އެމްއެމްއޭއަށް މާރުކުރަން ޖެހޭ ޑޮލަރު 60 ޕަސެންޓުން 90އަށް އިތުރު ކުރަނީ
ޓޫރިޒަމްގެ ޚިދުމަތްދޭ ތަންތަނުން ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގަވާއިދަށް މިދިޔަ އަހަރު ގެނައި ބަދަލުގެ ދަށުން, ބޭންކުތަކުން, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް މާރުކުރަން ޖެހޭ ޑޮލަރުގެ އަދަދަށް ބޮޑު ބަދަލެއް ގެންނަން މަރުކަޒީ ބޭންކުން ނިންމައިފިއެވެ. އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގަވައިދެއް ތަންފީޒު ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައެވެ. އެ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހެއެވެ. އެ ގަވައިދު ތަންފީޒު ކުރުމަށް ފަހު، އެކަމާ ބެހޭ ގާނޫނެއް ހެދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވައެއްގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. ގަވައިދުގައި އޮތީ ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ނަމަވެސް ބިލުގައި ވަނީ ބޮލަކަށް 500 މާރުކުރަން ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރުމުގެ އިޚުތިޔާރު ދީފައެވެ. އެ ގާނޫނު ފާސްކުރީ އިތުރު ލުއިތަކެއް ދިނުމަށްފަހު ކަމަށްވާއިރު އޭގެ ތެރޭގައި، ރިސޯޓަކަށް މާލީ ދަތިކަމެއް ވާނަމަ، އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދީފައިވެއެވެ. އަދި ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ވެސް އިޚުތިޔާރު ދީފައިވެއެވެ. ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހުގެ 12ގައި އެ ބިލް ފާސްކުރުމުން، އޭގެ ދެ ދުވަސް ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވިއެވެ. އޮކްޓޯބަރު މަހު ތަންފީޒު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން, ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް, ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން, އެ ބޭންކަކުން އެމްއެމްއޭގައި މާރު ކުރަން ޖެހޭނެއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި އެ ޕަސެންޓަށް ބަދަލު ގެންނަން އެމްއެމްއޭއިން ނިންމައި އިއްޔެ ވަނީ ބޭންކުތަކަށް ސާކިއުލާއެއް ފޮނުވާފައެވެ. އެގޮތުން އަންނަ ޖޫން މަހުން ފެށިގެން 60ގެ ބަދަލުގައި 90 ޕަސެންޓް އެމްއެމްއޭއަށް މާރުކުރަން މަރުކަޒީ ބޭންކުން ވަނީ އަންގައިފައެވެ. މި އެންގުން އެންގިކަން ރާއްޖޭގައި ހިންގާ ބައެއް ބޭންކުތަކުން ވަނީ ސަން އަށް ޔަގީން ކޮށްދީފައެވެ. އަދި މިއީ ބޭންކުތަކަށް ޑޮލަރުން ލިބޭ އާމްދަނީ ދަށްވާނެ ސަބަބެއް ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. މިކަމާ ގުޅިގެން އެމްއެމްއޭގެ ރަސްމީ ބަހެއް ހޯދުމަށް ވަރަށް ގިނަ ފަހަރު މަސައްކަތް ކުރިނަމަވެސް އަދި ވަނީ ބަހެއް ލިބޭގޮތް ނުވެފައެވެ. މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ މި ރާއްޖޭގެ ބްލެކް މާކެޓްގައި ޑޮލަރުގެ އަގު މިހާރު 19 އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު މިއީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން މުދަލާއި ހިދުމަތްތަކުގެ އަގުތައް ވަނީ ބޮޑުވެފައެވެ. އަދި ސަރުކާރަށް ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެމްއެމްއޭއަށް މާރުކުރަން ޖެހޭ ޑޮލަރުގެ ޕަސެންޓް ބޮޑުކުރާއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާއްމުންނަށް އެކިއެކި ބޭނުންތަކަށް, ޑޮލަރު ދޭ ޕަސެންޓް ވަރަށް ބޮޑަށް އިތުރު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ޑޮލަރުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ބޭންކުތަކުގައި މާރު ކުރާ ގަވާއިދާމެދު ޓޫރިޒަމްގެ ހިދުމަތްދޭ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. އެއާއެކު ސަރުކާރުން ވަނީ އެ ގަވާއިދަށް ބަދަލުތަކެއް ވެސް ގެނެސްފައެވެ. މިހާރު 95 ޕަސެންޓް ވިޔަފާރިތަކުން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކުރާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ