ނިލަންދޫގެ މަގުތަކުން ނަޖިސް އަރާތާ 10 ވަރަކަށް އަހަރު، ހައްލުވާނީ އަންނަ އަހަރުގެ ފަހުކޮޅަށް
ފ. ނިލަންދޫގެ ނަރުދަމާގެ ނިޒާމު ފެއިލްވެ، ރަށުގެ މަގުތަކުން ނަޖިސް އަރާތާ 10 ވަރަކަށް އަހަރުވެފައިވާއިރު، އެ މައްސަލަ އަންނަ އަހަރުގެ ފަހުކޮޅަށް ހައްލުކުރެވޭނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ބުނެފިއެވެ. 'އެކްސް'ގައި ހައިކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވަނީ ނިލަންދޫގެ ނަރުދަމާ ނިޒާމު ފެއިލްވެ ރަށުގެ އެކި ތަންތަނުން ނަޖިސް އަރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، މުޅި ރަށް ނަޖިިިހުން ތަޣައްޔަރު ވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހައްލުކޮށްދިނުމަށް ވަނީ އެދިފައެވެ. އޭނާ ވަނީ އެ ރަށުގެ މަގުގެ ހާލަތު ދައްކުވައިދޭ ފޮޓޯތަކެއް ވެސް ހިއްސާކޮށްފައެވެ. https://x.com/Ameenfaisall/status/1905704317979685323 އެ މައްސަލައާ ގުޅޭ ގޮތުން "ސަން" އާ ވާހަކަދެއްކި ނިލަންދޫ މީހަކު ކިޔައިދިން ގޮތުގައި ރަށުގެ މަގުތަކުން ނަޖިސް އަރާ މައްސަލަ ދިމާވާތާ މިހާރު 10 ވަރަކަށް އަހަރު ވެދާނެއެވެ. އަދި އެއީ ރައްޔިތުންނަށް އެކަމުގެ ސަބަބުން އެތައް ތަކުލީފުތަކަކާ ދިމާވާ މައްސަލައެއް ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ. އަދި ގާތްގަނޑަކަށް 500އެއްހާ ދުވަސްތެރޭ އެ މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި ނަމަވެސް އަދިވެސް އެ މަސައްކަތުގެ އަމަލީ މަސައްކަތް ނުފެށި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ފ. ނިލަންދޫގެ މަގެއްގައި ނަޖިސް އަރާފައި: 10 އަހަރުވީ އެ މައްސަލަ ހައްލުވާނީ އަންނަ އަހަރުގެ ފަހުކޮޅަށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި -- ފޮޓޯ/ އެކްސް، އަމީން ފައިސަލް ނިލަންދޫގެ ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި އަމަލީ މަސައްކަތް ކުރުމަށް، އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގައެވެ. އެ އެއްބަސްވުން ހެދީ، 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެ ޕޯސްޓާ ގުޅިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ގާތްގަނޑަކަށް 15 ވަރަކަށް އަހަރަށް އަމާޒުކޮށް ޑިޒައިންކޮށްފައިވާ ނިލަންދޫގެ "ވެކިއުމް" ނަރުދަމާ ނިޒާމަށް މިހާރު 18 އަހަރު ވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކާއި މިހާރުވެސް އެ ނިޒާމު ހިންގާ މަރާމާތުކޮށް ބެލެހެއްޓުމުގައި ދިމާވަމުން އަންނަ ގޮންޖެހުންތަކުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފުތަކެއް ކުރިމަތިވަމުން އަންނަކަން ވެސް ފާހަގަކުރެއްވިއެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ނިލަންދޫގައި "ގްރެވިޓީ" ނަރުދަމާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށް މަތީން ވިދާޅުވިއެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން އަލަށް ގާއިމުކުރާ ނިޒާމުގެ ޑިޒައިން މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑިޒައިން މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ބިންތައް ކަނޑައެޅުމާއި، ލޭންޑް ސާވޭ ހެދުމާއި، ޓޮޕޮގްރަފިކް ސާވޭގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މަތީން ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ޑިޒައިންގެ އިތުރުން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނިންމުމަށްފަހު ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު، އަމަލީ މަސައްކަތް ރަށުގައި ފެށުމަށް ޝެޑިއުލްކޮށްފައި ވަނީ މެއި މަހުގެ ތެރޭގައި ކަމަށް މަތީން ވިދާޅުވިއެވެ. https://x.com/amathyn/status/1907031815258579035 މަތީން ވިދާޅުވީ މިހާރު ރަށުގައި އަޅާފައިވާ ވެކިއުމް ނިޒާމުގެ ޚިދުމަތް މެދުނުކެނޑޭނެ ގޮތަކަށް މުޅިން އައު ގްރެވިޓީ ނިޒާމެއް ގާއިމުކުރުމަކީ ގޮންޖެހުންތަކަކާ ކުރިމަތިވާނެ މަސައްކަތެއް ކަމަށެވެ. ވުމާއެކު އައު ނަރުދަމާ ނިޒާމުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ފަހުކޮޅުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑަބްލިޔުއެސްސީގެ ސްކޯޕްގެ ތެރޭގައި ހިމެނެނީ ގްރެވިޓީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކަމުގައި ވުމާއެކު، އެ މަސައްކަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި ވެސް ވެކިޔުމް ސިސްޓަމް މަރާމާތުކޮށް ހިންގާ ބެލެހެއްޓުން ކުރިއަށް ގެންދާނީ ނިލަންދޫގައި މިހާރުވެސް ޔުޓިލިޓީގެ ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކުން ކަމަށް މަތީން އިތުރަށް ވިދާޅުވިއެވެ. ނިލަންދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ޖަނަވަރީ 25، 2023ގައި ފެނަކައާ ހަވާލުކުރިއެވެ. އެއިރު އެ މަޝްރޫއު ނިންމަން ދިނީ 180 ދުވަހުގެ މުއްދަތެކެވެ. އެ މަސައްކަތް މި ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ފަހު އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ، އެ މަޝްރޫއު ނިމުމުން ނިލަންދޫގެ ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަކަމާއެކު ނަރުދަމާގެ ޚިދުމަތްތައް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ