ގައުމީ ބީޗު ހޭންޑްބޯޅަ ޓީމުގެ ފަރިތަކުރުންތައް ކުޅުދުއްފުށީގައި ފަށައިފި

ރާއްޖޭގެ ގައުމީ ބީޗު ހޭންޑްބޯޅަ ގައުމީ ޓީމުގެ ފަރިތަކުރުންތައް ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ. ގައުމީ ޓީމުން ތައްޔާރުވަނީ އަންނަ އަހަރު ޗައިނާގެ ސަންޔާގައި ބާއްވާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރުމަށެވެ. ދާދި ފަހުން ކުޅުދުއްފުށީގައި ވަނީ ބީޗު ހޭންޑްބޯޅަ ކޯޓެއް ގާއިމުކޮށްފައެވެ. މި ކޯޓު ގާއިމުކުރީ ރާއްޖޭގައި ކާމިޔާބުކަމާއެކު ބޭއްވި ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތާ ދިމާކޮށެވެ. މި ކޯޓުގައި ފަރިތަކުރުންތައް ފެށިއިރު، ހުޅުވާލާފައިވަނީ ހަމައެކަނި ސީއެޗްއޭ ޓްރައިއައުޓްގައި ބައިވެރިވި ކުޅުންތެރިންނަށް ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. ހަވަނަ އޭޝިއަން ބީޗް ގޭމްސް ނުވަތަ ސަންޔާ 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 22-30 ގެ ނިޔަލަށެވެ. މި މުބާރާތަކީ ކޮވިޑް 19ގެ ސަބަބުން އެކި ފަހަރު މަތިން ފަސްކޮށްފައިވާ މުބާރާތެކެވެ. ޖުމްލަ 63 އިވެންޓު ކުރިއަށްދާ މި ގޭމްސްގައި 14 ކުޅިވަރެއް ހިމެނެއެވެ. ހައިނަން އައިލެންޑްގައި އޮންނަ ސަންޔާ ސަރަހައްދުގައި މުބާރާތް ބާއްވާއިރު ގިނަ ތައްޔާރީތަކެއް އެ ގައުމުން ދަނީ ވަމުންނެވެ. ރާއްޖޭގައި ވަނީ ދާދިފަހުން ކާމިޔާބުކަމާއެކު ބީޗު ހޭންޑްބޯޅަ މުބާރާތެއް ބާއްވާފައެވެ. ކުޅުދުއްފުށީގައި ބޭއްވި އެ މުބާރާތުން ރާއްޖެ ވަނީ ލޯ މެޑަލް ހޯދާފައެވެ. މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގްވާމީ ބީޗު ހޭންޑްބޯޅަ މުބާރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ