ފާރުގަނޑުތަކަށް ޚާއްސަ ފަރުވާދޭ އެޑްވާންސްޑް ވުންޑް ކެއަރ ކްލިނިކެއް ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފި

ފާރުގަނޑުތަކަށް ޚާއްސަ ފަރުވާދިނުމަށް އެޑްވާންސްޑް ވުންޑް ކެއަރ ކްލިނިކެއް ހުޅުމާލޭ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފިއެވެ. މި ކްލިނިކް އިފްތިތާހުކޮށްދެއްވީ ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މިފަދަ ކްލިނިކެއް ހުޅުމާލެފަދަ އިތުރުވަމުންދާ އާބާދީއެއް ހިމެނޭ ސަރަޙައްދެއްގައި ހުޅުވިގެން ދިއުމަކީ ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފާރުގަނޑުތަކަށް ފަރުވާ ލިބިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.ސީއީއޯ އިތުރަށް ވިދާޅުވި ގޮތުގައި ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ފާރުގަނޑުތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުންދެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެކަނިވެސް 5000 އަށްވުރެ ގިނަ މީހަކަށް ފަރުވާދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި އައު ކްލިނިކާއެކު މި ޚިދުމަތް އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދުކުރެވެއެވެ."ޒަމާނީ ވަސީލަތްތަކާއެކު، ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވުނު މިކްލިނިކްގެ ކަންކަން ބަލަހައްޓައި ހިންގާނީ ވަކިގޮތަކަށް މެނޭޖްކުރެވިގެން," ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ބަލިމީހުންނަށް ލިބޭ ފަރުވާގެ ފެންވަރު މަތިވެގެންދާނެކަމަށް އުއްމީދުކުރެވެއެވެ.މި ކްލިނިކް ހުޅުވުމާއެކު، ހުޅުމާލޭގެ އިތުރުން އަތޮޅުތަކުން ފަރުވާ ހޯދަން އަންނަ ފަރާތްތަކަށްވެސް ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ. މިއީ ސަރުކާރުގެ ޞިއްޙީ ދާއިރާ ހަަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެއްކަމަށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ