އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދަނީ އަޚުވަންތަކަމާއި އެއްބައިވަންތަކަން ނެތުމުން: ޚުތުބާ

އިސްލާމީ އުންމަތަކީ އެއް އުންމަތެއް ނަމަވެސް ރޫޅި ބައިބައިވެގެން ދަނީ އަޚުވަންތަކަމާއި އެއްބައިވަންތަކަން ނެތުމުން ކަމަށާއި، ބައިބައިވުމަށް ފުރުސަތު ނުދިނުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "މުސްލިމް އަޚާއަށް ހެޔޮކޮށް ހިތުން"، މި މައުޟޫއުގެ މައްޗަށެވެ. އިސްލާމްދީނަކީ އުޚުއްވަތްތެރިކަމާއި، އޯގާތެރިކަމާއި، ރަހުމާއި، ހަމްދަރުދީގެ ދީނެވެ. އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއްނޫނެވެ. އެކަން ފާހަގަކުރައްވައި މިއަދުގެ ޚުތުބާގައި ބުނީ, އެ ރިވެތި އުސޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއްނޫން ކަމަށެވެ. އެހެނީ އިސްލާމީ މުޖުތަމައެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު ކަމަށާއި، މުޖުތަމައުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަސްރާއި، ކާމިޔާބީއާ ހަމައަށް ވާސިލުވުމީ އެ މުޖުތަމައަށް އެކަށީގެންވާ ކަމެއް ނޫން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ތާރީޚުގެ ފަތްފުށްތަކުން އެކަން އަހަރެމެންނަށް ރީތިކޮށް ފެންނާން އެބަހުރިކަމަށް ވަނީ ބުނެފައެވެ. އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަސްރަކަށް ފަހު ނަސްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި، އެއްބައިވަންތަކަމުގެ ސަބަބުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއަށް ފަހު، އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީ އެ ކަންތައްތައް މުސްލިމުންގެ މެދުން ފިލައިދިއުމުން ކަމަށެވެ. އެހެންކަމުން ފެންމަތީ ދެމިގެންދާ ކުނިތަކެއް ފަދައިން ޣައިރު މުސްލިމުންގެ ކުރިމަތީގައި ބާރެއް ނެތް ބަޔެއްގެ ގޮތުގައި އެބައިމީހުން ވެގެން ދިޔައީ ހަމަ އެ ސަބަބުތަކާ ހުރެކަމަށް ޚުތުބާގައި ބުންޏެވެ. އެއްބައިވަންތަކަމަށް މަގުފަހިކޮށްދޭ ކަންތައްތައް ބަޔާންކުރެއްވި ފަދައިން އެ ކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް އިސްލާމްދީނުގައި ވަނީ މަނާކުރައްވާފައެވެ. އެގޮތުން އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ބަސްތަކުން މުޚާތަބުކުރުން ވަނީ މަނާކުރައްވާފައެވެ. އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން މިއަދުގެ ޚުތުބާގައި ވަނީ އެކަމާ ގުޅޭ ގިނަ ވަހީގެ ބަސްފުޅުތަކާއި ރަސޫލާގެ ހަދީސް ބަސްފުޅުތައް ކިޔައިދީފައެވެ. އޭގެތެރޭގައި ހިމެނެނީ: މުޖުތަމައުގައި ފެތުރެމުންދާ ދޮގު ޚަބަރުތައް ގަބޫލުކުރުމާ ބެހޭ ގޮތުން ވަޙީކުރައްވައިފައިވާ ބަސްފުޅު: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިގަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ އޭގެ ދޮގު ތެދު ބަލައި ހަގީގަތް ހޯދާށެވެ! (އެއީ) ނޭނގި ތިބެ ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ އެހެން ވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ." މުސްލިމުންނާ މެދު ދޮގު ވާހަކަ ދެއްކުމާއި އެފަދަ ވާހަކަ ފެތުރުމާ ބެހޭގޮތުން ވަހީކުރައްވާފައިވާ ބަސްފުޅު: "ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުން ދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި މާތްﷲގެ ޙަޟްރަތުގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ ހާލު، އެއީ ކުޑަ ކަމެއް ކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ." ތިމާގެ އަތާއި ދުލުން މުސްލިމު އަޚާއަށް ގެއްލުން ނުދިނުމަށް އަންގަވައި ރަސޫލާގެ ޙަދީޘް: "ފުރިހަމަ މުސްލިމަކީ ތިމާގެ އަތާއި ދުލުގެ ނުބައިކަމުން އެހެނިހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ." ހައްގަކާ ނުލައި މުސްލިމުންނާ ދެކޮޅަށް ހަތިޔާރު އުފުލުން މަނާކުރައްވައި ރަސޫލާގެ ޙަދީޘް: "ތިމަންމެންނާ ދެކޮޅަށް ހަތިޔާރު އުފުލައިފި މީހަކީ ތިމަންމެންގެ ތެރެއިންވާ މީހެއް ނޫނެވެ." އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ ޚުތުބާގައި ބުނީ، އިސްވެ ދިޔަ ވާހަކަތަކަށް ވިސްނައިލާއިރު އަހަރެމެންނަށް ހާމަ ވެގެންދަނީ އިސްލާމްދީނުގައި އެ ކަމެއް ކުރުމަށް އަންގަވައިފައިވާ ކޮންމެ ކަމެއް ކުރުމުން އެ ކަމުގެ ލާބައާއި މަންފާ އޮތީ އަހަރެމެންގެ އަމިއްލަ ނަފުސަށާއި އަހަރެމެންގެ މުޖުތަމައަށް ކަމަށެވެ. އަދި ހަމައެހެންމެ މަނާކުރެއްވުނު ކަމަކަށް އަރައިގަތުމުން އެ ކަމުގެ ގެއްލުމާއި ހަލާކު ވެސް ހުރީ ހަމަ އަހަރެމެންގެ އަމިއްލަ ނަފުސަށާއި، މުޖުތަމައަށްކަމަށް ޚުތުބާގައި ބުންޏެވެ. އެހެންކަމުން މާތްﷲއާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ކޮންމެ މުސްލިމަކަށް ވެސް އެ މުސްލިމެއްގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ދީ، ތިމާގެ ނަފްސަށް އެދޭ ކަންތައް ތިމާގެ މުސްލިމް އަޚާއަށް ވެސް އެދި، އަނިޔާވެރިކަމުގެ ނުބައި އަމަލުން ކޮންމެ މުސްލިމަކު ސަލާމަތްކުރުމަށް އަތާއިއަތް ގުޅުވައި މަސައްކަތްކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އަޚުވަންތަކަމާއި، އެއްބައިވަންތަކަމަށް ތިމާ ވާސިލުކޮށްދޭ ކޮންމެ ކަމެއް ކުރުމަށް އަޒުމުކަނޑައަޅައި އެ ކަން ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އަޚްވަންތަކަމާއި އެއްބައިވަންތަކަން ކެނޑިދާނެ ކޮންމެކަމަކުން ދުރުހެލި ވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރުމީ މާތްﷲގެ ޙަޟުރަތުގައި އެބައިމީހުންގެ ދަރަޖަ މަތިވެރިވެގެންދާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ