ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގުން ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ. 
ރައީސް ޑރ. މުޢިއްޒު މިއަދު ވަނީ އެސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއި، ޑީސީޕީ (ރިޓަޔާޑް) އަޙްމަދު ސަޢޫދީ އަދި ސަރުކާރާއި އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢު ނިމުމުން މާލޭގެ މަގުތަކުގެ ވިއުގައަށް ބޮޑު ބަދަލުތަކެއް އަންނާނެއެވެ. މީގެ ތެރޭގައި މަގު ފުޅާކުރުމާއި، ހިނގާ މީހުންނަށް ފަސޭހަ މަގުތަކެއް ތަރައްޤީކުރުން ހިމެނެއެވެ. އަދި މިހާރު ދިމާވަމުންދާ ޓްރެފިކްގެ މައްސަލަތަކަށްވެސް ޙައްލެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމްކުރެވި، މަގުމަތި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. މިއީ މާލޭގެ އުމްރާނީ ވަޞީލަތްތައް އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށް ރައްކާތެރި އަދި ފަސޭހަ މާޙައުލެއް ޤާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށްފަހު ރައީސް މުޢިއްޒު ވަނީ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް އިރުޝާދު ދެއްވާފައެވެ. އަދި މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންނަށް ދިމާވާ ދަތިތައް ވީހާވެސް ކުޑަކުރުމަށް ސަމާލުކަން ދިނުމަށްވެސް އަންގަވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ