ރައްޔިތުންގެ އަޑު ނޭހުމަށް، މާލޭގެ 24 އަށް ވުރެ ގިނަ މަގު ބަންދު ކޮށްގެން މިއަދު ރައްޔިތުންނަށް ޖެއްސުން ކުރުމުން، މުއިއްޒަށް އެތައް ހާސް ވޯޓެއް ގެއްލުން ފިޔަވާ އިތުރު އެއްކަމެއްވެސް ނުވާނެ

ރައްޔިތުންގެ އަޑު ނޭހުމަށް އަދި ކިބުރުވެރިކަމާއި ބޮޑާވެރި ކަންމަތީ ރިޔާސީ ބަޔާން އިއްވަން ދިޔުމަށް، މާލޭގެ 24 އަށް ވުރެ ގިނަ މަގު ބަންދު ކޮށްގެން މިއަދު ރައްޔިތުންނަށް ޖެއްސުން ކުރުމުން، އެތައް ހާސް ވޯޓެއް ގެއްލުން ފިޔަވާ އިތުރު އެއްކަމެއްވެސް މިކަމުން ހާސިލެއް ނުވާނެއެވެ.
މަގު ބަންދުވެ، ޕްރައިވެޓް އޮފީހަށް ހިނގާފައި ދާނެ ޖެހޭ ފަރާތްތަކުގެ ނަފްރަތު ފިޔަވާ އިތުރު އެއްޗެއް މުއިއްޒަށް ނުލިބޭނެއެވެ. މުއިއްޒަކީ ރައްޔިތުންގެ ތާޢީދެއް މިހާރުވެސް އޮތް މީހެއް ނޫނެވެ. މާލޭގެ ތިންބައިކުޅާ އެއްބައި ބަންދު ކޮށްގެން، ހާލުގައި ތިބި ވިޔަފާރި ތަކަށް އިތުރަށް ލިބޭނީ އެތައް ހާސް ރުފިޔާގެ ގެއްލުމެކެވެ. ނަމަވެސް ބޮޑާ ކަން ދައްކައި، ރައްޔިތުންނަކީ އަޅުން ކަމަށް ދެކޭ އަމިއްލަ އަށް “ރަސް ކަލަކަށް” ވެގެން ތަހުތުގައި އިންނަ މީހަކަށް ރައްޔިތުންގެ އިހްސާސެއް ނޭނގޭނެއެވެ.
އެގޮތުން ޖުމްހޫރީ މައިދާނާ ހަމައިން އަމީރު މަގު، މަޖީދިއްޔާ ސްކޫލާ ހަމައަށް ބަންދު ކުރާއިރު، މެދުޒިޔާރަތް މަގު ވެސް ސޯސަން މަގުން ފެށިގެން ގޮސް ސިފައިންގެއާ ހަމައަށް ބަންދުވާނެ އެވެ. އޭގެއިތުރުން މަޖިލީހުގެ ފުރަގަހުން އޮންނަ ހިތަށް ފިނިވާ މަގާއި މަގުތަކަށް ވަދެވޭ ހުރިހާ މަގުތަކެއް މިއަދު ބަންދުވާނެ އެވެ.
ހެންވޭރުގެ ބޮޑު ބައެއް ބަންދު ކުރަން މުއިއްޒު ނިންމާފައި މިވަނީ މިއަދުގެ ޖަލްސާ އަޑުއަހަން އިދިކޮޅު އެމްޑީޕީގެ އާންމު މެންބަރުން އެ ސަރަހައްދަށް އެއްވާން ނިންމުމުންނެވެ. ރައްޔިތުން އަޑު ނާހަން ފިލައިގެން މަޖިލީހަށް ދިޔުމަށް، އެތައް ހާސް ރައްޔިތުންނަށް ޖެއްސުން ކުރުން ހުއްޓާލާށެވެ. ރައްޔިތުންގެ އިހްސާސް އަޑު އައްސަވައި ރައްޔިތުންގެ މެދުން ހިންގަވާފަ ވަޑައިގަންނަވާށެވެ. ޖައްބާރުކަން ދައްކައިގެން ލިބޭނީ ހަމަ އިތުރަށް ނަފްރަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ