އިގުތިސާދު އޮތީ ފުނޑިފައި، މިދިޔަ އަހަރު ނުވި ކަމެއް މި އަހަރަކު ވެސް ނުވާނެ: ޔާމީން
ދިވެހިރާއްޖޭގެ އިގުތިސާދު އޮތީ 'ފުނޑިފައި' ކަމަށާއި މިދިޔަ އަހަރު ކުރަން ސަރުކާރުން ބުނި އެއްވެސް ކަމެއް ނުވިއިރު މި އަހަރު ވެސް އެ ކަންކަން ކުރެވޭނެ ތަނެއް ބަޖެޓުން ވެސް ފެންނަން ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރު ވައުދުތައް ނުފުއްދުނީ މާލީ ދަތިކަމުގެ ސަބަބުން ކަމަށާއި މި އަހަރާއި އަންނަ އަހަރުތެރޭ ވައުދުތައް ފުއްދައިދެއްވާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފައެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާގައި އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރު ތެރޭ ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ. އިގުތިސާދީ، އުމްރާނީ ގިނަ މަސައްކަތްތަކެއް ވެސް މި އަހަރާއި އަންނަ އަހަރު ނިންމާލެވޭނެކަން އެ މަނިކުފާނު ވަނީ ރިޔާސީ ބަޔާނުގެ ތެރެއިން އިއުލާނުކުރައްވާފައެވެ. އެ ބަޔާނަށް ފާޑުވިދާޅުވެ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ރިޔާސީ ބަޔާން އިއްވެވީއިރު މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ކުރަން ވިދާޅުވި ކަންކަމުގެ ތެރެއިން މިހާތަނަށް ކޮށްދެވުނު ކަންކަން ވިދާޅުނުވާ ކަމަށެވެ. އެއީ، އިހުމާލެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވިދާޅުވީ، ބަޖެޓުން އުންމީދެއް ނެތް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް "އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ރައްޔިތުންގެ ތެރެއިން ގިނަ ޒުވާނުންނަށް އެންމެ ޝައުގުވެރިކަން ހުރި ވާހަކައަކަށް ވެގެންދިޔައީ ވަޒީފާތަކެއް އިތުރުވެގެންދާނެ ވާހަކަ. ވިއްސަކަށް ރިސޯޓު ފުރަތަމަ އަހަރު ތެރޭ ހުޅުވާނެ ވާހަކަ. އަދި މި އުޅެނީ އެއިން އެއްވެސް ކަމެއް ނުވެ،" އެ މަނިކުފާނު ފާޑުވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، އޭރު ރިޔާސީ ބަޔާނުގައި 14 ނުވަތަ 20 ރިސޯޓު ހުޅުވާނެ ކަމަށް އިއުލާނުކުރެއްވި ކަމަށާއި އެކަމަކު އެއީ ކުރެވޭވަރުގެ ކަމެއް ނޫން ކަމަށެވެ. "ރާއްޖޭގެ އިގުތިސާދު މި އޮތީ ފުނޑިގައި. ބޭރުގެ އިންވެސްޓްމަންޓެއް މި ތަނަކަށް އަންނާކަށް ބޭނުމެއް ނުވޭ،" އެ މަނިކުފާނު ތަފުސީލުކޮށްދެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ރިސޯޓެއް ހުޅުވުމަކީ 'ކަންމަތީ ކުޑަ ފިހާރަގަނޑެއް' ހުޅުވުން ފަދަ ކަމެއް ނޫން ކަމަށެވެ. އެކަން ކުރަން ބޭނުންވާ ފައިސާ މިހާރު ރާއްޖެއިން ލިބެން ނެތް ކަމަށާއި ބޭރުގެ ގައުމުތަކާއި ބޭންކްތަކުން ވެސް މިހާރު ރާއްޖެއަށް ދަރަނި ދޭން ބޭނުންނުވާ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ. https://sun.mv/202286 ބޭރުގެ މާލީ އިދާރާތަކުންނާއި ބޭންކްތަކާއި ގައުމުތަކުން ވެސް ދަރަނި ދޫކުރާނީ ގައުމުތަކުގެ މާލީ ހާލަތު ވަޒަންކޮށްފައިކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ރާއްޖޭގެ އިގުތިސާދުގައި މިހާރު އެ ހަކަތަ ނެތް ކަމަށެވެ. "އެ ހިސާބަށް ދިޔައީމާ މިދިޔަ އަހަރު ނުވި ކަމެއް މި އަހަރު ވާން ޖެހޭ އެއްވެސް ޕޮޒިޓިވް ކަމެއް އަޅުގަނޑުމެންގެ ބަޖެޓުން ފެންނާކަށް ނެތް،" އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ. "އަޅުގަނޑު ހިތަށް އަރަނީ މި މީހުންގެ ހަމަ ވިސްނުމުގެ ކަންފުޅެއް ވެސް ނެތީހެއްޔޭ؟" ޔާމީން ވިދާޅުވީ، ރައްޔިތުންނަށް އެއްވެސް ކަހަލަ އުންމީދެއް ލިބޭ ކަމެއް ފެންނަން ނެތް ކަމަށެވެ. އެއީ، މިދިޔަ އަހަރު ޖުމުލަ 55 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކޮށްލިއިރު އެއްވެސް ކަމެއް ނުވުމުން ކަމަށާއި މި އަހަރު ވެސް އޮތީ ހަމަ އެ ވަރުގެ ބަޖެޓަކަށްވުމުން ކަމަށެވެ. ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަސް ޑރ. މުއިއްޒާއި އަބްދުއްރަހީމް -- ސަން ފޮޓޯ/ މާހިލް އާތިފް "މިހާރު މި ދައްކަނީ ހަމަ އެ ވަރުގެ ބަޖެޓެއް ހިފައިގެން އައިސް އެތައް ކަމެއް ކޮށްދޭ ވާހަކަ. ބުނާއިރު، ދައުލަތުގެ ބަޖެޓުގައި ނެތޭ ހިމަނާފައި އެއްވެސް ރަށަކަށް އެއްވެސް ރައްޔިތަކަށް ކޮށްދޭނެ ޕީއެސްއައިޕީގެ ބޮޑު އެއްވެސް ކަމެއް. މިހާރު މި އޮތީ ހަމަ ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއް ކޮށްދޭން،" އެ މަނިކުފާނު ވިދާޅުވިއެވެ. މިދިޔަ އަހަރު ދެއްކި އިގުތިސާދީ ވާހަކަފުޅުތަކާއި ވެލެއްވި އުމްރާނީ ތަރައްގީގެ ވައުދުތައް ރައްޔިތުން ހަނދާން ނައްތާލަންވީތޯ އެ މަނިކުފާނު ވަނީ ސުވާލު އުފައްދަވައިފައެވެ. މިދިޔަ އަހަރު މަޝްރޫއުތައް ނުހިންގުނީ އެމްޑީޕީގެ މަޖިލީހުން ބަޖެޓު ފާސްކޮށްފައި އޮތް ގޮތުންނާއި އެމްޑީޕީ ސަރުކާރުން ގައުމު ވައްޓާލާފައި އޮތް އިގުތިސާދީ އަޑިގަނޑުގެ ސަބަބުން ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އެ ކަންކަމުން އަރައިގަނެ، މި އަހަރު މަޝްރޫއުތައް ހިންގައި ވައުދުތައް ފުއްދޭނެ ކަމަށް ވެސް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ