ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލާގައި ފަނޑިޔާރުން ހާޒިރުކުރުމާ މެދު ފަހުން ގޮތެއް ނިންމާ ގޮތަށް ފާސްކޮށް ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން މިއަދު ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
އިއްޔެ ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރުން ވަކިކުރަން ނިންމުމަށް ފަހު، ވަކިކުރުމުގެ މައްސަލަ މަޖިލީހަށް އިއްޔެ ފޮޮނުވި އެވެ. އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާކަން މަޖިލީހުގެ ރައީސްގެ މޭޒުން އިއުލާންކުރުމަށް މިއަދުގެ ޖަލްސާގައި އެޖެންޑާކޮށް، މިއަދު ޖުޑީޝަރީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވެސް ބޭއްވި އެވެ.
ތަފްސީލް - ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވެސް މި މައްސަލައާ މެދު މިއަދުން މިއަދަށް ގޮތެއް ނުނިންމައި ތަހުގީގު ކޮމިޓީގެ ރިޕޯޓާއި އިތުރު ލިޔެކިޔުންތައް ދިރާސާކުރުމަށް ވަގުތު ހޭދަކުރުމަށް އިއްތިފާގުވި އެވެ.
ނަމަވެސް ފަނޑިޔާރުން ހާޒިރުކުރުމާ ގުޅޭ ގޮތުން މެންބަރުންގެ ތެރޭގައި ކުޑަ ހިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. އެ ގޮތުން:
ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވީ ފުރަތަމަ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، ބަޔަކު ހާޒިރުކުރަން ޖެހޭތޯ ނޫންތޯ ކޮމިޓީން ވަކި ބައްދަލުވުމެއްގައި ފަހުން ގޮތެއް ނިންމުމަށް
ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ ތުހުމަތުވާ ދެ ފަނޑިޔާރުންނާއި ޖޭއެސްސީން މައްސަލަ ބެލުމަށް އެކުލަވާލި ތަހުގީގު ކޮމިޓީގެ ބޭފުޅުން ހާޒިރުކުރަން މިއަދު ފާސްކުރުމަށް
ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމިޓީން ފާސްކުރީ ވެރިކަންކުރާ ޕީއެންސީގެ މެންބަރު އަޝްރަފް ހުށަހަޅުއްވައި، ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ތާއީދުކުރެއްވި ގޮތަށެވެ.
ފާހަގަކޮށްލެވޭ - ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވަން އެދިވަޑައިގެން އަޒްމިރަލްދާ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ފޮނުއްވާފައިވެ އެވެ. އޭގެ ކުރިން ވެސް މި މައްސަލަ ބެލުމަށް އަޒްމިރަލްދާ އެދިވަޑައިގަތުމުން މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވެ އެވެ.
ފަނޑިޔާރު ކަމުން ވަކިކުރުމަށް އިޖުރާއަތް އޮންނަ ގޮތަކީ:
ފަނޑިޔާރަކު ވަކިކުރަން ޖެހޭ ކަމަށް ޖޭއެސްސީގެ ޖަލްސާއަކުން ފާސްކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ނިންމީ، ކޮމިޝަނުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުތޯ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލައި ދިރާސާކުރުން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފަނޑިޔާރު ވަކިކުރަން ފާސްކުރުން
ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން
ގުޅުން ހުރި - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ. އެގޮތުން:
މަހާޒު އަދި އަޒްމިރަލްދާ ސަސްޕެންޑްކުރަނީ ވެސް އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށް
އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވާފައި؛ އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރި
ދޮގު މައުލޫމާތު ޝާމިލް ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވި؛ އެކަމަކު ފުލުހުން މައްސަލަ ބަލައެއް ނުގަތް
އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ބަލަން ފެށި އެވެ. އެ މައްސަލަތަކަކީ:
ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް
ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި
އެނގުން މުހިންމު - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.
ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މިއަދަށް ދެ މަހަށް ވުރެ ގިނަ ދުވަސް ވީ އެވެ. އެއީ:
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން
ކޮމިޓީން ނިންމީ ލިޔުންތައް ދިރާސާކުރުމަށް ފަހު ފަނޑިޔާރުން ހާޒިރުކުރަން ފަހުން ގޮތެއް ނިންމަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ