އަޒުމު ކަނޑައަޅަންވީ ނޭދެވޭ ކަންކަމާ ދުރުހެލިކޮށް، އަޚުލާގުން ޒީނަތްތެރިވެފައިވާ ބަޔަކަށް ކުޑަކުދިން ހަދަން: ރައީސް
އަޒުމު ކަނޑައަޅަންވީ ނޭދެވޭ ކަންކަމާ ކުޑަކުދިން ދުރުހެލިކޮށް, ރިވެތި އަޚުލާގުން ޒީނަތްތެރިވެފައިވާ ބަޔަކަށް ކުޑަކުދިން ހެދުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ޚިތާބުގައި ވަނީ، ކުޑަކުދިންގެ ދުވަހަކީ ގައުމުގެ އުފާވެރިކަމާ މާދަމާގެ ފޮނި އުންމީދުތައް ގުޅިގެން އަންނަ ޚާއްސަ މުނާސަބަތެއް ކަމަށެވެ. ރާއްޖޭގެ ހަތަރުބައި ކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށްވާއިރު، އެކުދިން ތައްޔާރުވަމުން ދަނީ މުސްތަގުބަލުގައި ގައުމުގެ ކަންކަމާ ހަވާލުވާން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދިން ބޮޑެތިކޮށް، ދިވެހިންގެ ސިޔާދަތާއި ކަރާމާތާއި ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި އެކުދިން ތަރުބިއްޔަތު ކުރުމަކީ އެންމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ވާޖިބު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ތުއްތު ކުއްޖަކާއެކު: އެމަނިކުފާނު -- ފޮޓޯ/ ރައީސް އޮފީސް ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައި ކަން ފާހަގަކުރައްވައި، ރައީސް ވަނީ، އެ ކުއްޖާގެ އުޅުމާއި ޢަޤީދާ ބައްޓަންވަނީ ބެލެނިވެރީން ދިން ތަރުބިއްޔަތެއްގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ. ކުޑަކުދިންގެ މިޖާޒުގައި ހުންނާނީ ނިޔަނެތިކަމާއި ސާފުސީދާކަން ބޮޑެތި މީހުންނާމެދު އެކުދިން ދެކޭނީ، ބެލެނިވެރިއެއް، މުރުޝިދެއް، މަދަދުގާރެއްގެ ނަޒަރުން. އެ ކުދިންގެ މަޢުޞޫމުކަން އަބަދުވެސް ޖާގަދޭނީ، ދޮށީ މީހުންގެ ބަސް އެހުމަށް. އަޅުގަނޑުމެން އުޅޭ އުޅުމާއި ދައްކާ ނަމޫނާ ނަކަލު ކުރުމަށް އޭގެއިތުރުން، މިއަދު އަޒުމު ކަނޑައަޅަންވީ ކޮންމެ ނޭދެވޭ ކަމަކާ ކުޑަކުދިން ދުރުހެލި ކުރުމަށް ކަމަށާއި ކޮންމެ ތަނެއްގައި ވެސް އެކުދިންނަކީ އެހެން މީހުންނަށް އިހުތިރާމުކުރާ އަދަބު އަޚުލާގުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހެދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މާދަމާއަށް ބޭނުން ހިފޭނެ ތައުލީމާއި ތަންރީނު އެކުދިންނަށް ހޯދައިދިނުމަށާއި ގައުމު ދެކެ ލޯބިވާ، ދިވެހިވަންތަ ދަރިންތަކެއްގެ ކަނޑުމަތީގައި ގައުމުގެ މަޖްދާއި ކަރާމާތް އުފުލާނެ ކަން ކަށަވަރު ކުރަން ޖެހޭ ކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ރައީސް މުއިއްޒު ކުޑަކުއްޖަކާ ސަލާން ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް މިއަދުގެ މުނާސަބަތުގައި ރައީސް ވަނީ ކުޑަކުދިންނަށް ނަސޭހަތެއް ވެސް ދެއްވާފައެވެ. އެގޮތުން،މިއީ އެކުދިންގެ އުމުރުގެ އެންމެ އަގުހުރި ދުވަސްތައް ކަން ހަނދާން ބަހައްޓައި، ކޮންމެ ދުވަހު ވެސް ބޭނުންތެރި އައު ކަންކަން ދަސްކުރުމަށް އެމަނިކުފާނު ކުޑަކުދިންނަށް ނަސޭހަތްތެރިވިއެވެ. އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން ޢަޒުމު ކަނޑައެޅުމެވެ. ފަރުޟު ފަސްނަމާދު ކުރުމާއި ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމެވެ. ތިޔަ ކުދިންގެ މަންމަ ދެކެ ވާ ލޯބި، ތިޔަ ކުދިންގެ މި ޤައުމު ދެކެވެސް ވުމެވެ. ވަގުތު ބޭކާރު ނުކުރުމެވެ. ޞިއްޙީ އާދަތަކުގައި ހިފުމެވެ. ބަސްއަހާ ކިޔަމަންތެރި ކުދިބަޔެއްގެ ގޮތުގައި ދެމިތިބުމެވެ. ހަމައެއާއެކު، ކުޑަކުދިން ހެޔޮ ގޮތުގައި ބޮޑުކުރުމަކީ ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަމުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވަނީ، ކުޑަކުދީންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އެކުދިންނަށް ފޮނުއްވާފައެވެ. މިއަދުގެ މުނާސަބަތުގައި ހުޅުމާލޭގައި ކުލަގަދަކޮށް، ފެމިލީ ފެސްޓިވަލެއް ބޭއްވުމަށްވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ