ބޭހަށް ޕެންޝަން ނެގޭގޮތަށް އެމްޑީޕީން ހުށަހެޅި އިސްލާހު ބޭރުކޮށްލުމަށް ފަހު، ސަރުކާރުން ހުށަހަޅަނީ
ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ވެރިކަންކުރާ ޕީއެންސީން ބޭރުކޮށްލުމަށް ފަހު، ހަމަ އެފަދަ އިސްލާހެއް ސަރުކާރުން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ވިދާޅުވުން ރޭ ވެސް ތަކުރާރުކުރައްވައިފިއެވެ. ރައީސް މިފަދައިން ވިދާޅުވިއިރު، މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ކުޑޫ ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރުމަށް ފަހު ވަނީ، ހަމަ އެ މަހުގެ 21ވަނަ ދުވަހު ބޭއްވި ޖަލްސާގައި އިސްލާހު ބަލައިނުގަނެ، ތަޅުމުން ބޭރުކޮށްލައިފައެވެ. އެ އިސްލާހު ތަޅުމުން ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި, ޕީއެންސީގެ 61 މެންބަރުންގެ ވެސް ވޯޓާ އެކުގައެވެ. ރައީސް، ގަލޮޅު ރައްޔިތުންނާ މުޚާތަބުކުރައްވަނީ: ކުޑޫ ހުށަހެޅުއްވި، ނަމަވެސް ޕީއެންސީން ބޭރުކޮށްލި އިސްލާހު އަލުން ހުށަހަޅާނެ ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް ގަލޮޅު އަވަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ޕެންޝަން ފަންޑު ފުޅާކޮށް އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ވިސްނުމެއް ސަރުކާރުގެ އެބައޮތް ކަމަށެވެ. "މިހާރު އަޅުގަނޑުމެން މި އުޅެނީ ޕެންޝަންގެ ގާނޫނު އިސްލާހުކުރަން އަނެއްކާ ވެސް ފޮނުވަންވެގެން، އޭގެ ތެރޭގައި އިތުރު ކަންކަން ހިމަނަން، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވައުދާއި ބައްދަލުވުންތަކުގައި އަންނަ ކަންކަމަށް ރިއާޔަތްކޮށްފައި، މީގެ ތެރޭގައި ޓާމިނަލް އިލްނެސްގައި އުޅޭ ފަރާތަކަށް ވިއްޔާ، އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މިފަދަ ބައެއް ކަންތައް،" ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ގެދޮރުވެރިކަމާއި އެހެނިހެން ކަންކަން ހިމެނޭހެން ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުމަށް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ޕެންޝަން އޮފީސް ހެންވޭރު އަވަށުގެ ރައްޔިތުންނާ މީގެ ހަފުތާއެއް ކުރިން ބޭއްވި ބައްދަލުވުމުގައި ޕެންޝަން ފަންޑާ ގުޅޭ ގޮތުން އަވަށުގެ ރައްޔިތަކު ސުވާލުކުރިއެވެ. މި މަހުގެ އަށްވަނަ ދުވަހު އޮތް އެ ޖަލްސާގައި އެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ، ޕެންޝަން ގާނޫނު އިސްލާހުކުރުމަށް ދެން ފެށޭ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ސަރުކާރުން ހުށަހަޅާނެ ކަމަށެވެ. އެގޮތުން, ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާޙުތަކެއް ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ. އޭރުން މިހާރަށް ވުރެ ގިނަ ކަންކަމުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ, ޕެންޝަން ފަންޑު ވަރަށް މުހިންމު ކަންކަމުގައި ބޭނުންކުރަން ފަހިވާނެ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. "އެހެންވީމާ އަޅުގަނޑު ވައުދުވީ ގޮތަށް، އޭގެ ތެރެއިން އެއްބައި ކަންކަން މިހާރު ފެށިފައި އެ ވަނީ އިތުރަށް ފުޅާކޮށްދޭން،" ރައީސް ވިދާޅުވިއެވެ. https://sun.mv/215000 ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން މިދިޔަ އަހަރުގެ މާރިޗު މަހު ރައީސް ވަނީ ޕެންޝަން ފައިސާއަކީ ވަކި ގާނޫނެއްގެ ދަށުން ހިނގަމުންދާ ކަމެއް ކަމަށް ވިދާޅުވެ، ގާނޫނަށް އެއްވެސް ބަދަލެއް ގެނެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެ އިސްލާހު ހުށަހަޅުއްވާނެ ކަމަށް އޭރު ވިދާޅެއް ނުވެއެވެ. ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން، އެ މީހުންގެ ފަރުވާއަށް ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތް ހެދުން ފަދަ ކަންކަމަށް މިހާރު ވެސް އަންނަނީ އެދެމުންނެވެ. ހަމައެއާއެކު ވަޒީފާއިން ވަކިވުމަށް ފަހު، ވަޒީފާގައި އުޅުނުއިރު އެއްވާ ޕެންޝަން ފައިސާ ލިބޭނެ ގޮތެއް ވޭތޯ ވެސް ބައެއް ރައްޔިތުން އެދެއެވެ. މިހާރު ވެސް ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށް ޕެންޝަން ފަންޑު ބޭނުންކުރެވެއެވެ. ގާނޫނުގައި އޮތް ގޮތުން މިހާރު ވަޒީފާ އަދާކޮށްގެން އެއްވާ ޕެންޝަން ފައިސާ ވެސް ލިބެން ފަށަނީ 65 އަހަރުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ