ރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާގެ ފަރާތުން، އެ ޖަމުޢިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، އެ ޖަމުޢިއްޔާގެ މެންބަރުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ. އަދި އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައިދެއްވިކަމަށްޓަކައި އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި، އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެތަނުގައި އިސްރަށްވެހިންނަށް ޚާއްޞަކޮށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާ ފަދަ އަމިއްލަ ޖަމުޢިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަ ޖަމުޢިއްޔާތައް ހިންގުމަށް ސަރުކާރުން އެހީތެރިކަން ދެއްވުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވާފައެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ކުރިއެރުމަށް ހިއްސާވާ އެކިއެކި ޖަމުޢިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް ޢިމާރާތް ކުރެއްވުމަކީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއްކަން ހާމަކުރައްވައި، ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުވެގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހި މުޖުތަމަޢަކީ ތަހުޒީބު މުޖުތަމަޢަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެ ބޭފުޅުންގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ކުރިމަގަށް ފައިދާހުރި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރެއްވުމަށް އެ ޖަމުޢިއްޔާގެ މެންބަރުން ތައްޔާރަށް ތިއްބެވިކަން ހާމަކުރެއްވިއެވެ. މުޖުތަމަޢުގެ އާންމު އިޖުތިމާޢީ މިންގަނޑު ހަރުދަނާ ކުރުމަށާއި ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އެކިއެކި މަސައްކަތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނާ ހިއްސާކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ހުށައެޅުއްވި އެކިއެކި ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ