ނަޝީދާ މަޝްވަރާކުރީ ގައުމުގެ އިސްލާހަށް، އިންތިޚާބުގެ ވާހަކައެއް ނުދައްކަން: ފައްޔާޒް

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވީ ގައުމުގެ ކަންކަން ރަނގަޅުކުރަން އެކުގައި ކުރެވެން ހުރި މަސައްކަތްތަކާ މެދު ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ މެދު މަޝްވަރާކޮށްފައިނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ. ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން، ރާއްޖޭން ބޭރުގައި މި ވަގުތު ދިރިއުޅުއްވާ ނަޝީދު މާލެ ވަޑައިގެން މިއަދު ވަނީ އެމްޑީޕީގެ އެންމެ ނުފޫޒު ގަދަ އެއް ބޭފުޅާ ކަމަށްވާ ފައްޔާޒާ ބައްދަލުކުރައްވައިފައެވެ. އެ ފަދަ ބައްދަލުވުމެއް ބޭއްވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ވިސްނަވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ އިސްވެރިންނަށް ނަޝީދު މެސެޖެއް ފޮނުއްވާފައިވަނިކޮށެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް އެ މަނިކުފާނުގެ މެސެޖުގައިވެއެވެ. https://sun.mv/207365 އެ ބައްދަލުކުރެއްވުމަށް ފަހު 'ސަން'އާ ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ނަޝީދާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަރަށް ގިނަ ކަންކަމާ މެދު މަޝްވަރާކުރެއްވި ކަމަށެވެ. ގައުމުގެ ހާލަތާއި މިސްރާބު ހުރި ގޮތާ މެދު ވަރަށް ފުންކޮށް ވާހަކަދެކެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. "ގައުމު ރަނގަޅުކުރުމަށް އެކުގައި ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކުރެވުނު،" އޭނާ ވިދާޅުވިއެވެ. އެކަމަކު، ދެ ބޭފުޅުން ވެސް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ވާހަކަނުދެކެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސުވާލުކުރުމުން ވިދާޅުވީ، އިންތިޚާބާ ގުޅޭ ވާހަކައެއް ނުދެކެވޭ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު ވެސް ފާޅުކުރައްވާފައިވާއިރު، ފައްޔާޒް ވެސް މީގެ ކުރިން ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ. https://x.com/faya_i/status/1934539661478953315 ދެ ބޭފުޅުން ބައްދަލުކުރައްވާފައި މި ވަނީ ދެ ޕާޓީއާއި ގައުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ނަޝީދު ފަހުން އުފެއްދެވި ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވަނިކޮށެވެ. އެ މަނިކުފާނުގެ އެ ވިސްނުންފުޅު ފައްޔާޒް މީގެ ކުރިން ތާއީދު ކުރައްވާފައިވެއެވެ. މިއަދުގެ ބައްދަލުކުރެއްވުމަށް ފަހުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެސް ފައްޔާޒް ވިދާޅުވީ "ގައުމު އަނބުރާ ހަމަ މަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އެމްޑީޕީގެ ސަރުކާރާ ފެޔަށް ޖެހިވަޑައިގެން އެމްޑީޕީން އިސްތިއުފާދެއްވުމުގެ ކުރިން ނަޝީދު އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ އޭރު އިކޮނަމިކް މިނިސްޓަރު ކަމުގައި ހުންނެވި ފައްޔާޒެވެ. އޭރު ދެ ބޭފުޅުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގާދިޔައެވެ. އެ ގޮތުން، އެމްޑީޕީ ތެރޭގައި ފައްޔާޒް 'ބްރޯ ހެދިގެން' އުޅުއްވާ ކަމަށް ވެސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ. https://sun.mv/142832 ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ނަޝީދު އޭރު ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަންނަވަން ވެސް އެދިވަޑައިގަތެވެ. އޭގެ ފަހުން ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރެއްވީ ވެސް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ތާއިދާ އެކެވެ. ނަޝީދުގެ ތާއީދާ އެކު އެ މަގާމަށް އެ އިންތިޚާބުގައި ކުރިމަތިލެއްވީ މިހާރު ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވި އިމްތިޔާޒް ފަހުމީއެވެ. އޭގެ ފަހުން ސަރުކާރާ މެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، ނަޝީދާއި އެ މަނިކުފާނުގެ ތުއްޕުޅު އިރުގެ ވެސް އެކުވެރިޔާ ރައީސް ޞާލިޙާ މެދު ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދުނެވެ. އެއަށް ފަހު، ޖަނަވަރީ 2023 ގައި އޮތް ރިޔާސީ ޕްރައިމަރީގައި ދެ ބޭފުޅުން ވާދަކުރެއްވިއެވެ. އެކަމަކު، ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު ނަޝީދު ވަނީ ޑިމޮކްރެޓްސް އުފައްދަވައި، އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އެއަށް ފަހު، "އެމްޑީޕީ ރުޅާލާނެ،" ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ