މޫސަގެ މަރުގެ މައްސަލައިގައި ސައްމާހު ބަންދު ނުކުރުމަށް ހައި ކޯޓުން އަނެއްކާ ވެސް ނިންމައިފި

މީގެ 7 އަހަރު ކުރިން މާފަންނު އައިޓަމްސް ފިހާރަ ކައިރީ މޫސާ އަހުމަދުގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހޫގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން  ކުރި ހުކުމުގެ އިސްތިއުނާފު ނިމެންދެން ބަންދު ނުކުރަން ހައި ކޯޓުން ނިންމައިފިއެވެ.
ވ.ކެޔޮދޫ ދޭލިޔާގެ މޫސާ މަރާލި މައްސަލައިގައި، އަދ. މާމިގިލީ ޝޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ސައުވާއަކީ ތޫނު އެއްްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ 23 ގައި ހުކުމް ކުރީ އެނާގެ މައްޗަށް ކުށަ ސާބިތު ނުވާ ކަމަށެވެ.
ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދުނެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތަށް ހައިކޯޓުން ބަންދުގެ އަމުރެއް ނެރެދީފައެއް ނުވެއެވެ. ދައުލަތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. ސުޕްރީމް ކޯޓުން ދެން ހުކުމްކުރީ ހައި ކޯޓުން އަލުން ގޮތެއް ނިންމުމަށެވެ.
ހައިކޯޓުގައި ހިގަމުންދާ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ނުކުރުމަށް ހައިކޯޓުން އަމުރުކުރީ ސުޕްރީމް ކޯޓުގެ އެންގުމުގެ މަތިން އަލުން ގޮތެއް ނިންމުމަށް ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ދީފައެވެ. ހައި ކޯޓުގައި މައްސަލަ ބައްލަވަނީ ތިންފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސެއިންނެވެ.
ސައްމާހު ބަންދު ނުކުރުމަށް އަމުރު އިއްވީ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު މާނިއު އަދި ފަނޑިޔާރު ފައިސަލް ތާއީދު ކުރެއްވި ގޮތެވެ.
ފަނޑިޔާރު މާނިއުގެ ރައުޔަކީ ބަންދުގައި ބެހެއްޓުމަށް ބަލާއިރު، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމުގައިވީނަމަވެސް، މީހަކު ބަންދުކުރެވޭނީ ހެކި ހުރުމުގެ އިތުރުން، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ސަބަބުތަކުން ކުރެ ސަބަބެއްވބެސް އޮވެގެންކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި އެ ހާލަތު ވުޖޫދުވެފައިވާކަމަށް ބެލޭކަށް ނެތްކަމަށެވެ.
ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރަނީ، އެ މާއްދާގައި ބަޔާންކުރާ ސަބަބުތަކުން ކުރެ ސަބަބެއް އޮވެގެން މެނުވީ، ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން އެއްވެސް މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ. ތަފާތުވީ ފަނޑިޔާރު ފަރުހީޒާގެ ރައުޔަ އެވެ. ސުޕްރީމް ކޯޓުގެ ނިންމުމަށް ބެލުމުން ވެސް މުޖުތަމައަށް އޮތް ނުރައްކާ ފާހަގަކޮށްފައިވާތީ އަލުން ގޮތެއް ނިންމުމަށް އެންގީ އެ ކަމަށް ރިއާޔަތްކޮށް ގޮތެއް ނިންމުމެއް ކަން އެނގޭ ކަމަށެވެ.
ސުޕްރީމް ކޯޓުން މި މަހު ނުވަ ވަނަ ދުވަހު ސައްމާހު ވަގުތީ ގޮތުން ބަންދުކުރަން ހަތް ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތުގައި ގޮތެއް ނިންމަން ވެސް ހައި ކޯޓުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. އެކަމަކު ހައި ކޯޓަށް ލިބުނު އަމުރުގައި މުއްދަތު ނެތުމުން އޮޅުންތަކެއް އަރައި އެ މުއްދަތުގައި ގޮތެއް ނުނިންމި އޭނާ ބަންދުން ދޫވި އެވެ. ހައި ކޯޓުގައި އަޑުއެހުން ނުބޭއްވުނު އަނެއް ސަބަބަކީ ފަނޑިޔާރުން ޗުއްޓީގައި ތިބުމުންނެވެ.
މި މަރުގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. އެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް އިސްތިއުނާފު ކުރުމާ މެދު ދައުލަތުން އަދި ގޮތެއް ނުނިންމަ އެވެ.
ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ