ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ފުރާވަރުގެ އެއްބިލިއަނަށްވުރެ ގިނަ ކުދިންނަށް 2030 ވަނަ އަހަރު އަންނަންވާއިރަށް ސިއްހީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތާބެހޭ އިދާރާތަކުން ދީފި އެވެ.
މިކަން ހާމަވެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)، ޔުނިސެފް، އަދި ޔޫއެންއެފްޕީއޭ ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން ނެރެފައިވާ "ގްލޯބަލް އެލަޔަންސް ފޯ ޔޫތު" ގެ ރިޕޯޓެއްގަ އެވެ.
މި ނުރައްކަލާ ކުރިމަތިލާން ޖެހުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހޫނުގަދަވުމާއި ތަފާތު ގުދުރަތީ ކާރިސާތައް ހިމެނެ އެވެ.
މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހަނގުރާމަތަކަކީ ސިއްހީ ހިދުމަތްތަކަށް ހުރަސްއަޅައި، ކުދިންގެ ރައްކާތެރިކަން ނަގާލާ ކަމެއެއް ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ކޮވިޑް-19ގެ ދިގު މުއްދަތުގެ އަސަރުތަކުގެ ސަބަބުން ތައުލީމާއި ސިއްހީ ހިދުމަތްތަކަށް ބުރޫއެރުމުގެ އިތުރުން، ދިރިއުޅުމުގެ އަގުތައް އުފުލި، ކާނާގެ ޔަގީންކަމަށާއި އަސާސީ ބޭނުންތަކަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން މި ހާލަތުގެ ސަބަބުން ފުރާވަރުގެ ކުދިންނަށް ކުރިމަތިވެދާނެ ސިއްހީ މައްސަލަތައްވެސް ގިނަގުނަ އެވެ. އޭގެ ތެރޭގައި ކާނާގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ބަނޑުހައިހޫނުކަމާއި، ހަށިގަނޑަށް ބޭނުންވާ ކާނާ ނުލިބުން ފާހަގަކޮށްލެވެ އެވެ. އަދި އަނެއްކޮޅުން، ބައެއް ކުދިންނަށް ބަރުދަން އިތުރުވެ ފަލަވުން ފަދަ މައްސަލަތައްވެސް ދިމާވެ އެވެ.
ނަފުސާނީ ގޮތުން ބަލާއިރު، ހާސްކަމާއި، ދެރަވުމާއި، އެކަނިވެރިކަން އިހުސާސްވުން ފަދަ މައްސަލަތައް އާންމުވަމުންދެ އެވެ. މީގެ އިތުރުން، ޖިންސީ އަދި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ މައުލޫމާތާއި ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބުމަކީވެސް ކަންބޮޑުވުމެކެވެ. މަގުމަތީގެ ހާދިސާތަކާއި، އަނިޔާވެރި ހަމަލާތައް ފަދަ އަނިޔާތަކުގެ ނުރައްކާވެސް ބޮޑުވެފައިވާއިރު، ހަކުރުބަލި، ހިތުގެ ބަލިތައް ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޒުވާން އުމުރުގައި ފެށުމުގެ ފުރުސަތުވެސް އިތުރުވެފައިވާ ކަަމަށް އެރިޕޯޓްގައި ބުނެފައިވެ އެވެ.
ފުރާވަރަކީ އިންސާނާގެ ހަޔާތުގެ ވަރަށް މުހިންމު ދައުރެކެވެ. މި ދައުރުގައި ލިބޭ ސިއްހީ އަދި އިޖުތިމާއީ ތަޖުރިބާތަކަކީ އެމީހެއްގެ މުސްތަގުބަލުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރާ ކަންކަމެވެ. އެހެންކަމުން، މި އުމުރުފުރައިގެ ކުދިންގެ ސިއްހަތަށް އިސްކަންދިނުމަކީ މުޖުތަމައެއްގެ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މި ބޮޑު ނުރައްކަލުން ފުރާވަރުގެ ކުދިން ސަލާމަތްކުރުމަށްޓަކައި، ދުނިޔޭގެ ގައުމުތަކުންނާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އެގޮތުން، ފުރާވަރުގެ ކުދިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އިތުރު ފައިސާ އިންވެސްޓްކޮށް، އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަންޖެހެ އެވެ. މިސާލަކަށް، ފެންވަރު ރަނގަޅު ތައުލީމެއް، ސާފު ބޯފެނާއި ސާފުތާހިރުކަމުގެ ހިދުމަތްތައް، އަދި ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަކީ މުހިންމުކަމެކެވެ. މި މަސައްކަތްތައް ކާމިޔާބުކުރުމަށްޓަކައި ސަރުކާރުތަކާއި، މަދަނީ ޖަމިއްޔާތަކާއި، އާންމުން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
ފުރާވަރުގެ ކުދިންނަކީ މުޖުތަމައެއްގެ މުސްތަގުބަލެވެ. އެކުދިންގެ ސިއްހަތު ރައްކާތެރިކޮށް، އެކުދިންނަށް އުޖާލާ މާދަމައެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެކެވެ. މިކަމަށްޓަކައި އެފަދަ ނުރައްކާތަކުން އެ ކުދިން ސަލާމަތް ކުރުމަށްޓަކައި ވަގުތުން ވަގުތަށް ފިޔަވަޅު އެޅުން މުހިންމެވެ.
ބިލިއަނަކަށްވުރެ ގިނަ ކުދިންނަށް ސިއްހީ ބޮޑު ނުރައްކަލެއްގެ އިންޒާރު! ބިލިއަނަކަށްވުރެ ގިނަ ކުދިންނަށް ސިއްހީ ބޮޑު ނުރައްކަލެއްގެ އިންޒާރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ