ޓެރިފް ހަނގުރާމައިގައި ޗައިނާގެ ކުރިމަތީގައި ޓްރަމްޕް ކުޑަކަކޫ ޖައްސަވައިފި
ވޮޝިންޓަން (23 އެޕްރީލް 2025) : ޗައިނާގެ މުދަލުން ޓެރިފް ނަގަން ނިންމި ޕަސެންޓަކީ މާބޮޑު ޕަސެންޓެއްކަަން މިހާރު ގަބޫލުކުރައްވޭ ކަމަށް ވިދާޅުވެ އެ ޕަސެންޓް ބޮޑުތަނުން ދަށްކުރާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ ޗައިނާގެ މުދަލުން ޓެރިފް ނަގަން އޭނާ ނިންމި ޕަސެންޓް ގެ ސަބަބުން އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ މާހައުލު ނެތްކަމަށް ގަބޫލުކުރައްވާ ކަމަށާ އެހެންކަމުން އެނިންމުން ވަރަށް އަވަހަށް ބަދަލުކުރައްވާނެ ކަމުގައެވެ. ޗައިނާގެ މުދަލަށް ނަގާ ޓެރިފްގެ ޕަސެންޓް ބޮޑުތަނުން ދަށްކުރާނެކަމުގައެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ޓެރިފް އެއް އިންނާނެކަމުގައެވެ. އެކިފަހަރު މަތިން ޗައިނާގެ މުދަލާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ޓެރިފްގެ މިންވަރު މިހާރުވަނީ 245 އިންސައްތައަށް މައްޗަށް ގޮސްފައެވެ. ރައްދުގައި އެމެރިކާގެ މުދަލަށް ޗައިނާ އެޅި ޓެރިފްގެ މިންވަރު އުޅެނީ 125 ޕަސެންޓްގައެވެ. އެކިގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލަށް ޓެރިފް ނެގުމުގެ ކުޅިގަނޑު ފެއްޓެވީ ޓްރަމްޕް އެވެ. އެއީ އެކަމުގެ ސަބަބުން އެމެރިކާއަށް ލިބެ އާމްދަނީ ބޮޑުވާނެކަމުގެ އުންމީދާ އަދި އެމެރިކާއާއި އެހެންގައުމުތަކާ ދެމެދުގައިވާ ޓްރޭޑް ބެލެންސް ދަށްވާނެ ކަމުގެ އުންމީދުގައެވެ. މީގެއިތުރުން ޗައިނާފަދަ ގައުމުތަކުގައި އިންވެސްޓް ކޮށްގެން ތަކެތި އުފައްދާ އެމެރިކާގެ ކުންފުނިތައް އަނބުރައި އެމެރިކާއަށް އަންނާނެކަމުގެ އުންމީދުގައެވެ. ނަމަވެސް އެއްވެސް ރޭވުމަކާ ނުލައި އަދި ނަތީޖާ ނުކުންނާނެ ގޮތަކަށް ބެލުމެއްނެތި ޓްރަމްޕް އެޅުއްވި ޓެރިފް ގެ ފިޔަވަޅުތަކުގެ ކުއްލި ނަތީޖާ ދެއްކީ ދިމާ އިދިކޮޅަށެވެ. އެކަމުގެ ސަބަބުން ހިއްސާގެ ބާޒާރުތަކުގައި އެމެރިކާގެ ކުންފުނިތަކުގެ ހިއްސާގެ އަގު އިންތިހާއަށް ދަށަށްގޮސް އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ގެއްލުން ދެތިން ދުވަސްތެރޭގައި އެމެރިކާގެ ކުންފުނިތަކަށް ދެއްކިއެވެ. ނަތީޖާއަކަށްވީ ޓެރިފްގެ ފިޔަވަޅުތައް ތަންފީޒު ކުރުން 90 ދުވަހަށް ފަސްކުރަން ޓްރަމްޕަށް މަޖުބޫރު ވެގެން އެކަން މިދިޔަ ހަފްތާގައި ކުރެއްވުމެވެ. އެއަށްފަހު ޓްރަމްޕް ބޭނުންވީ ޓެރިފް ދަށްކޮށްދިނުމަށް އެދި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން އޭނާއަށް އާދޭސް ކޮށް އޭނާގެ ކުރިމަތީގައި ކުޑަކަކޫ ޖެއްސުމަށެވެ. މިކަން ދުނިޔޭގެ ބައެއް ގައުމުތަކުގެ ލީޑަރުން ކުރެއްވިއެވެ. މިވާހަކަ ވަރަށް ހުތުރުކޮށް ދުނިޔޭގެ ލީޑަރުންގެ އިހުތިރާމް ކުޑަވާގޮތަށް ވަރަށް ބޭ އަދަބީކޮށް ޓްރަމްޕް ވަރަށް ބޮޑާވެ ހުންނަވައިގެން ދެއްކެވިއެވެ. ޗައިނާއަށް އެމެރިކާގެ ބަލިފައިތައް އެނގޭތީއާއި ޗައިނާއަކީ އުފެއްދުންތެރިކަމުގައި އެމެރިކާއަށް ވުރެ ބާރުގަދަ ގައުމެއްކަން ޗައިނާއަށް އެނގޭތީ ޗައިނާގެ ރައީސް ނިންމެވީ ޓްރަމްޕަށް އާދޭސް ކުރުމުގެ ބަދަލުގައި އެމެރިކާގެ މުދަލާ ދެކޮޅަށްވެސް ޓެރިފްގެ ފިޔަވަޅުތައް އެޅުމަށެވެ. ފިޔަވަޅަކަށް ފިޔަވަޅެއް އަޅައި ޓްރަމްޕަށް ރައްދު ދިނުމަށެވެ. ޓެރިފުން ޓްރަމްޕަށް ރައްދު ދިނުމަށްފަހު ދެން ޗައިނާގެ ރައީސް ނިންމެވީ އެމެރިކާއިން މުދައު ގަންނަ މިންވަރު ބޮޑުތަނުން މަދުކޮށްލުމަށެވެ. މިގޮތުން އެމެރިކާގެ ބޮއިންގް ކުންފުންޏާއެކު ކުރިޔަށްގެންދަން ޗައިނާ ކުރިން ނިންމާފައިވާ ގާތްގަނޑަކަށް 700 ވަރަކަށް ބިލިޔަން ޑޮލަރު ޑީލް މިވަގުތަށް ކުރިޔަށް ނުގެންގޮސް ސަސްޕެންޑް ކުރުމަށް ޗައިނާގެ ރައީސް ނިންމެވިއެވެ. މިކަން ވެގެންދިޔައީ އެމެރިކާގެ އެންމެ ތަދުވާތަނުގައި ޖެހުންފަދަ ކަމެއްގެ ގޮތުގައެވެ. މިކަން މިގޮތަށް އެމެރިކާގެ ނޫސްތަކުންވެސް ވަނީ ސިފަކޮށްފައެވެ. ޗައިނާގެ ރައީސްގެ މި ނިންމެވުންތަކާއެކު ޓްރަމްޕަށް ޗައިނާގެ ވިޔަފާރީގެ ބާރު ފެންނަން ފެށިއެވެ. އެމެރިކާ ބޭނުންވިނަމަވެސް ހުރިހާ ކަމެއް އެެމެރިކާއަށްވެސް ނުކުރެވޭނެކަމުގެ އިހްސާސް ކުރެވި ޓްރަމްޕް މައިތިރިވާން ފެށިއެވެ. މިއާއެކު 700 ބިލިޔަން ޑޮލަރުގެ ޑީލް ސަސްޕެންޑް ކުރަން ޗައިނާގެ ރައީސް ނިންމެވި ނިންމެވުމާމެދު ދެރަވާކަމަަށް ފުރަތަމަ ފަހަރަށް ޓްރަމްޕް ވިދާޅުވިއެވެ. އެއަށްފަހު ޗައިނާގެ ލެޕްޓޮޕާއި އައިފޯން އަދި އިލެކްޓްރޯނިކް އުފެއްދުންތަކުން ޓެރިފް ނެގުން މަޑުޖައްސާލަން ޓްރަމްޕް ނިންމެވިއެވެ. އަދި ޓެރިފްގެ މައްސަލަ ހައްލުކުރަން ޗައިނާއާއެކު ވާހަކަ ދައްކަވަން ޓްރަމްޕް ތައްޔާރަށް ހުންނެވިކަމަށާ ޗައިނާގެ ރައީސްގެ ފަރާތުން ލިބޭނެ ޖަވާބަކަށް ޓްރަމްޕް އިންތިޒާރު ކުރައްވާކަމަށް ވައިޓް ހައުސް ގެ ތަރުޖަމާނު ވިދާޅުވިއެވެ. ނަމަވެސް މިމައްސަލާގައި އެމެރިކާއާ ވާހަކަ ދައްކަން ޗައިނާ ބޭނުމެއް ނުވިއެވެ. ވައިޓް ހައުސްގެ ގޮވާލުމަށް ޗައިނާގެ ރައީސް އެއްވެސް ވަރަކަށް އިޖާބައެއް ނުދެއްވިއެވެ. ނަތީޖާއަކަށްވީ އޭގެ ދެދުވަސްފަހުން ޓްރަމްޕް ފަހަތަށް ޖެހިވަޑައިގެންނެވުމެވެ. ޗައިނާގެ މުދަލުން ޓެރިފް ނަގަން ނިންމި ޕަސެންޓަކީ މާބޮޑު ޕަސެންޓެއްކަމަށް ވިދާޅުވާންޖެހުމެވެ. އަދި އެނިންމުން ވަރަށް އަވަހަށް ބަދަލުކޮށް ޗައިނާގެ މުދަލަށް ނަގާ ޓެރިފްގެ ޕަސެންޓް ބޮޑުތަނުން ދަށްކުރާނެކަމަށް ޓްރަމްޕް ވިދާޅުވުމެވެ. އެންމެ ފަހުން ގޮތްދޫކޮށް ޗައިނާގެ އިގްތިސާދީ ބާރުވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވަން ޓްރަމްޕަށް މަޖުބޫރުވެ ވަޑައިގަތުމެވެ. ނަމަވެސް މުރާސިލުން ބުނާގޮތުގައި ޓްރަމްޕް އެންމެ ފަހުން ޗައިނާގެ ކުރިމަތީގައި ފަހަތަށް ޖެހިވަޑައިގެންނެވި ނަމަވެސް އޭނާގެ ހަރުކަށި ނިންމުންތަކުގެ ސަބަބުން ގެއްލިގެންދިޔަ އެމެރިކާގެ އިތުބާރު ދެން އަނބުރައި ހޯދުމަކީ ކައިރި މުސްތަގްބަލެއްގައި ކުރެވޭނެ ކަމެއްނޫނެވެ. މިކަން ކުރީގެ ހާލަތަށް ގެންގޮސް އިސްލާހުކޮށް އަލުން އިތުބާރު އުފެއްދުމަކީ ދެން ކުރަން ފަސޭހަ ކަމެއްނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ