ކޮންމެ މީހެއްގެ ކިބައިގައިވެސް އަމިއްލަ އެދުންތަކެއް ހުންނާނެއެވެ. ބޭނުންވާ ކަންތައްތަކެއްވެސް ހުންނާނެއެވެ. އެއީއަކީ އެއްވެސް މައްސަލައެއްވެސް ނޫނެވެ. މައްސަލައަކަށްވަނީ އަމިއްލަ އެދުން އިންތިހާއަށް ބޮޑުވެ އެންމެ ކުރިއަށް ތިމާގެ އަމިއްލަ އެދުންތައް ނެރެވުމެވެ.
އެއިރުން ކަންކަންވެގެންދަނީ ވަރަށް ހިތާމަހުރި ގޮތަކަށެވެ. އެހެން މީހުންނާއިމެދަކު ނުވިސްނޭނެއެވެ. އެހެން މީހުންގެވެސް ބޭނުންތަކެއް ހުންނާނެކަމަށް ޤަބޫލެއް ނުކުރެވޭނެއެވެ. ޤަބޫލުކުރެވޭނީ ތިމާ އެހެން މީހުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށް ނުދެވުނަސް އެހެން މީހުން ތިމާއަށް ކޮށްދޭންޖެހޭ ކަންކަން އެންމެ ފުރިހަމައަށް އަބަދުވެސް ކޮށްދޭންޖެހޭނެ ކަމަށެވެ. ތިމާގެ އެދުންތައް އަބަދުވެސް ހުންނަންޖެހޭނީ ފުރިހަމަވެފައި ކަމަށެވެ.
މިފަދަ މީހުންނަށް އެހެން މީހުން ދައްކާ ވާހަކައާއި އެހެން މީހުން ކުރާ ޝަކުވާ އަޑުއަހަން އުނދަގޫވާނެއެވެ. ނަމަވެސް އޭނާ ދައްކާ ވާހަކަތަކާއި ކުރާ ޝަކުވާ އެހެން މީހުން އަޑުއަހަންޖެހޭނެކަމަށްވެސް ޤަބޫލުކުރާނެއެވެ. އަދި ތިމާގެ ކިބައިން އިޞްލާޙްކުރަން އެހެން މީހުން އެދޭ ކަންކަން ތިމާ އިޞްލާޙް ނުކުރި ނަމަވެސް ތިމާ ބޭނުންވާ ގޮތަށް އެހެން މީހުން އިޞްލާޙްވާން ބޭނުންވާނެއެވެ.
އެފަދަ ފިރިއެއްގެ ކިބައިން ފެންނާނެ ވަރަށް ޢާންމު ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އަނބިމީހާ އޭނާގެ ކިބައިން އުފާހޯދަން ކިތަންމެ ވަރަކަށް އެދުނަސް ޢިޖާބަނުދީ ނިދައިފާނެއެވެ. ނަމަވެސް އޭނާ ބޭނުންވާ ވަޤުތު އެކަން ކޮށްނުދީފިނަމަ އިންތިހާއަށް ރުޅިއަންނާނެއެވެ.
ކުރުކޮށްލާފައި ބުނާނަމަ އެހެންމީހުންގެ ކަންކަން އެހައި މުހިންމެއް ނުވާނެއެވެ. އޭނާއަށް މުހިންމުވާނީ އޭނާގެ ކަންކަމެވެ. ކުރިން މިބަޔާންކުރީ އަމިއްލަ އެދުން ބޮޑު މީހުންގެ ކިބައިން ފެންނާނެ ބައެއް ޢަލާމާތްތަކެވެ. މިނޫންވެސް ކިތަންމެ ޢަލާމާތްތަކެއް ފެންނާނެއެވެ.
ވީމާ ބުނަންހެއްޔެވެ؟ އަމިއްލަ އެދުން ބޮޑު މީހަކަށް ބައިވެރިއެއްގެ ގޮތުގައި މުޅި ދުނިޔޭގައި ހުރި އެންމެ ރަނގަޅު، އެންމެ ހެޔޮލަފާ އަންހެނާ ނުވަތަ ފިރިހެނާ ލިބުނަސް އެކުގައެއް ނުއުޅެވޭނެއެވެ. އިސާހިތަކު އޮންނާނީ ކައިވެނި ރޫޅައިލާންޖެހިފައެވެ.
އުފާވެރިކަމާއިއެކު ދިރިއުޅެވޭނީ އަމިއްލަ އެދުންތަކުން ބައެއް ޤުރްބާންކޮށްފައިވެސް ބައިވެރިޔާގެ ބޭނުންތަކަށް އިސްކަންދޭނަމައެވެ. ނޫންނަމަ ދެމީހުންގެ މެދުގައި އޮންނަންޖެހޭ ގުޅުމެއްވެސް އަދި ލޯތްބެއްވެސް ނުއޮންނާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ކިތަންމެ ހެޔޮލަފާ، ރަނގަޅު މީހަކު ބައިވެރިއަކަށް ލިބުނަސް ގޮވައިގެން ނުއުޅެވޭނެ ބައަކު އެބަތިބި!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ