ރައީސް ސޯލިހު މަރުހަބާ ދަންނަވަން ގުޅުއްވުމުން، ފުރަތަމަ ވެސް އެދުނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވަން ގުޅުއްވުމުން ވެސް، ރައީސް ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށްދެއްވަން އެދިވަޑައިގެންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން މިނިވަން ކުރެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވައި، ވެރިކަމުގެ ހުވައި ކުރެއްވުމުގެ ކުރީން ވެސް އެ ވައުދު ފުއްދެވުމަށް ކުރެއްވި މަސައްކަތް ރައީސް މިރޭ ވިދާޅުވެދެއްވިއެވެ.
”އެރޭ ފުރަތަމަ، އަޅުގަނޑަށް، މި ދެންނެވީ 30 ސެޕްޓެމްބަރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ދަންނަވަން، އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓް ގުޅުއްވެވި. ގުޅުއްވާފަ، ދެއްކެވި ވާހަކަފުޅު ދެއްކެވިއިރު، އެ ފޯނު ކޯލުގަ ވެސް، އަޅުގަނޑު ފުރަތަމަ ދެންނެވީ ރައީސް ޔާމީން ގެއަށް ގެނެސްދެއްވާށޭ.“ ރައީީސް މުއިއްޒު ވިދާޅުވިއެވެ.
އެ ފޯނު ކޯލަށް ފަހުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ގޮވައިލެއްވި ކަމަށާއި، އަނެއް ދުވަހު ރައީީސް ޔާމީން ގެއަށް ބަދަލު ކުރަން ނިންމެވީ އެ ސަބަބާހުރެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ