21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރަނީ

ދުންފަތާއި ދުންފަތުން
އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ
ބަދަލުގައި 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް
އިސްލާހު ހުށަހަޅަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި
ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެންމެ
ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ގެންނަން ޖެހޭ އިސްލާހުތައް މިއަދު ރައްޔިތުންގެ
މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
މީގެ އިތުރުން، ދުންފަތް
ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށް
ވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްހަތަށް ގެއްލުންވާ
ކަންކަމުން ޒުވާނުން ދުރުކުރުމަށް ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް
އެތެރެކޮށް، ބޭނުންކުރުން މަނާކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެންގެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ