މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި ސަރުކާރުން ފާސްކުުރަން އުޅޭ ކޮންޓްރޯލު ބިލުގެ ވޯޓަށް އަހާ ޖަލްސާ މިއަދު ހަވީރު 4އަށް ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ޖަލްސާ މިއަދު ހަވީރު 4އަށް ތާވަލުކުރިކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ޖަލްސާ ތާވަލުކުރި ނަމަވެސް، އަދިވެސް އެ ޖަލްސާގެ އެޖެންޑާ ހާމަނުކުރެ އެވެ. ބެލެވޭ ގޮތުގައި މިއީ އިއްޔެ ކޮމިޓީން ފާސްކުރި ބިލަށް ވޯޓަށް އަހާ ޖަލްސާ އެވެ.
"މިއަދު 4 ގައި ދައުރުން ބޭރުގެ 7 ވަނަ ޖަލްސާ އޮންނާނެ ވާހަކަ ދަންނަވަން. ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާ ކުރާނެ ވާހަކަ ދަންނަވަން،" މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
ތަފްސީލު - މަޖިލިސް ޗުއްޓީގައި އޮއްވާ އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އަވަސް އަރުވާލައިގެން ބިލު ފާސްކޮށްފަ އެވެ. ނޫސްވެރިން ނުވައްދާ ބޭއްވި އެ ބައްދަލުވުމުގައި އެ ބިލު ފާސްކުރީ ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ، އާ އިސްލާހުތަކާއެކު އެވެ.
މިއަދު ހަވީރަށް ޖަލްސާ ތާވަލުކުރިއިރު، ކޮމިޓީއިން ފާސްކުރި ބިލު ވެސް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުނުކުރެ އެވެ. އަދި މީގެ އިރުކޮޅެއް ކުރިން ފެށިގެން މަޖިލީހުގެ ވެބްސައިޓު ވެސް ވަނީ 'ޑައުން'ވެފަ އެވެ.
މަޖިލިސް ދޮށުގައި މުޒާހަރާ ކުރާ ނޫސްވެރިން އެ ސަރަހައްދުން ފުލުހުން ވަނީ ދުރަށް ޖައްސައި ބެރިކޭޑު ޖަހައި ބަންދުކޮށްފަ އެވެ. ނޫސްވެރިން ދުރަށް ޖައްސަން މަސައްކަތްކުރިއިރު ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުން ބައެއް ނޫސްވެރިންނަށް އަނިޔާވެފައި ވެސްވެ އެވެ. އެކަމަކު އަދިވެސް ނޫސްވެރިން ދަނީ އެ ސަރަހައްދުގައި އަޑުއުފުލަމުންނެވެ.
އެނގުން މުހިންމު - ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިން އިސްވެ މުޒާހަރާ ކުރަމުން އަންނަނިކޮށް، ވަކިވަކި ނޫސްވެރިންނަށް މަރުގެ އިންޒާރު ދީ، ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ ނޫސްވެރިންގެ އާއިލާ މެމްބަރުންނަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ކޮންޓްރޯލް ބިލުގެ ވޯޓަށް އަހާ ޖަލްސާ މިއަދު 4 ޖަހާއިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ