ހަކުރު ބަލިން ރައްކާތެރިވެ ތިބުމަށް އެންމެ ގިނަ މީހުން ބޭނުންކުރާ އުކުޅަކީ ގަވާއިދުން ކަސްރަތު ކުރުމެވެ. ކަސްރަތު ކޮށްގެން، ލޭގެ ޕްރެޝަރު މަތިވިޔަ ނުދީ ހިފެހެއްޓެއެވެ. ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ދަށްކުރެވުމުގެ އިތުރުން ލޭ ހޮޅިތަކުގައި ސަރުބީ ޖެހުމުގެ ނުރައްކާ ވެސް ކުޑަކޮށްދެއެވެ. ހަށިގަނޑުގެ ގުނަވަންތަކަށް ބޭނުންވާ އޮކްސިޖަން އާއި ކާނާ ފޮނުވައިދިނުމަށް އެހީތެރިވެދެއެވެ.
ނަމަވެސް ޓައިޕްގެ ދޭއްގެ ހަކުރު ބަލި ޖެހުމުން އެންމެ ގިނަ މީހުންނަށް ފަރުވާއެއްގެ ގޮތުގައި ދޭ ބޭހަކީ މެޓަފޯމިންއެވެ. މިއީ ލޭގެ ޕްރެޝަރު މަތިވިޔަނުދީ ކޮންޓްރޯލް ކުރުމަށްޓަކައި ވަރަށް މަދު މީހަކު ނޫނީ ބޭނުންކުރާ ބޭހެކެވެ. މި ބޭސް ބޭނުންކުރުމުން، ގުދުރަތީ ގޮތުން ހަށިގަނޑުގައި އުފެދިފައި ހުންނަ އިންސުލީންގެ މަސައްކަތް ފުރިހަމައަށް ކުރުމަށް އެހީވެދެއެވެ. ނަތީޖާއެއްގެ ގޮތުން، ފުރަމޭގައި ހަކުރު އުފައްދައިދޭ މިންވަރު ދަށްކޮށްދެއެވެ.
މެޓަފޯމިން އަކީ ހަކުރު ބަލީގެ މީހުންނަށް ކޮންމެހެން ބޭނުންވާ ބޭހެއް ކަމަށް ވިޔަސް، ހަކުރު ބަލިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ ކަސްރަތުގެ ފައިދާ އަށް މި ބޭހުގެ ސަބަބުން ހުރަސް އެޅޭ ކަމަށް ސައެންސްވެރިން ބުނެއެވެ. ދަ ޖާނަލް އޮފް ކްލިނިކަލް އެންޑޮކްރިނޮލޮޖީ އެންޑް މެޓަބޮލިޒަމްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ހަކުރު ބަލީގެ މީހުން އާންމުކޮށް ކުރާ ކަސްރަތުތަކުން ހަށިގަނޑަށް ލިބޭ ފައިދާތައް، މެޓަފޯމިން ބޭސް ކެއުމުން، ވަރަށް ބޮޑަށް ކުޑަވެގެން ދެއެވެ.
ކަސްރަތު ކުރުމުން ހަށިގަނޑަށް ލިބޭ އެންމެ އާންމު ފައިދާތަކުގެ ތެރޭގައި ހަށިގަނޑުގެ ލޭ ހޮޅިތަކާއި ލޭ ނާރުތަކުގެ މަސައްކަތް ރަނގަޅުވުމާއި، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވުމާއި ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމަށް ހަށިގަނޑަށް ލިބިގެންވާ ގާބިލުކަން ހަރުދަނާވުން ހިމެނެއެވެ. ނަމަވެސް މެޓަފޯމިން ބޭސް ކެއުމުން، މި ފައިދާތަކަށް ބުރޫ އަރައެވެ.
ހަކުރު ބަލީގެ ހަގީގަތްތައް ދެނަގަތުމަށް ސައެންސްވެރިން ދިރާސާތައް ކުރުމަށް ފަހު، 2006 ވަނަ އަހަރުން ފެށިގެން ޑޮކްޓަރުން ލަފާ ދެމުން އަންނަނީ، ހަކުރު ބަލި ޖެހިފައިވާ މީހުން ފަރުވާއެއްގެ ގޮތުގައި މެޓަފޯމިން ބޭނުން ކުރުމަށެވެ. އޭގެ އިތުރުން، މެޓަފޯމިންގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހަށިގަނޑަށް ލިބިދިނުމަށްޓަކައި، އަދި ހަކުރު ބަލީގެ ސަބަބުން ހަށިގަނޑުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ގަވާއިދުން ކަސްރަތު ކުރުމަށެވެ.
އޭރުގެ ދިރާސާތަކުން އެނގުނީ، މެޓަފޯމިން ބޭނުންކުރުމާ އެކު ކަސްރަތު ކުރުމުން، އެކަތި އަނެކައްޗަށް ބާރު ދޭނެ ކަމަށެވެ. މާނައަކީ، މެޓަފޯމިން ބޭނުންކުރަމުން ކަސްރަތު ކުރާ ނަމަ، އެ ބޭހުން ލިބެންޖެހޭ މަންފާ އެންމެ ހެޔޮ ގޮތުގައި ލިބޭނެއެވެ. އަދި ކަސްރަތު ކުރަމުން އެ ބޭސް ކާ ނަމަ، ކަސްރަތުން ލިބެންޖެހޭ ނަފާ އެންމެ ހެޔޮ ގޮތުގައި ލިބޭނެއެވެ. ނަމަވެސް މި ފަހުން ކުރި ދިރާސާގެ ނަތީޖާ ދެއްކީ ދިމާ އިދިކޮޅަށެވެ.
"ގިނަ ސިއްހީ ހިދުމަތްތެރިންގެ ގަބޫލުކުރުމަކީ އެކަކާ އެކެއް އެއްކުރީމާ ނުކުންނަ ނަތީޖާއަކީ ދޭއް ކަމަށް. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ، މެޓަފޯމިން ބޭނުން ކުރުމުން، ކަސްރަތުން ހަށިގަނޑަށް ލިބެންޖެހޭ ފައިދާތައް ވެސް ނުލިބޭކަން،" މި ދިރާސާގެ އިސް ސައެންސްވެރިޔާ އަދި ސްކޫލް އޮފް އާޓްސް އެންޑް ސައެންސަސްގެ ޑިޕާޓްމަންޓް އޮފް ކިނެސިއޮލޮޖީ އެންޑް ހެލްތުގެ ޕްރޮފެސަރު ސްޓީވަން މަލިން ވިދާޅުވިއެވެ.
މި ހަގީގަތް ދެނެގަތުމަށްޓަކައި ސްޓީވަން އާއި އޭނާގެ ޓީމުން، މެޓަބޮލިކް ސިންޑްރޯމްގެ ނުރައްކާ އޮތް ކަމަށް ބެލެވޭ 72 މީހަކު އިހުތިޔާރުކޮށް އެ މީހުން ހަތަރު ބަޔަކަށް ބަހައިލިއެވެ. އެއް ބަޔަކަށް ބުރަ ކަސްރަތާ އެކުގައި ދިނީ މެޓަފޯމިންގެ އަސްލު ބޭހެވެ. އަނެއް ބަޔަކަށް ބުރަ ކަސްރަތާ އެކުގައި ދިނީ މެޓަފޯމިންގެ އަސްލު ނޫން ބޭހެކެވެ. އަނެއް ބަޔަކަށް ލުއި ކަސްރަތާ އެކުގައި ދިނީ މެޓަފޯމިންގެ އަސްލު ބޭހެވެ. އަނެއް ބަޔަކަށް ލުއި ކަސްރަތާ އެކުގައި ދިނީ މެޓަފޯމިންގެ އަސްލު ނޫން ބޭހެކެވެ.
މިއީ 16 ހަފުތާގެ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސައެންސްވެރިން ބެލީ ދިރާސާގެ ބައިވެރިންގެ ލޭ ނާރުތައް އިންސުލިންއަށް އިޖާބަ ދޭ މިންވަރެވެ. ލޭ ނާރުތައް އިންސުލިންއަށް އިޖާބަދޭ ނަމަ، ލޭ ނާރުތައް ފުޅާވެ، އެކަށީގެންވާ ގޮތެއްގައި އޮކްސިޖަންއާއި ހޯމޯންތަކާއި ކާނާއިން ލިބޭ ފައިދާ ވެސް ގުނަވަންތަކަށް ފޯރުކޮށްދޭނެއެވެ.
މި ދިރާސާއަށް ބަލާއިރު ނާރުތަކާއި އިންސުލީންގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވީ، ހަމައެކަނި ކަސްރަތުންނެވެ. މާނައަކީ މި ދިރާސާގައި ބައިވެރިވި ހަތަރު ބައި މީހުންގެ ތެރެއިން ހަށިގަނޑުގެ އިންސުލީން އަށް އެންމެ ރަނގަޅަށް އިޖާބަދިނީ، މެޓަފޯމިން ބޭސް ބޭނުން ނުކޮށް ރަނގަޅަށް ކަސްރަތު ކުރި މީހުންގެ ލޭނާރުތަކެވެ. އެމީހުންގެ ލޭނާރުތަކުގައި އިންސުލީންގެ ހަރަކާތްތައް އިތުރުވެ، ހަށިގަނޑުގެ މަސްތަކަށް ވަރަށް ފުރިހަމައަށް ލޭ ފޮނުވައިދިނެވެ.
މިއީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ، އިންސުލީންގެ ޒަރީއާއިން ލޭނާރުތައް ފުޅާވުމަކީ، ލޭގެ ތެރޭގައި އެކުލެވޭ ހަކުރު ހަށިގަނޑުގެ ޓިޝޫތަކަށް ފޮނުވައިދިނުމަށް އެހީވެދޭ ކަމެކެވެ. ނަތީޖާއަކަށް ވަނީ، ކެއުމަށް ފަހުގައި، ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށްވުމެވެ.
މިއާ ހިލާފަށް ކަސްރަތާ އެކުގައި މެޓަފޯމިން ބޭނުންކުރުމުން، އެ ބޭހާ ނުލައި ކަސްރަތު ކުރުމުން އެ ލިބުނު ފައިދާތައް ހަށިގަނޑަކަށް ނުލިބެއެވެ. އޭގެ ބަދަލުގައި ބޭހާ ނުލައި ގިނައިން ކަސްރަތު ކުރުމުން ވެސް އަދި މަދުން ކަސްރަތު ކުރުމުން ވެސް، ލޭނާރުތަކުގެ މަސައްކަތަށް ހީވާގިކަން އިތުރުވިކަން މި ދިރާސާއިން ފާހަގަކުރެވުނެވެ.
މެޓްފޯމިން އާއި ކަސްރަތު: އެއް އުރައަކަށް ނުފެތޭ ދެކަނޑި މެޓްފޯމިން އާއި ކަސްރަތު: އެއް އުރައަކަށް ނުފެތޭ ދެކަނޑި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ