އޭއައިގެ ސަބަބުން ވިކިޕީޑިއާގެ ޓްރެފިކް ދަށަށްދަނީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ސޯޝަލް މީޑިއާގެ ސަބަބުން ވިކިޕީޑިއާގެ ޓްރެފިކް ދަށަށް ގޮސްފައިވާ ކަމަށް ވިކިމީޑިއާ ފައުންޑޭޝަނުން ބުނެފިއެވެ. އެންމެ މަޝްހޫރު އެއް އޮންލައިން އެންސައިކްލޯޕީޑިއާ ކަމަށްވާ ވިކިޕީޑިއާގެ ޓްރެފިކް ދަށަށް ދިއުމުގެ މައިގަނޑު ސަބަބުތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ސޯޝަލް މީޑިއާގެ ބޭނުން ކުރުން އިތުރުވުން ކަމަށް އެ ފައުންޑޭޝަނުން ހާމަކުރެއެވެ. https://sun.mv/175182 ވިކިމީޑިއާ ފައުންޑޭޝަންގެ މާޝަލް މިލާ އާންމުކުރެއްވި ބްލޮގް ޕޯސްޓެއްގައިވާ ގޮތުން، ވިކިޕީޑިއާގެ ހިއުމަން ޕޭޖްވިއުސް (އިންސާނުން ބަލާ ބެލުން) އަހަރަކާ އަޅާބަލާއިރު %8 ދަށްވެފައިވެއެވެ. މިއީ މީގެ ކުރިން ބޮޓް ޑިޓެކްޝަން ސިސްޓަމަށް ގެނެވުނު ބަދަލަކަށް ފަހު ހާމަވި މައުލޫމާތެކެވެ. މިލާ ވިދާޅުވީ މޭ އަދި ޖޫން މަހު ޓްރެފިކް މަތިކޮށް ދެއްކި ބޮޑު ބައެއް އައިސްފައިވަނީ، ޑިޓެކްޓްވުމުން ސަލާމަތްވުމަށް ޓަކައި ހަދާފައިވާ ބޮޓްތަކުން ކަމަށެވެ. މިލާ ވިދާޅުވާ ގޮތުގައި ވިކިޕީޑިއާގެ ޓްރެފިކް ދަށަށް ދިއުމުގެ މައިގަނޑު ސަބަބުތަކަކީ އޭއައި ސާޗް ސަމަރީސް އަދި ސޯޝަލް މީޑިއާ ވީޑިއޯއެވެ. ސާޗް އިންޖިންތަކުން ވިކިޕީޑިއާ ފަދަ ވެބްސައިޓްތަކަށް ލިންކް ކުރުމުގެ ބަދަލުގައި، ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން ސީދާ ޖަވާބުތައް ހޯދާ މީހުންނަށް ދިނުމަކީ އެއް ސަބަބެވެ. ނަމަވެސް، ގޫގުލް އިން ވަނީ އޭއައި ސަމަރީސްގެ ސަބަބުން ޓްރެފިކް ދަށަށް ނުދާ ކަމަށް ބުނެ މި ދައުވާ ދޮގުކޮށްފައެވެ. އަނެއް ސަބަބަކީ ޒުވާން ޖީލުތަކުން މައުލޫމާތު ހޯދުމަށް އޯޕަން ވެބްގެ ބަދަލުގައި ސޯޝަލް މީޑިއާ ވީޑިއޯ ޕްލެޓްފޯމްތައް ބޭނުން ކުރުމެވެ. މިލާ ވިދާޅުވީ މީހުންނަށް މައުލޫމާތު ހޯދުމަށް އާ ގޮތްތައް ފެންނަ ކަމަށް ވިކިޕީޑިއާ ފައުންޑޭޝަނުން ބަލައިގަންނަ ކަމަށާއި، ވިކިޕީޑިއާއަށް ނުދިޔަ ނަމަވެސް އެތަނުގެ މައުލޫމާތު މީހުންނާ ހަމައަށް ފޯރާ ކަމަށް ވިދާޅުވިއެވެ. މިލާ އިތުރަށް ވިދާޅުވިގޮތުގައި މި ބަދަލުގެ ސަބަބުން ބައެއް ނުރައްކާތައް އެބަހުއްޓެވެ. މީގެ ތެރޭގައި މައުލޫމާތު އައިސްފައިވަނީ ކޮންތާކުން ކަމާއި، އެއީ އިތުބާރު ހުރި މައުލޫމާތެއްތޯ ނޭނގި މީހުންނަށް އޭއައި އިން ޖަވާބު ދިނުމާއި، ވިކިޕީޑިއާއަށް ޒިޔާރަތް ކުރާ މީހުން މަދުވުމުގެ ސަބަބުން، އެތަނަށް މައުލޫމާތު އިތުރުކޮށް، މުއްސަނދިކުރާ ވޮލަންޓިއަރުންގެ އަދަދު މަދުވުން ހިމެނެއެވެ. މީގެ އިތުރުން ވިކިޕީޑިއާއަށް މާލީ އެހީ ދޭ ފަރުދުންގެ އަދަދު މަދުވުމަކީ ވެސް ކަންބޮޑުވުމެކެވެ. މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ވިކިޕީޑިއާގެ ކޮންޓެންޓް ބޭނުންކުރާ އޭއައި، ސާޗް، އަދި ސޯޝަލް ކުންފުނިތަކުން ވެސް ވިކިޕީޑިއާއަށް ޒިޔާރަތް ކުރަން މީހުންނަށް ހިތްވަރު ދިނުމަށް މިލާ ވަނީ ގޮވާލައްވާފައެވެ. އަދި ވިކިޕީޑިއާއިން ވެސް އާ ކިޔުންތެރިންނާ ހަމައަށް ވާސިލްވުމަށްޓަކައި އާ ފްރޭމްވޯކްތަކެއް ތަރައްޤީ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ވިކިޕީޑިއާ ފައުންޑޭޝަންގެ މާޝަލް މިލާ ވަނީ އޮންލައިނުން މައުލޫމާތު ހޯދާއިރު، އެ މައުލޫމާތުގެ އަސްލު (ސައިޓޭޝަން) އާއި، މައިގަނޑު މަސްދަރު (އޮރިޖިނަލް ސޯސް) އަށް ބަލައި، އެ ލިންކްތަކަށް ކްލިކް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އިތުބާރު ހުރި، އިންސާނުން އެޑިޓްކޮށްފައިވާ މައުލޫމާތުގެ މުހިންމުކަން އެހެން މީހުންނަށް ވެސް އޮޅުންފިލުވައި ދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ