ވީއައިއޭ ޓާމިނަލް 1އިން ހިދުމަތް ދޭން ފެށި 20 ވަނަ އެއާލައިނަކަށް ޔޫއެސް-ބަންގްލާ އެއާލައިންސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 އިން ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ އެއާލައިންސް އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން މުނާޒް އަލީއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 108 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, BS337 އިން ރާއްޖެ އައި 176 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެމްއޭސީއެލްއިން ބުނީ ޔޫއެސް-ބަންގްލާ އެއާލައިންސްއަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިންގެ އިތުރުން ފްލީޓް ސައިޒުގެ ގޮތުން ބަންގްލަދޭޝްގެ އެންމެ ބޮޑު އެއާލައިން ކަމަށެެވެ. ޔޫއެސް-ބަންގްލާ އިން ރާއްޖެއަށް ދަތުރުތައް ފެށީ ނޮވެންބަރު 19، 2021ގައިކަން އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.
ޔޫއެސް-ބަންގްލާ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 20 އަށް އިތުރުވެފައެވެ.
އެމްއޭސީއެލްއިން ބުނީ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ