އަންނަ ޖެނުއަރީން ފެށިގެން މުދާ އެތެރެކުރަން ވިޔަފާރިތަކަށްދޭ ޑޮލަރުގެ ޓީޓީ މަތިކުރަނީ

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ކުންފުނިތަކުން ކަޅުބާޒާރުން ޑޮލަރު ގަތުން ހުއްޓާލާނެ ކަމަށް ވިދާޅުވި އެވެ.
ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފަށާފައިވާތީ މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ކުންފުނިތަކުން ކަޅުބާޒާރުން ޑޮލަރު ގަތުން ހުއްޓާލައި، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ވިޔަފާރިތަކުން މުދާ އެތެރެކުރަން ބޭނުންވާ ޑޮލަރު ފޯރުކޮށް ދިނުން އިތުރު ކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
ރައްޔިތުން މަޖިލީސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ. އެކަމަށްޓަކައި މިހާރު މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. 
"ބޭރު ފައިސާގެ ގާނޫނެއް އެކުލަވާލައި އަމަލު ކުރަން ފެށުމަކީ މިގޮތުން އެޅުނު މުހިންމު ފިޔަވަޅު،" ރައީސް ވިދާޅުވި އެވެ. 
ރައީސް ވިދާޅުވީ ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމުގެ ހެޔޮ ފައިދާ، ކައިރި މުސްތަގުބަލެއްގައި ދިވެހި ރައްޔިތުންނަށް މި ބަަދަލުގެ ތިޔާގިކަން ފެންނަން ފަށާނެ އެވެ. މިގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަޅު ބާޒާރުން ޑޮލަރު ގަތުން ހުއްޓާލައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވިޔަފާރިވެރިން މުދާ އެތެރެކުރަން ބޭނުންވާ ޓީޓީ ހަދަންދޭ ޑޮލަރު އިތުރު ވެގެންދާނެ ކަމަށެވެ. 
"ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ،" ރައީސް ވިދާޅުވި އެވެ. 
ބޭރު ފައިސާ މާރު ކުރާ ގާނޫނުގައިވާ ގޮތުން 500 ޑޮލަރު މާރުކުރަންޖެހޭ އެސްޓަބްލިޝްމެންޓުތަކަކީ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑުތަކާއި އެނޫންވެސް އެފަދަ ތަންތަން ކަމުގައި ކަނޑައަޅައި 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓުހައުސް އަދި ސިޓީ ހޮޓާތަކާއ ޓޫރިސްޓު އުޅަނދުތައް 25 ޑޮލަރު މާރުކުރާ ކެޓަގަރީ އަށް ބަދަލުކުރުމެވެ. އެގޮތުން ބިލުގެ 13 ވަނަ މާއްދާގައި ބުނެފައިވަނީ ކެޓަގަރީ އޭ ޓުރިޒަމް އެސްޓަބްލިޝްމެންޓަކަށް މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން އެ މަހެއްގައި އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަށް ޖެހޭ މިންވަރު އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީކޮށްފއިވާ ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމުގަ އެވެ. 
ރާއްޖޭގެ ހަތަރު ބިލިއަން ޑޮލަރުގެ ޓޫރިޒަމެއް އޮތްނަމަވެސް ރާއްޖޭގެ ރިޒާވް ދަށްވުމަކީ ދުނިޔޭގެ މާލީ އިދާރާތަކުގެ އެންމެ ބޮޑުއެއް ކަންބޮޑުވުމެވެ. މިކަން ހައްލު ކުރަން ފިޔަވަޅު އަޅަން އެތައް ފަހަރު އެ ފަރާތްތަކުން އެދިފައިވެ އެވެ. މިދިޔަ ސަރުކާރުން ކޮވިޑް-19 ގެ ފަހުން އެ ފިޔަވަޅު އަޅަން ޓޫރިޒަމްގެ އިސް ފަރާތްތަކާ މަޝްވަރާ ކުރި އެވެ. ނަމަވެސް ސިޔާސީ ގޮތުން އަންނާނެ ޕްރެޝަރަަށް ބަލާފަ އެ ފިޔަވަޅު އަޅާފައެއް ނުވެ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކިތަންމެ ޕްރެޝަރެއް އައިނަމަވެސް އެ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ފިޔަވަށްފަހު އިތުރުވާ ޑޮލަރު ރައްޔިތުންގެ ބޭނުމަށް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ