އަބަދުވެސް ވުޟޫމަތީގަ ހުންނަން މަސައްކަތްކުރުމާ ވުޟޫކޮށްފިނަމަ 2 ރަކްޢަތް ނަމާދެއްކުރުމުން ލިބެން އޮތް ބޮޑު ފައިދާ!

މިޢްރާޖެގެ ދަތުރުފުޅުގައި ރަސޫލް (ﷺ) އަށް ވަނީ ބިލާލްގެފާނުގެ ފިޔަވަޅުފުޅުގެ އަޑު ސުވަރުގެއިން އިވިވަޑައިގެންފައެވެ. ބިލާލްގެފާނު ސުވަރުގެއިން ފެނިވަޑައި ނުގެންނެވި ނަމަވެސް ފިޔަވަޅުފުޅުގެ އަޑުފުޅުން ފާހަގަކުރެއްވެވުނީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. އެއީ މަގުމަތީގެ އަޑުތައް ވަރަށް މަޑު ފަތިސް ވަގުތު ކޮންމެ ރެއަކު މަސްޖިދުއްނަބަވީގައި ބަންގިގޮވަން ބިލާލްގެފާނު ވަޑައިގަންނަވާ ފިޔަވަޅުފުޅުގެ އަޑުފުޅު ކޮންމެ ރެއަކު ރަސޫލް (ޞޢވ) އަށް އިވިވަޑައިގަންނަވާތީއެވެ.
ކޮންމެއަކަސް ބިލާލްގެފާނަށް އެފަދަ މަތިވެރި ދަރަޖައެއް ލިބިވަޑައިގަތީ ކޮން އަމަލުފުޅެއް ކުރައްވަވާތީތޯ ރަސޫލް (ﷺ) ބިލާލްގެފާނާއި ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި ބިލާލްގެފާނު ދެންނެވީ އެފަދަ ޢަމަލެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އެއް ކަމެއް ވަރަށް ޤަވާއިދުން ކުރައްވަވާ ކަމަށާއި އެ އަމަލަކީ ޤަޟާ ޙާޖަތް ކުރައްވަވައިފިނަމަ (ވުޟޫ ގެއްލިއްޖެ ނަމަ) ކޮންމެ ފަހަރަކު ވުޟޫ ކުރައްވަވައިގެން 2 ރަކްޢަތް ނަމާދެއް ކުރެއްވެވުން ކަމަށެވެ.
ބިލާލްގެފާނުގެ ބަސްފުޅުން އެނގިގެންދަނީ އެންމެ ޢަމަލެއްގައި ނަމަވެސް ސާބިތުކަމާއިއެކު ދެމިހުރުމުގެ މުހިންމުކަމެވެ. އެކަމުގެ ސަބަބުން އެމީހަކަށް ސުވަރުގޭގެ މަތިވެރި ދަރަޖަތަކަށް ވާޞިލުވެވިދާނެ ކަމެވެ.
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ