ކަންފަތް ބީރުވުމުގައި ޖީނެއްގެ އުނދަގޫ ބޮޑު ކަންފަތް ބީރުވުމުގައި ޖީނެއްގެ އުނދަގޫ ބޮޑު

ވަކި އުމުރަކަށް ދިޔުމުން ކަންފަތް ބީރުވުމަކީ، ނުވަތަ އަޑު އިވޭ މިންވަރު ދަށްވުމަކީ، ބައެއް އާއިލާތަކަށް ދިމާވާ ވިރާސީ މައްސަލައެކެވެ. އަދި، އުމުރު މައްޗަށް ނުދިޔަސް، ބައެއް އާއިލާތަކުގައި މި މައްސަލަ ކުރިމަތިވާކަން ފާހަގަކުރެވެއެވެ.
މި ކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ، ކާބޮކްސީޕެޕްޓިޑޭސް ޑީ ޖީން (CPD) ކިޔާ ޖީންއެކެވެ. މިކަމާ ބެހޭ ގޮތުން، ޔުނިވަސިޓީ އޮފް ޗިކާގޯ، ޔުނިވަސިޓީ އޮފް މަޔާމީ އަދި ތުރުކީ ވިލާތުގެ ބައެއް ދިރާސާ އިދާރާތަކުގެ ސައެންސްވެރިން ކުރި ދިރާސާގެ ރިޕޯޓް މިހާރު ވަނީ ޖާނަލް އޮފް ކްލިނިކަލް އިންވެސްޓިގޭޝަންގައި ޝާއިއުކޮށްފައެވެ.
އާންމު ގޮތެއްގައި ސީޕީޑީ ޖީން ފާހަގަކުރެވިފައިވަނީ، ހަށިގަނޑުގައި ހިމެނޭ ޕްރޮޓީންތަކުގެ އަސްލަށް ގެންނަ ބަދަލުތަކަކުން، އެ ޕްރޮޓީންތަކުގެ މަސައްކަތްތައް ވެސް ބަދަލުކޮށްލާ ޖީނެއްގެ ގޮތުގައެވެ. އޭގެ އިތުރުން، ކަންފަތުގެ އެންމެ އެތެރޭގެ ބައިތަކަށް ވެސް މި ޖީނުން ނުރަނގަޅު އަސަރުތަކެއް ފޯރުވާކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.
މި ދިރާސާގައި، ސައެންސްވެރިން ދެ ކަމެއް ދެނެގަނެފައިވެއެވެ. ފުރަތަމަ ކަމަކީ ކަންފަތް ބީރުކޮށްލުމަށް މި ޖީން މަސައްކަތް ކުރާ ގޮތެވެ. ދެވަނަ ކަމަކީ، ސީޕީޑީ ޖީން، ކަންފަތަށް ދޭ ގެއްލުން ރަނގަޅު ކުރުމަށް ފަރުވާ ކުރެވިދާނެ ދެ ގޮތެކެވެ.
ސައެންސްވެރިން ބުނި ގޮތުގައި އެމީހުން ސީޕީޑީ ޖީނަށް އަމާޒުކޮށްގެން ދިރާސާތައް ކުރަން ފެށީ، އާއިލީ ގޮތުން އެއްވެސް ގާތްކަމެއް ނެތް ވަކިވަކި ތިން އާއިލާއެއްގެ މެމްބަރުންތަކަކަށް ދިމާވެފައިވާ ބީރުވުމުގެ މައްސަލަ، ސެންސޯރިނިއުރަލް ހިއަރިން ލޮސް (އެސްއެންއެޗްއެލް)އާ ގުޅިގެންނެވެ. މި ތިން އާއިލާގެ މީހުންގެ ޑީއެންއޭ ތަހުލީލު ކުރުމުން، ސީޕީޑީ ޖީންގެ އަސްލަށް ބަދަލުތަކެއް އައިސްފައިވާ ކަން ދެނެގަނެވުނެވެ.
އެ ޖީނަށް އަންނަ އެފަދަ ބަދަލުތަކުގެ ސަބަބުން، ކަންފަތަށް އިވުމުގެ އިހްސާސް މަޑުމަޑުން ގެއްލެމުން ގޮސް މުޅިން ބީރު މީހަކަށް ބަދަލުވެއެވެ. އެސްއެންއެޗްއެލްގެ ހާލަތު މެދުވެރިވުމުން، އުމުރުގެ ވަރަށް ކުރީކޮޅުގައި އިވުމުގެ އިހްސާސަށް ގެއްލުން ލިބެން ފަށައެވެ. މިހާތަނަށް ގަބޫލުކުރެވިފައި އޮންނަނީ، މިއީ ރަނގަޅު ނުކުރެވޭނެ ހާލަތެއް ކަމަށެވެ.
މިފަދަ ހާލަތެއްގައި ތިބޭ މީހުން ހިއަރިން އެއިޑް ފަދަ، އަޑުއިވުން ފަސޭހަކޮށްދޭ އާލާތެއް ބޭނުން ކުރުމުން، އަޑުއިވުމުގެ އިހްސާސަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް ގެނެވެއެވެ. ނަމަވެސް، އެއްވެސް ބާވަތެއްގެ ފަރުވާއަކުން އެ މައްސަލައަށް ހައްލެއް ނުހޯދެއެވެ.
ކުރިން މި ބުނި ތިން އާއިލާގެ ހާލަތުތައް ދިރާސާކުރުމަށް ފަހު، ސީޕީޑީ ޖީންއާ ބެހޭ ގޮތުން އިތުރު ތަހުލީލުތަކެއް ކުރަން ސައެންސްވެރިންނަށް މަޖުބޫރުވިއެވެ. އެމީހުންގެ ދިރާސާގެ ދާއިރާ ފުޅާކޮށްގެން ކުރި މަސައްކަތުން ކަށަވަރުވީ، ސީޕީޑީ ޖީންއަށް އެހެން ބަދަލުތައް އައިސްފައިވާ މީހުންނަށް ވެސް އިވުމުގެ ހިއްސަށް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.
މި ދިރާސާއިން އެނގުނީ ސީޕީޑީ ޖީން އަށް އަންނަ ބަދަލުތަކާއި، އިވުމުގެ ހިއްސަށް ލިބޭ ގެއްލުންތަކުގައި ބޮޑެތި ގުޅުންތަކެއް ހުރިކަން ސައެންސްވެރިންނަށް ފާހަގަކުރެވުނެވެ. އެހެންކަމުން، އިންސާނުންގެ އިވުމުގެ ހިއްސަށް، ސީޕީޑީ ޖީންއިން ނުފޫޒު ފޯރުވާ ދެނެގަތުމަށްޓަކައި، ސައެންސްވެރިން ތަހުލީލުތައް ކުރީ މީދަލުގެ ހަށިގަނޑުގައެވެ.
ސީޕީޑީ ޖީންއަކީ އާންމު ގޮތެއްގައި، އެމިނޯ އެސިޑްގެ ބާވަތެއް ކަމަށްވާ އާގިނީން އުފައްދައިދޭ އެންޒީމްތައް ހަށިގަނޑުގެ ތެރެއަށް ދޫކުރުމުގެ ޒިންމާ އަދާކުރާ ޖީންއެކެވެ. ނާރުތަކުގެ ޒަރީއާއިން އެއް ގުނަވަންތަކުގެ މެދުގައި، ނިއުރޯޓްރާންސްމީޓަރެއްގެ ގޮތުގައި މުވާސަލާތުކުރާ ނިޓްރިކް އޮކްސައިޑް އުފެއްދުމަށް އެހީވެދެނީ އާގިނީން އެމިނޯ އެސިޑެވެ.
ސީޕީޑީ ޖީންގެ ވިރާސީ މާއްދާތަކުގެ އަސްލު ބަދަލުވުމުން، މި ދެންނެވި މަސައްކަތަށް ހުރަސްއެޅި، އޮކްސިޑޭޓިވް ސްޓްރެސް އުފެދި، ކަންފަތުގެ އެންމެ އެތެރޭގައި ހުންނަ، ލޯލިތަކުގެ ސެލްތައް މަރައިލައެވެ. ކަންފަތުގެ އެތެރެއަށް ވަންނަ އަޑުގެ ރާޅުބާނިތައް ދަމައިގަނެ ސިކުނޑިއަށް ފޮނުވައިދިނުމުގެ މަސައްކަތް ކުރަނީ މި ދެންނެވި ލޯލިތަކެވެ.
ސައެންސްވެރިން ބުނާ ގޮތުގައި މި މައްސަލައަށް އޮތް އެއް ހައްލަކީ، ޖީންއަށް އަންނަ ބަދަލުގެ ސަބަބުން ހަށިގަނޑުން މަދުވެގެންދާ އާގިނީން އެމިނޯ އެސިޑް ލިބިދޭނެ އެހެން ސަޕްލިމެންޓެއް ބޭނުންކުރުމެވެ. މި ކަމަށް އޮތް ދެ ވަނަ ފަރުވާއަކީ ސިލްޑެނެފިލް (ވިއާގްރާ) ބޭނުންކުރުމެވެ. ވިއާގްރާއަކީ، ނާރުތަކުގައި ލޭ ދައުރުވުން އިތުރުކޮށްގެން، ފިރިހެނުންގެ ޖިންސީ ބާރު ގަދަކުރުމަށް އުފައްދައި މަޝްހޫރުވެފައިވާ ބޭހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ