ބޯލިން ފަދަ ކުޅިވަރުތަކާ އެކު ސަލްޓަން ޕާކު އަލުން ތަރައްގީ ކުރަނީ

ދިވެހިވަންތަކޮށް، ބޯލިން ފަދަ އާ ކުޅިވަރުތަކާ އެކު ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރަސްމީ ފަލަން އަލުން ތަރައްގީކޮށް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ސަލްޓަން ޕާކު އޮތީ އެއްވެސް ވަރަކަށް އަޅާނުލާ ދޫކޮށްލާފައި ކަމަށެވެ. އަދި އެމަނިކުފާނުގެ މޭޔަރު ކަމުގައިވެސް އެތަން ތަރައްގީ ކުރައްވަން ބޭނުން މިންވަރަށް ތަރައްގީ ކުރުމުގެ ފުރުސަތު ލިބިފައިނުވާއިރު، ސަރުކާރުން މިހާރު އެތަނާ ހަވާލުވެފައިވާ ކަމަށެވެ.
”އިރާދަ ކުރެއްވީތީ، މި އިއްޒުއްދީން ފާލަމުގައި މި ދައްކުވައިދޭ ރަމްޒު، ނޫނީ މީގެން މި ދޭހަކޮށްދޭ މެސެޖު، ސަލްޓަންޕާކު އަލުން ތަރައްގީވެގެން އަންނައިރު  ފެނިގެންދާނެ. އަޅުގަނޑުމެން އެތަން ތަރއްގީ ކުރާނީވެސް ހަމަ ދިވެހިންގެ އައިޑެންޓިޓީ ދައްކުވައިދޭ ގޮތަށް، ރާއްޖޭގެ ތާރީޚް އެތަނުން މިހާރުގެ ބަވަނަ ވެފައިވާ މި ދުނިޔޭގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ޅަ ދަރިންނަށް ޒުވާނުންނަށް އެ ފަރާތްތައް ހިތްހަމަޖެހޭ ޝައުގުވެރިކަމާ އެކު ދަސްވާނެ ގޮތަށް ބައްޓަން ކުރެވިގެންދާނެ،"
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު
މީގެ އިތުރުން، ކުޑަކުދިންނާ އެކު އާއިލާތަކަށް ހިތްހަމަޖެހިލައިގެން ވަގުތު ހޭދަކުރެވޭނެ ތަފާތު ކަންކަން ޕާކަށް އިތުރު ކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”އޭގެއިތުރުންވެސް ބޯލިން ފަދަ، މާލޭގައި މިވަގުތު ނެތް ކުޅިވަރުތަކާ، ތަންތަންވެސް އިތުރުކުރެވިގެން ދާނެ. އަދި އިތުރު ފީވާސްތައްވެސް ހިމެނިގެންދާނެ.“ 
ރައީސް ވިދާޅުވީ ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް އޮތް ހަ މަސް ތެރޭގައި ފެށޭނެ އެވެ. އެ މަޝްރޫއު ނިމުމުން ސަލްޓަން ޕާކު ސަރަަހައްދަކީ ވަގުތު ހޭދަކޮށްލަން އެންމެ ހިތްފަސޭހަ އެންމެ ގިނަ ކަންކަން ކުރެވޭ ސަރަަހައްދަށް ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަލްޓަން ޕާކަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރައީސް މުޢިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ތަރައްގޯ ކުރެވުނު ތަނެކެވެ. އެ ތަން ތަރައްގީ ކުރީ ސްނޯ ޕާކަކާ ވެސް އެކު އެވެ. ނަމަވެސް، މިހާރު އެ ތަން ވަނީ ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ