ. ޓޮމްގެ ދެ ނައިބުންނާއެކު އެގްޒެކްޓިވް ކޮމެޓީގައި ދެން ހިމެނޭ ހަ މެމްބަރުންނަކީ ގައުމީ ޓީމުގެ ފިޒީޝަން އަދި މިހާރުގެ ވެސް ނޮމަލައިޒޭޝަން ކޮމެޓީގެ މެމްބަރު އަހުމަދު ޝަކީބް އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ އާއި މުހައްމަދު އީސަ އާއި އަހުމަދު ޒަރީރާއި އީގަލްސްގެ ޗެއާމަން އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް ގެ އިތުރުން ނިއު ރޭޑިއަންޓްގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާ އެވެ. ދެހާސް ސާދަ ވަނަ އަހަރު ބާއްވަން އުޅުނު އެފްއޭއެމްގެ އިންތިޚާބު ނުބޭއްވި ދިގުލައިގެން ދިޔުމުގެ ސަބަބުން އެފްއޭއެމްގެ އޭރުގެ ރައީސް އިލްހާމް އަހުމަދު އެ މަގާމުން ދުރުކޮށް ފީފާއިން އެ އިދާރާ ހިންގުމަށް ނޯމަލައިޒޭޝަން ކޮމެޓީއަކާ ހަވާލުކޮށް އެ ކޮމެޓީން އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައި ފީފާއިން ހުށަހެޅި އިސްލާހުތަކާއެކު އަސާސީ ގަވާއިދު އިސްލާހުކޮށް މި މަހުގެ 31 ވަނަ ދުވަހު އިންތިޚާބު ބާއްވަން ވަނީ ނިންމާފަ އެވެ. އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވި އެ ޖަމިއްޔާގެ ނޯމަލައިޒޭޝަން ކޮމެޓީގެ ކުރީގެ ޗެއާމަން އަދި އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު އިންތިހާބުގައި ވާދައެއް ނުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ