ރ. ފައިނުގައި ތަރައްގީ ކުރަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތްތައް ފެށުމުގެ ކުރިން ހަދަންޖެހޭ އެސެސްމެޓުތައް ހެދުމަށް އެމްޓީސީސީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ފައިނު އެއާޕޯޓުގެ މަސައްކަތް މި މަސް ތެރޭ އެމްޓީސީސީ އާ ހަވާލު ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލް - މިއަދު އެމްޓީސީސީއާ އެކު ސޮއުކުރި އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެމްއޭސީއެލް އިން ބުނީ މިއަދު ސޮއިކުރީ އެއާޕޯޓުގެ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އެސެސްމެންޓުތައް ކުރިއަށް ގެންދިޔުމުގެ އެއްބަސްވުމުގައި ކަމަށެވެ.
އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މަޝްރޫއުގައި ސޮއިކުރުމަށް ފަހު އެމްއޭސީއެލް އިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ މި މަޝްރޫއަކީ ރައީސް މުހައްމަދު މުއިއްޒުގެ ތަސައްވަރާ އެއްގޮތަށް، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް އިގްތިސޯދީ ކުރިއެރުމަށް މުހިއްމު މަޝްރޫއެއް ކަމަށެވެ.
ގުޅުން ހުރި - މިދިޔަ މަހުގެ23ގައި ރ. ފައިނަށް ވަޑައިގެން ރައީސް ވަނީ ވަރަށް އަވަހަށް އެ ރަށުގައި އެއާޕޯޓުގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ފައިނު އެއާޕޯޓަކީ އެ ރަށު ރައްޔިތުންނާއި އެ ދާއިރާގެ ރައްޔިތުންގެ ވެސް އިގްތިސޯދީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ އެއާޕޯޓެއް ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
"ވަރަށް ގިނަ ވަޒީފާތައް އޭގެ ސަބަބުން އުފެދިގެންދާނެ. މި ސަރަހައްދަށް ގިނަ ރިސޯޓުތަކެއް އައުމަށް މަގުފަހުވެގެންދާ ކަމަކަށް މިކަން ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ފައިނު އެއާޕޯޓު ވެގެންދާނީ އުއްމީދީ އެއާޕޯޓަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި އަތޮޅުގައި އަޅުގަނޑު ވައުދުވެފައި އޮންނާނެ މި ދައުރުގެ ތެރޭގައި ގިނަ ރިސޯޓުތަކެއް ހެދުމަށް އަޅުގަނޑުމެން ފުރުސަތު ދޭނެކަމަށް. އެހެންވީމާ މުޅި ޓޫރިޒަމް އިންޑަސްޓްރީ އަށް އަދި މި އަތޮޅުގެ ޓޫރިޒަމަށް އިތުރު ކުރިއެރުންތަކެއް އައިސް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ހާއްސަ އިސްކަމެއް ދެއްވައިގެން ކަމަށެވެ.
ފާހަގަ ކުރެވޭ - ފައިނުގައި އެއާޕޯޓު އެޅުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކުރި އިރު އެ އެއާޕޯޓު އެޅުމާ ދެކޮޅަށް މީގެ ކުރިން ވެސް ވަނީ އަޑު އުފުލައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑޮމެސްޓިކް އެއާޕޯޓަކާ އެކު ސިޓީ ހޮޓަލެއް އަޅަން ނިންމި އެ މަޝްރޫއާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލައި 'ސޭވްފައިނު'ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ވެސް ހިންގި އެވެ.
އޭރު އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ:
މަޝްރޫއު ހިންގުމަށް ރަށުގެ ބޮޑު ބައެއް ބޭނުން ކުރުން؛ ރަށުގެ ތިންބައިކުޅަ ދެބައި މަޝްރޫއުގެ ތެރެއަށް ފެތިގެންދޭ
ރަށުގެ އާމްދަނީ ބިނާވެފައި އޮތީ ދަނޑުވެރިކަމަށް އަދި އެ މަޝްރޫއުގެ ސަބަބުން ދަނޑުބިންތައް ގެއްލިގެންދޭ
ހިތްގައިމު ރަށެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ އެ ރަށުގެ ރީތިކަން މަޝްރޫއާ އެކު ގެއްލިގެން ދިޔުން
ތިމާވެށީގެ ޖަމިއްޔާތަކުން ވެސް އެ މަޝްރޫއާ ދެކޮޅަށް ކަންބޮޑުވުންތައް ފާޅުކުރި
އޭގެ ފަހުން ސަރުކާރު ބަދަލުވެ، ދެން އައި އެމްޑީޕީ ސަރުކާރުން ނިންމީ ފައިނުގެ ބަދަލުގައި އެ އަތޮޅު ބެރިޔަންފަރުގައި އެއާޕޯޓު އަޅާށެވެ.
ރ. އަތޮޅުގައި މިހާރު އެއާޕޯޓެއް އޮންނަނީ އިފުރުގަ އެވެ. ނިމިދިޔަ ސަރުކާރުން އެ އަތޮޅު އަލިފުށީގައި އެއާޕޯޓެއް އެޅުމަށް މަސައްކަތް ފަށާފައިވެ އެވެ.
ފައިނު އެއާޕޯޓު ތަރައްގީކުރަން އެމްޓީސީސީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ