މެލޭޝިއާގެ ވިޔަފާރިތަކުން ރާއްޖޭގެ ތަރައްގީއަށް އިންވެސްޓްކުރަން ރައީސްގެ ދައުވަތެއް
ދިވެހިރާއްޖޭގައި ހުރި ވިޔަފާރީގެ އާ ފުރުސަތުތަކުގެ ބޭނުން ހިފައި، ރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ގައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރުގައި ބައިވެރިވުމަށް މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދިޔަ މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމްގައި މިއަދު ތަގުރީރު ކުރައްވަމުންނެވެ.ރައީސްގެ ވާހަކަފުޅުގައިވަނީ، މި ސަރުކާރުން ކުރިއަށްދަނީ ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދައި ދިނުމުގެ އަޒުމުގައިކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރައީސް ވަނީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި މުއައްސަސާތައް ހަރުދަނާ ކުރުމަށާއި ދިވެހި ޖަޒީރާތަކަށް ލިބިފައިވާ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފޭނޭ މަގުފަހި ކުރުމަށް، މި ސަރުކާރުން ވެފައިވާ ވައުދުތަކަކީ، އެ މަނިކުފާނު ޚާއްސަ އަހަންމިއްޔަތުކަން ދެއްވާ ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ.ރައީސް ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ދިވެހިރާއްޖެ ބައްދަލުކުރާނީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ކަމަށް ހެދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް މެލޭޝިއާގެ ވިޔަފާރިތަކަށް ހާއްސަ ގޮތެއްގައި ދައުވަތު ދެއްވާފަ އެވެ."ރާއްޖެއިން މި ތަސައްވަރުކުރާ ބަދަލަކީ އެކަނި ގެނެވޭނޭ ބަދަލެއް ނޫން. އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ.ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު (އީއީޒެޑް)ގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތުތައްވެސް ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ. ރާއްޖެއިން ޝައުގުވެރިވަނީ ދެ ފަރާތަށްވެސް ފައިދާކުރަނިވި އިތުބާރު ހިފޭ ފަދަ ހަރުދަނާ ތަރައްގީގެ ބައިވެރީން ހޯދުމަށް ކަމުގައިވެސް ވިދާޅުވި އެވެ.ރާއްޖެ އިން ލިބެން ހުރި ފައިދާތަކަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިއްމު ސަރަހައްދެއްގައި ކަމަށްވާތީ ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުގައި އިންވެސްޓް ކުރެވިދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި ހާއްސަކޮށް އިކޯ-ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުސަތުތަކާ ގުޅޭ ބައެއް މައުލޫމާތުވެސް ރައީސް ހިއްސާކުރެއްވި އެވެ.ރައީސްގެ ތަގުރީރު ނިންމަވާލެއްވީ ދިވެހިން މިތިބީ، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ގޮތުގައްޔާއި ރާއްޖޭގެ މުސްތަގުބަލާއި ތަމައްދުނުގެ ބައިވެރިންގެ ގޮތުގައި މެލޭޝިއާގެ ރައްޔިތުންނަށް މަރުހަބާ ކިޔަން ތައްޔާރަށްކަމުގައި ވިދާޅުވެފަ އެވެ.ރައީސް މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ވިޔަފާރިއާއި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ވެސް ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ