'ދަ މެންގްރޫވް އައިލެންޑު' ފުޓުބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސްމީޑިއާ

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ދަ މެންގްރޫވް އައިލެންޑް" ފުޓުބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑީއާ ހަމަޖައްސައި، މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ކެނދިކުޅޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ މެންބަރު މުޙައްމަދު ޝާހިދެވެ. ސަން ސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓު އޮފިސަރު މުހައްމަދު ޒަހީނެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ޝާހިދު ވިދާޅުވީ، މި މުބާރާތުގެ ނަމަކަށް މެންގްރޫވް އައިލެންޑޫ ދީފައިވަނީ ޑެސްޓިނޭޝަން މާކެޓެެއްގެ ގޮތުގައި ރަށް އިޝްތިހާރު ކުރުމަށް ކަމަށެވެ. މި މުބާރާތް މެދުވެރިކޮށް, އެ ރަށް ސްޕޯޓްސް ޓޫރިޒަމަށް އިސްތިހާރު ކުރުމަކީ މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. ފުޓްބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރަނީ ---- ސަން ފޮޓޯ/ ހާފިޒް މިއީ ކައުންސިލްގެ ހަތަރު ވަނަ ދައުރު ފެށުނީއްސުރެ ބާއްވާ މުބާރާތެއް ކަމަށާއި މުޅި ރާއްޖެއަށް ހުޅުވާލައިގެން މިއީ މުބާރާތް ބާއްވާ ދެވަނަ ފަހަރު ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ، އެގޮތުން، މި އަހަރު އިއުލާނުކޮށްގެން އަށް ޓީމު ބައިވެރިވި ކަމަށާއި މިދިޔަ އަހަރަށް ވުރެ މުބާރާތުގައި ބައިވެރިވި ޓީމުތައް މަދުވީ އެފްއޭއެމްގެ ލީގު ފަށާފައި އޮތުމުން ކަމަށް ބެލެވޭ ކަން އޭނާ ފާހަގަކުރެއްވިއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ. ހުރިހާ މެޗެއްވެސް ގުޅުމަށް ހަމަޖެހިފައި ވަނީ ކެނދިކުޅުދޫގައެވެ. "[މުބާރާތުގެ] އެންމެ ބޮޑު މަގުސަދަކީ އިގުތިޞާދީ ހަރަކާތްތަކެއް ހިންގުން. ކައުންސިލުން ޚަރަދުކޮށްގެން މުބާރާތް ބޭއްވިޔަސް އޭގެ މަންފާ ހަގީގަތުގައި ރަށަށް ވަރަށް ބޮޑުކޮށް ލިބޭނެ. އޭގެތެރޭގައި އެ އަންނަ ފަރާތްތަކުން ރަށުން ކުރާ ވިޔަފާރިތަކަށް ލިބޭ މަންފާއާއި އަދި ރަށުގެ ތަންތަން ކުއްޔަށް ނަގައިގެން އެ ލިބޭ މަންފާ. އެ ހުރިހާ ކަމަކަށް ބަލާއިރު އިގުތިޞާދީ ހަރަކާތެއްގެ ގޮތުގައި މުޅި ރާއްޖެއަށް ހުޅުވުމުގެ މަގުސަދަކީ" ޝާހިދު ވިދާޅުވިއެވެ. މުބާރާތާ ގުޅޭގޮތުން ޝާހިދު ސަން އަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ ހާފިޒް ހުސައިން އެސްއެސް މީޑިއާގެ ސީސީއޯ ޒަހީން ވިދާޅުވީ، މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ހަމަޖެއްސެވުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ. މި މުބާރާތަކީ ރާއްޖޭގައި ބޭއްވޭ މިފަދަ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މުބާރާތް ކަމަށްވުމާއެކު، އެކަމަށް ޓަކައި ވަރަށް ފަޚުރުވެރިވާ ކަން ޒަހީން ފާހަގަކުރެއްވިއެވެ. އެއާއެކު، ޒަހީން ވަނީ، އެސްއެސްމީޑިއާގެ ހުރިހާ ޕްލެޓްފޯމުތައް ބޭނުންކޮށް މުބާރާތް އިޝްތިހާރުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. "ފުޓުބޯޅަ މުބާރާތް އަޅުގަނޑުމެން ވަރަށް ރަނގަޅު ފެންވަރެއްގައި ގެނެސްދޭނަން. އަދި، އޭގެ އިތުރަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ތި ރަށް އިޝްތިހާރު ކުރުމުގެ ގޮތުން ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހަދަން. އެކަމަށް ޓަކައި، މިހާރު މި ވަނީ ޕްލޭންތަކެއް ހެދިފައި" ޒަހީން ވިދާޅުވިއެވެ. މި މުބާރާތުގެ ޚަބަރުތައް އެސްއެސް މީޑިއާގެ ދަށުން ހިންގާ ރާއްޖޭގެ އެންމެ ދުވަސްވީ އޮންލައިން ނޫސް, ސަން އޮންލައިނާއި އެސްއެސް ޓީވީއިން ވެސް ގެނެސްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ