މިއުޒިކީ ޚިދުމަތްތެރިޔާ މެލްބެ ނިޔާވެއްޖެ

ރާއްޖޭގައި އެންމެ ފުރަތަމަ ބޭންޑްތައް އުފައްދައިގެން މިއުޒިކް ކުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ, އުސްހަކުރު އަޙްމަދު ވަޙީދު (މެލްބެ), މިއަދު ނިޔާވެއްޖެއެވެ. އުމުރުން 76 އަހަރުގެ މެލްބެ މިއަދު ނިޔާވިއިރު, ހިތުގެ ބައްޔާއި ކިޑްނީ ފެއިލްވެ ޑައިލަސިސް ހައްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މެލްބެގެ މައްޗަށް ކުރާ ކަށުނަމާދު އޮތީ މިއަދުގެ މެންދުރުގެ ނަމާދަށް ފަހު, އާސަހަރާ މިސްކިތުގައެވެ. ސުއިކް ސޭންޑް ޝޯއެއް ކުޅެނީ: މެލްބެ ފަހަތުގައި ކީބޯޑް ކުޅެން-- އޭނާއަކީ 1960ގެ އަހަރުތަކުން ފެށިގެން މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވަމުން ގެންދެވި ޚިދުމަތްތެރިއެކެވެ. އެގޮތުން، ރާއްޖޭގައި އެންމެ ފުރަތަމަ ވިޔަފާރީގެ އުސޫލުން މިއުޒިކް ކުޅެން ފެށި ބޭންޑްތަކުގެ ތެރޭގައި ހިމެނޭ "ސިލޫޓްސް"ގައި މެލްބެ ވަނީ އިސް ދައުރެއް އަދާ ކުރައްވައިފައެވެ. އާއްމުކޮށް ކީބޯޑް ކުޅުއްވި ނަމަވެސް މެލްބެއަކީ ގިނަ މިއުޒިކް އިންސްޓްރޫމަންޓަށް ވަރަށް ފަރިތަ ބޭފުޅެކެވެ. ޚާއްސަކޮށް މިއުޒިކްގެ ކޯޑްތަކަށް އޭނާ ވަރަށް ކުޅަދާނެއެވެ. މެލްބެގެ ނަން އޭނާއަށް ދެވުނީ ވެސް މިއުޒިކްގެ އިލްމަށް އެހާ ދިވެހީން ހޭލުންތެރި ނޫން ޒަމާނެއްގައި, ބޭރު މީހެއް ކަމަށްވާ މެލްބެ ލިޔެފައިވާ މިއުޒިކް ކޯޑް ފޮތެއްގެ އެހީގައި އޭނާ ދިވެހީންނަށް މިއުޒިކް ކިޔަވައި ދެއްވާތީއެވެ. "ލަވައެއް މި ރީތި ވަނީ އަޑުތަކުގެ ފަހަތުގައި ހުންނަން ޖެހޭ ކޯޑްތަކުގެ ސަބަބުން. މެލްބެ ހުރިއްޔާ އެކަން ވަރަށް ފުރިހަމަ ވާނެ," މެލްބެއާއެކު ސްކައި ސޭންޑް ބޭންޑްގައި އުޅުއްވި އިސްމާއީލް އަބްދުالله (ވަޑި އިސްމާއީލް) ވިދާޅުވިއެވެ. ސިލޫޓްސް ބޭންޑުން 1962 ގައި ޝޯއެއް ކުޅެނީ: މެލްބެއަކީ އެ ބޭންޑުގެ ޚާއްސަ މެންބަރެއް-- މިއުޒިކް ކުޅުއްވުމުގެ އިތުރުން މެލްބެއަކީ ވަރަށް ގިނަ ބަޔަކަށް އެ އިލްމު ފޯރުކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން، ދިވެހި ރާއްޖޭގެ އަޑުގެ ބޭންޑްތަކަށާއި ކޮޕްސް ބޭންޑް ފަދަ ބޭންޑްތަކަށް މިއުޒިކް ކިޔަވައި ދެއްވުމުގައި މެލްބެ އުޅުއްވިއެވެ. "މީހުންނާ ވަރަށް ގުޅޭ. ވަރަށް މަޖާ ބޭފުޅެއް އެއީ. އެއްވެސް ވަރަކަށް މޫނު ހަދައިގެން ނޫޅުއްވާނެ. ވަރަށް ޝައުގާއެކު މިއުޒިކްގައި އުޅުއްވީ. މި ފަހުން ވެސް ވަރަށް ޝޯއެއް ދެއްވަން ބޭނުންފުޅު ވެގެން އުޅުއްވި. ހަފުތާއަކު ތިން ދުވަހު ޑައިލަސިސް ހަދާއިރު ނުހަދާ ދުވަސްތަކުގައި މިއުޒިކް ކުޅެވޭނެ ކަމަށް ވިދާޅުވަމުން އައީ," އިސްމާއީލް ވިދާޅުވިއެވެ. މިއުޒިކް ކުޅުއްވުމުގެ އިތުރުން މެލްބެއަކީ ދިވެހި ސަރުކާރަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ހެލްތު މިނިސްޓްރީގައި ހެލްތު އެސިސްޓެންޓަކަށް ގިނަ އަހަރުތަކެއް ވެންދެން އުޅުއްވިއެވެ. ސިއްހީ ކަންކަމަށް އާއްމުން ހޭލުންތެރި ކުރުވުމަށާއި މަދިރި ނައްތާލުމުގެ ކެމްޕެއިންފަދަ ގިނަ ކަންކަން ހިންގެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ