ގާޒާގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 54،000 އަށް ވުރެ މައްޗަށް

ގާޒާގައި އިސްރާއީލުން ކުރިއަށް ގެންދާ އަސްކަރީ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 54،056 އަށް އަރާފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7ން ފެށިގެން މިހާތަނަށް 123،129 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ މެޑިކަލް އޮފިޝަލުން މިއަދު ބުނެފިއެވެ.
ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވިދާޅުވެފައިވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލުމަށްފަހު އިސްރާއީލު ސިފައިން އަލުން ހަމަލާތައް ދޭން ފެށިފަހުން މާޗް 18އިން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 3901 މީހުން މަރުވެ 11،088 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި  ވައިގެ ހަމަލާތަކުގައި 79 މީހުން މަރުވެ 169 މީހުން ޒަޚަމްވެފަ އެވެ. އެހެން ނަމަވެސް، މަރުވި މީހުންގެ ހަގީގީ އަދަދު އިތުރުވެދާނެ ކަމަށް އޮފިޝަލުން ބުނަމުންދާ ސަބަބަކީ، މަރުވި ގިނަ ބަޔަކު ގޮއްވާލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބޭތީ ނުވަތަ މިހާރު ހިނގަމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ނުވަދެވޭ ސަރަހައްދުތަކުގައި ކަމަށް ވާތީ އެވެ.
އިޒްރޭލުގެ ދިފާއީ ވުޒާރާއިން ބުނާގޮތުގައި ހަނގުރާމަ ފެށުނު ފަހުން އަސްކަރީ އާލާތްތަކާއި ހަތިޔާރު ގެންނަ 800 ފްލައިޓް އެ ގައުމަށް ވަނީ ޖައްސާފަ އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަސްކަރީ އާލާތްތަކާއި ހަތިޔާރު އެއާލިފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އިސްރާއީލުގެ އެންމެ އިސް ބައިވެރިޔާ އެމެރިކާ އާއި އިސްރާއީލުގެ އަސްކަރިއްޔާގެ އެހެނިހެން ހިސާބުތަކަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ މިޝަންއާ ގުޅިގެން ކަމަށެވެ. "މި އޮޕަރޭޝަންގައި 800 ފްލައިޓާއި ގާތްގަނޑަކަށް 140 މެރިޓައިމް ޝިޕްމަންޓް މެދުވެރިކޮށް 90،000 ޓަނަށް ވުރެ ގިނަ އަސްކަރީ ސާމާނު އިޒްރޭލަށް ވަނީ ފޯރުކޮށްދީފައި،" މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ