މާފަރު އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 ގެ ބޯޓެއް ޖައްސައިފި

ޕްރައިވެޓް ޖެޓުތައް ޖެއްސުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ އެއާޕޯޓު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 ގެ މަތިންދާބޯޓެއް މިއަދު ޖައްސައިފި އެވެ.މާފަރު އެއާޕޯޓުގައި ބޮއިން 777 ޖެއްސުމަކީ، އެއާޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމުގެ ގާބިލުކަން ހުރިތޯ ބެލުމަށް ކުރިއަށްދާ ސެޓިފިކޭޝަން ޕްރޮސެސްގެ ބައެކެވެ. މީގެ ތެރޭގައި ރަންވޭގެ ގާބިލުކަން ޓެސްޓުކުރުމާއި ގްރައުންޑް ހޭންޑްލިން އެސެސްމަންޓްތަކާއި ނެވިގޭޝަން އަދި އެއާ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ހިމެނެއެވެ.މާފަރު އެއަރޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމަށް ތައްޔާރުވުމުގެ ގޮތުން ވަނީ ބޮޑެތި އަޕްގްރޭޑްތަކެއް ގެނެވިފައެވެ. މީގެ ތެރޭގައި ރަންވޭ 2.8 ކިލޯމީޓަރަށް ދިގުކުރުމާއި، އެޕްރަން ކެޕޭސިޓީ އިތުރުކޮށް 26 ޖެޓު ޕާކުކުރެވޭ ވަރަށް ތަނަވަސްކުރުން ހިމެނެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީ އިންނެވެ. މާފަރު އެއާޕޯޓަކީ އެންމެ ގިނަ އިން ޖެޓުތައް ޖައްސާ އެއް އެއާޕޯޓެވެ.މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ 1 ޑިސެމްބަރު2019 ގައި ހުޅުވި އެއާޕޯޓެކެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. އެ އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއެކުގައެވެ.މާފަރު އެއާޕޯޓުގެ ބައިނަލްއަގުވާމީ އޮޕަރޭޝަންތައް ވަނީ 2024 ގެ މެއި މަހު ވަގުތީގޮތުން ހުއްޓާލާފައެވެ. މިހާރު މި އަޕްގްރޭޑްތައް ނިމި، އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށާފައިވެއެވެ. މި ތަރައްގީއާއެކު ބައިނަލްއަގްވާމީ ފަތުރުވެރިންނަށް ދަތުރުކުރުމަށް ހޭދަވާ ވަގުތު މަދުވެ، ދަތުރުފަތުރު ފަސޭހަވެގެންދާނެއެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށާއި މުޅި އިގްތިސާދަށް އިތުރު ކުރިއެރުންތަކެއް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ