މީކާއިލްގެ ޕޯސްޓު ޑިލީޓްކުރީ މިނިސްޓްރީން ޕްރެޝާކޮށްގެނެއް ނޫން، ފެންނަން ނުޖެހޭ އަމަލުތައް ފެނުމުން: ސްކޫލު
ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން ކުރަމުން އައި, ސްކޫލުން ތައުލީމު ހާސިލުކޮށްފައިވާ ކުރީގެ ދަރިވަރުންގެ ޕޯސްޓުތަކުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް އަހުމަދު ނަސީމުގެ ޕޯސްޓު ޑިލީޓްކުރީ އެޑިއުކެޝަން މިނިސްޓްރީން ޕްރެޝާކޮށްގެން ނޫން ކަމަށާއި، އެކަންކުރީ ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަންނުޖެހޭފަދަ އަމަލުތަކެއް މީކާއިލްގެ ފަރާތުން ފެނުމުން ކަމަށް އެ ސްކޫލުން ރޭ ބުނެފިއެވެ. ޖަމާލުއްދީން ސްކޫލުގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން ވަނީ ސްކޫލުން ތައުލީމު ހާސިލުކުރި ފަޚުރުވެރި ދަރިވަރުންގެ ޕޯސްޓުތައް ފޭސްބުކުގައި ހިއްސާކޮށްފައެވެ. އެގޮތުން، މީކާއީލްގެ ޕޯސްޓެއް ވެސް ވަނީ ހިއްސާކޮށްފައެވެ. މީކާއިލްގެ ކާމިޔާބީތަކާ ގުޅޭ ވާހަކަތައް ހިއްސާކޮށް އެ ޕޯސްޓު، ޖަމާލުއްދީން ސްކޫލްގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އާއްމުކޮށްފައިވަނީ އިއްޔެއެވެ. ނަމަވެސް، އޭގެ ދެ ގަޑިއިރު ފަހުން ވަނީ އެ ޕޯސްޓު ޑިލީޓްކޮށްފައެވެ. އެ ކަމާ ގުޅިގެން މީކާއިލް "ސަން"އަށް ވިދާޅުވީ، އެ ޕޯސްޓު ސްކޫލުން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ އެންގުމަކަށް ކަމަށެވެ. https://x.com/jamaluddin_mv/status/1887576241018184192 އެ މައްސަލައިގައި ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ސްކޫލަށް 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އެ ސްކޫލުން ކުރިއަށްގެންދާ 'އެލުމްނާއި ޕްރޮފައިލްސް'ގެ އިއްޔެގެ ޕޯސްޓު، ފޭސްބުކާއި އެކްސްގައި އާއްމުކުރުމަށް ފަހު ޑިލީޓްކުރަން ޖެހުނީ އެ ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތުދޭ މުއައްސަސާއަކަށްވެ، އެ ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރުގެ ފަރާތުން އަދުގެ ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަންނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ކަމަށެވެ. އެފަދަ ކަންކަމަކީ އެ ސްކޫލުން ގަބޫލުކުރާ އަޚުލާގީ މިންގަނޑުން ބޭރު ކަމަކަށް ވާތީއާއި، އެތައް ބެލެނިވެރިންނެއްގެ ކަންބޮޑުވުންތައް ސްކޫލަށް ލިބެމުން ދިޔުމުން އެ ޕޯސްޓު ޑިލީޓްކުރީ ކަމަށް އެ ސްކޫލުން ބުންޏެވެ. އެކަން ކުރީ ސްކޫލްގެ 'އެލުމްނާއި ޕްރޮފައިލްސް ކޮމިޓީ'ގެ މަޝްވަރާގެ މަތިން ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ. އަދި, އެ ޕޯސްޓު ފޭސްބުކާއި އެކްސްއިން ޑިލީޓްކުރީ އެޑިއުކޭޝަން މިނިސްޓްރީން ޕްރެޝާކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށް އެ ސްކޫލުން ބުންޏެވެ. https://x.com/MickailNaseem/status/1887584963870290021 އެ ބަޔާނާ ގުޅިގެން މީކާއިލް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އެގޮތުން، ރަސްމީ ބަންދު ދުވަހެއްގެ ދަންވަރު 12 ޖަހާ ބޮޑުވި ފަހުން ސްކޫލަށް އަމުރުކޮށްގެން ބަޔާން ނެރުމުން ވެސް، މި ސަރުކާރުގެ ސިޔާސީ ނުފޫޒު ސްކޫލަށް ފޯރުވާ މިންވަރު ސާފު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބަޔާނާ ގުޅިގެން އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތައް ސްކޫލަށް ވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން، ސްކޫލްތައް ސިޔާސީ ނުކުރުމަށް ގިނަ މީހުން ވަނީ ގޮވައިލާފައެވެ. https://sun.mv/202298 އެ ޕޯސްޓުގައި ވަނީ މީކާއީލަކީ ރާއްޖޭގެ ތާރީޚުގައި ވެސް މަޖިލީހަށް ހޮވިވަޑައިގެންނެވި އެންމެ ޒުވާން މެންބަރުންގެ ތެރޭގައި ހިމެނޭ ފަރާތެއްކަން ފާހަގަކޮށްފައެވެ. އަދި، ސްކޫލު ދައުރުގައި މީކާއީލަކީ ފާހަގަކޮށްލެވޭ ދަރިވަރެއް ކަމަށާއި 2015 ވަނަ އަހަރު ކެމްބްރިޖް ކޮމޮންވެލްތް ސްކޮލާޝިޕްގެ ދަށުން އޭނާ ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވާކަން މި ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. މި ޕޯސްޓުގައި ވަނީ މީކާއީލް މަޖިލީހުގައި ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކޮށްފައެވެ. ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން މީކާއިލްގެ މައުލޫމާތު އެ ސްކޫލުން ހޯދާފައިވަނީ މިދިޔަ މަހެވެ. މީކައީލަކީ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމުސީލު ކުރައްވާ މެންބަރެކެވެ. އެ ޕާޓީގައި އޭނާ ވަނި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ