ފިޠުރު ޢީދު ދުވަހު ހުޅުމާލޭގައި ހަވާ އެރުވުމާއެކު މާލެ އާއި ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް!

ފިޠުރު ޢީދު ދުވަހު ހުޅުމާލޭގައި ހަވާ އެރުވުމާއި ޑްރޯން ޝޯއެއްގެ އިތުރުން ކުޑަކުދިންގެ ހަވީރެއް އެޗްޑީސީން ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އިހުގެ ޘަޤާފަތް ދައްކާލުމާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލުމުގެ އިތުރުން ޒަމާނީ ކެރެކްޓަރސްތައް ފިއުޝަންގޮތަށް ދައްކާލުންވެސް ހިމެނެއެވެ.
އެމްއެންޑީއެފުން ބާއްވާ ހަރަކާތްތަކުގައި ތުއްތު ކުދިންނަށް ޚާއްޞަ ކަންތައްތަކެއް ހިމެނެއެވެ. މީގެ ތެރޭގައި ފުލުހުންގެ އުޅަނދުތަކަށް އެރުމާއި އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ އިތުރުން ކުދިކުދި އުޅަނދުތައް ދުއްވާލުމުގެ ފުރުސަތު ހިމެނެއެވެ. އަދި އެމްއެންޑީއެފްގެ ބަރު ހަރިޔާރުތައް ދައްކާލުމާއި، ޑްރިލްތަކުގައި ކުރިއަށްދާ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
މީގެއިތުރުން އެމްއެންޑީއެފްގެ ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލްއެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޅިވަރާ ބެހޭ ވުޒާރާއިން ގޭމިންގ ސްޓޯލްތަކާއި ފިއުޝަން ޝޯވއެއް ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މާލޭ ޖުމްހޫރީ މައިދާނުގައި ފެނުގެ އެކި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިހަރަކާތްތައް އޮންނާނީ ޢީދު ދުވަހުގެ ހަވީރު 4 އިން 6 އަކަށެވެ. މާލޭގެ 3 ސަރަޙައްދެއްގައި ބާއްވާ މިހަރަކާތްތައް އޮންނާނީ ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ކުރިމަތީގައި އާއި ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ.
މި ހުރިހާ ހަރަކާތްތަކަކީވެސް ޢީދު ދުވަހު ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށް ބޭއްވޭ ހަރަކާތްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ