ހަންގާ ގޭމްސްއަށް ލީޑު އެކްޓަރުން ލިބިއްޖެ

މިހާތަނަށް އެޅުވި އެންމެ މަގުބޫލު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ދަ ހަންގާ ގޭމްސް"ގެ އާ ޕްރީކުއަލް ފިލްމުގެ ލީޑު ރޯލުތަކަށް އެކްޓަރުން ކާސްޓް ކޮށްފިއެވެ. ހަންގާ ގޭމްސް ފްރެންޗައިޒްގެ އާ ވާހަކަ ފޮތެއް މިދިޔަ މަހުގެ ތެރޭގައި ރިލީޒްކުރިއިރު މި ފޮތް ބިނާކޮށްފައިވަނީ އޮރިޖިނަލް ފިލްމުގައި ހިމެނޭ "ހޭމިޗް އެބަނާތީ"އަށެވެ. އަދި އަލަށް ނެރުނު ފޮތަށް ކިޔަނީ "ސަންރައިޒް އޮން ރީޕިން" އެވެ. މި ފޮތް ބިނާކޮށްފައިވާނީ ހޭމިޗް ޒުވާންއިރު އޭނާ ބައިވެރިވާ 48 ވަނަ އަހަރީ ހަންގާ ގޭމްސްއަށެވެ. މި ވާހަކައަކީ އެތައް ފޭނުންނެއް ކިޔާލަން ބޭނުންވެފައިވާ ވާހަކައަކަށް ވާއިރު ފޮތުގެ ރިލީޒާ އެކު ފޭނުންނަށް ލިބުނީ ބޮޑު އުފާވެރި ކަމެކެވެ. އަދި އެހާ ހިސާބުން ދެން އާންމުކުރީ ފިލްމު ރިލީޒްކުރާނެ ކަމެވެ. ލަޔަންސްގޭޓުން އަންނަ އަހަރު ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު މިހާރު އަންނަނީ ކާސްޓިންގެ މަސައްކަތް ކުރަމުންނެވެ. މީގެ ކުރީން ފިލްމުގެ ރޯލުތަކަށް އެކްޓަރުން ހަމަޖައްސާފައިވާއިރު ލީޑު ރޯލުތަކަށް އެކްޓަރުން ހަމަޖައްސާފައެއް ނުވެއެވެ. އެގޮތުން، ލީޑު ރޯލު ހޭމިޗް ކަމަށްވާ ކެރެކްޓަރުގެ ރޯލުން ފެންނާނީ ޖޮސެފް ޒާޑާ އެވެ. ޖޮސެފްއަކީ އެކްޓިން އަށް އާ އެކްޓަރެއް ނޫނެވެ. ނަމަވެސް، 19 އަހަރުގެ މި އެކްޓަރަށް އަދި މީގެ ކުރީން ބޮޑު ޕްރޮޖެކްޓެއް ލިބިފައެއް ނުވެއެވެ. ޖޮސެފާ އެކު ފިލްމުގެ ލީޑުން ފެންނާނީ ވިޓްނީ ޕީކް އެވެ. އުމުރުން 22 އަހަރުގެ ވިޓްނީ ފެންނާނީ ހޭމިޗް އާ ގާތް ގުޅުމެއް އޮތް ލެނޯރު ޑަވް ބެއާޑްގެ ރޯލުންނެވެ. ވިޓްނީ ވަނީ މީގެކުރީން ބައެއް ތަފާތު ޕްރޮޖެކްޓުތަކުން ފެނިފައެވެ. އޭގެ ތެރޭގައި "ގޮސިޕް ގާލް" އާއި "ހޯކަސް ޕޯކަސް" ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިމެނެއެވެ. މިހާތަނަށް އާންމުކޮށްފައިވާ ކާސްޓުންގެ ތެރޭގައި އެމާ ތޮމްސަންއާއި އެލް ފޭނިން ރަލްފް ފީނިސްގެ އިތުރުން ކީރަން ކަލްކިން ފަދަ އެކްޓަރުން ހިމެނެއެވެ. މިއިން އެއްވެސް ރޯލެއް ފައިނަލްވެފައިނުވި ނަމަވެސް މި އެކްޓަރުން ހަމަޖައްސާފައިވާ ރޯލުތަކަކީ ކިޔުންތެރިން ރޯލުތަކަށް ސިފަކޮށްފައިވާ އެކްޓަރުން ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. ހަންގާ ގޭމްސްގެ ފިލްމެއް އެންމެ ފަހުން ރިލީޒްކޮށްފައިވަނީ 2023 ވަނަ އަހަރުގައެވެ. މިއީ "ބަލާޑް އޮފް ސޯންގްބާޑް"އެވެ. މި ފިލްމަކީ ވެސް އޮރިޖިނަލް ފިލްމުގެ ޕްރީކުއަލް ފިލްމެކެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު 20ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ