މި ސަރުކާރުން ގައުމު މީގެ 30 އަހަރު ފަހަތަށް ގެންގޮސްފި: ޔާމީން

"ޑިމޮކްރަސީގެ ނަމުގައި އަޅުގަނޑުމެން މިކުރި ޖިހާދު އަދި އިސްލާހަށް މަސައްކަތް ކުރައްވާ ކަމަށް އޭރު ވަކާލާތު ކުރި އެންމެ ބޭފުޅުން މިއަދު އެތިބީ މަންމަން ވެފަ،"
އިލެކްޝަންސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ނައިބުރައީސް ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ގޮތަށް ގާނޫނުތައް އިސްލާހުކުރުމުން، ގައުމު އެ ގެންދިޔައީ މީގެ 30 އަހަރު ފަހަތަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މިނިވަން މުއައްސަސާތަކާ ބެހޭ ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. "ޑިމޮކްރަސީގެ ނަމުގައި އަޅުގަނޑުމެން މިކުރި ޖިހާދު އަދި އިސްލާހަށް މަސައްކަތް ކުރައްވާ ކަމަށް އޭރު ވަކާލާތު ކުރި އެންމެ ބޭފުޅުން މިއަދު އެތިބީ މަންމަން ވެފަ. އަތްފައި ގުޑުވާނުލެވިފަ. ވޯޓު ލައްވަނީ ހަމަ އަތްމައްޗަށް ނައިގެން ނޫނިއްޔާ ސަރުކާރުން ބުނާ ކޮންމެ ގޮތަކަށް ފެހި ފާހަގަ ޖަހައިގެން،" ރައީސް ޔާމީން ވިދާޅުވި އެވެ.ޔާމީން ވިދާޅުވީ މިއަދު ސައުކާރުގައި ތިއްބެވި ބޭފުޅުންގެ އަތްޕުޅުގައި ފައިސާއާއި ނުފޫޒު އޮތުމުން ކޮންމެ ގޮތަކަށް ވެސް ކަންކަން ކުރެވިދާނެ ކަމަށެވެ. އީސީ އަދި އޭސީސީގެ ރައީސް އަދި ނައިބް ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށް، އެމަނިކުފާނުގެ ނުފޫޒުން ހިންގަމުން އައީ މީގެ 30 އަހަރު ކުރިން ކަމަށާއި، މިއަދު އަލުން އެދުވަސް ފެންނަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ސުވާލެއް ވެސް ކުރައްވާފަ އެވެ. ވިދާޅުވީ އޭސީސީގައި އެބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށާއި ނަޒާހާތްތެރިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވުމަށެވެ. ޔާމީން ވިދާޅުވީ އެބޭފުޅުންގެ ކޮރަޕްޝަންގެ އެތައް މައްސަލައެއް އޭސީސީއަށް ހުށަހެޅި ނަމަވެސް ކުރިއަށް ނުގެންގޮސް ޕާކުކޮށްފައިވާ ކަމަށެވެ. "މިއަދު މި ސަރުކާރަށް ކޮރަޕްޝަންގެ މައްސަލަތަކުގަ އެންމެ ޖާގަ ހޯދައިގެން އެވާހަކަ ދައްކަނީ އެމްޑީޕީގެ ބޭފުޅުން. އަޅުގަނޑުމެން އޭރު އިދިކޮޅުގަ ތިބެގެން ޕީޕީއެމް/ޕީއެންސީގެ އިސް މީހުންނަށް ތިބެގެން އޭރު އޮތް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ނަޒާހާތްތެރިކަން ނެތްކަމާ، ކޮރަޕްޝަން އިންތިހާޔަށް ރާއްޖޭގަ ހުރިހާ ހިސާބަކު ފެތުރިގެން ދިޔަ ވާހަކަ ދެއްކީ. މިއަދު ކީއްތޯ މިވަނީ؟ މިއަދު އެބޭފުޅުން މިހާރު އޮތް ސަރުކާރަށް އެވާހަކަ އެ ދައްކަވަނީ،" ޔާމީން ވިދާޅުވި އެވެ.ޔާމީން ވަނީ ރައީސަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށްވެސް ކޮރަޕްޝަންގެ ތުހުމަތު ކުރައްވާފަ އެވެ. ނަޒާހަތްތެރިކަމުގެ އެއްވެސް މިންގަނޑަކަށް އެބޭފުޅުން ނުފެތޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ