އާރްޔަން އަކީ ހީކުރާ ވަރަށް ވުރެ މާ ޒިންމާދާރު، ތަފާތު މީހެއް: ކަރަން

ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން އަކީ އާއްމުންގެ ގިނަ މީހުން ހީކުރާ ވަރަށްވުރެ މާ ޒިންމާދާރު މީހެއް ކަމަށާއި އެއީ ފިލްމު އިންޑަސްޓްރީގެ ތާރީޚުން ޖާގަ ހޯދާނެ ޑައިރެކްޓަރެއް ކަމަށް ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފިއެވެ. ދާދިފަހުން ކަރަން ބައިވެރިވި ޕޮޑްކާސްޓް ޝޯއެއްގައި ކަރަން ބުނީ، އާރްޔަން ފިލްމު އިންޑަސްޓްރީއަށް ޑައިރެކްޓަރެއްގެ ގޮތުގައި ތައާރަފްވާ ވެބް ސީރީސް "ބޭޑްސް އޮފް ބޮލީވުޑް" އޭނާ ބެލި ކަމަށެވެ. އާރްޔަންގެ މަސައްކަތް ފެނި ކަރަންއަށް ލިބުނު ހައިރާންކަމާ އެކު ވަރަށް ބޮޑު އުފާވެރިކަމެއް އިހުސާސް ކުރެވުނު ކަމަށް ކަރަން ވަނީ ބުނެފައެވެ. އެންމެ ކުޑައިރުއްސުރެ ވެސް އާރްޔަން އަކީ އެހެން މީހުންނާ ޚިލާފަށް އަބަދުވެސް ކަންކަން ހާސިލުކުރަން ބޭނުންވާ މީހެއް ކަމަށާއި އެއްވެސް އިރަކު ބައްޕަ "ޝާހު"ގެ ޓެގް އަޅުވައިގެން އުޅުނު މީހެއް ނޫން ކަމަށް ކަރަން ވަނީ މި ޝޯގައި ބުނެފައެވެ. އާރްޔަންގެ ވެބް ސީރީސްގެ ޕްރޮމޯގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް އާރްޔަން އަކީ ކަރަންގެ އަލަތު ދަރިފުޅުގެ މަގާމު އޭނާ ދީފައިވާ ޒުވާނެއް ކަމަށާއި މަސައްކަތުގައި އޭނާ 20 ގަޑިއިރު ހޭދަކުރާއިރު މަސައްކަތަށްވުރެ މުހިއްމު އެއްވެސް ކަމެއް އެ ވަގުތު އާރްޔަންއަށް ނޯންނަކަމަށް ކަރަން ވަނީ ބުނެފައެވެ. އެއީ މިފަހަކަށް އައިސް ޒުވާނުންގެ ފަރާތުން ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެއް ކަމަށާއި ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ނިންމަންޖެހޭ ނިންމުންތައް އަމިއްލައަށް ނިންމުމުގެ ގާބިލްކަން އާރްޔަން ލިބިފައިވާ ކަމަށް ކަރަން ބުނެފައިވެއެވެ. ނެޓްފްލިކްސްއިން ޕްރީމިއާ ކުރާނެ ކަމަށް ބުނެފައިވާ އާރްޔަންގެ ވެބް ސީރީސްއާ ބެހޭގޮތުން މާގިނަ ތަފުސީލު ކަރަންއަށް ދެވެން ނެތްއިރު މިވަގުތު ބެލުންތެރިންގާތު ބުނެލަން އޮތީ އެ ސީރީސް ބަލާލުމަށް ކަމުގައި ކަރަން ވަނީ ބުނެފައެވެ. ކަރަން ގަބޫލުކުރާ ގޮތުގައި ކޮންމެ ކިންގްއެއްގެ ފަހަތުން ޕްރިންސްއެއް ނުކުންނާނެއިރު އާރްޔަން އަކީ ޝާހުގެ ދަރިފުޅުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މީހަކަށްވުރެ މާ ހުނަރުވެރި ބެލުންތެރިން ހީވެސް ނުކުރާ ކަހަލަ އަމިއްލަވަންތަ ހާއްސަ ސިފަތަކެއް ލިބިފައިވާ ޒުވާނެއް ކަމަށް ކަރަން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ