ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުން ވަކިކުރި އިޒްދިޔާން މުހައްމަދު މައުމޫންގެ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް ކަމަށް ފުލުހުން ބުނެފި އެވެ.
ޔުމްނުގެ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި 2015 އިން 2017 އާ ހަމައަށް އިޒްދިޔާންގެ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު ހުއްޓެވެ.
ނަމަވެސް ފުލުހުގައި އޮތީ އިޒްދިޔާންގެ މަސްތުވާތަކެތީގެ ކޮން މައްސަލައެއްގެ ރެކޯޑެއް ކަމެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ.
އިޒްދިޔާން މިއަދު މަގާމުން ވަކިކުރީ މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމުގެ ކުރިން އޭނާއާ އެކު އެހެން ގެއެއްގައި "މަސްތު ޕާޓީ" އެއްގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެއްގަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ގިނަ ތުހުމަތުތަކެއް އިޒްދިޔާންއަށް އަމާޒުވެފައި ވަނިކޮށް ރައީސް އޮފީހުން އޭނާ ވަކިކުރި ސަބަބެއް މިހާތަނަށް ސާފުކޮށްދީފައެއް ނުވެ އެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު އާއި އޭނާއާއެކު އުޅުނު މީހާ، އެހެން ޒުވާނުންތަކާކާއެކު ބުރާސްފަތި ދުވަހުގެ ރޭ ފުރަތަމަ ދިޔައީ "މާލޭގެ މެދުތެރޭގައި" ހުރި ގެއަކަށެވެ. ޔުމްނު އާއި އޭނާއާއެކު އުޅުނު ރައުދު އަލީ ޒިލާލް ފެންޓެނޯއީ އަށް ދިޔައީ އެއަށް ފަހު އެވެ.
އަދަދު އަށް އެނގިފައިވާގޮތުގައި ފުލުހުން ނަން ހާމަނުކުރި ގެއަކީ މއ. މާންދޫގޭދެކުނުގެ އެވެ. އެއީ ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ ގެ އެވެ. އިޒްދިޔާނަކީ އަމީނަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ.
ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ. މި މައްސަލައިގައި އޭނާއާއެކު އުޅުނު މީހާ ހައްޔަރެއް ނުކުރެ އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ: ރައީސް އޮފީހުން ވަކިކުރި އިޒްދިޔާންގެ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް ޔުމްނު ވެއްޓުނު ހާދިސާ: ރައީސް އޮފީހުން ވަކިކުރި އިޒްދިޔާންގެ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ