ގައުމުގެ ދޮރާށިތައް ވަގުންނަށް ހުޅުވިފައި؛ ސަލާމަތުން އެއް ތަނެއް ވެސް ނެތް

މީގެ ދެ މަހެއްހާ ދުވަސް ކުރިން ހުޅުމާލޭގައި ހުންނަ މައި ވިޔަފާރި ބަނދަރުން ވަގަށް ބޭރުކޮށްލީ އެތަައް މިލިއަން ސިނގިރޭޓެއް ހުރި 40 ފޫޓުގެ ބޮޑު ދެ ކޮންޓޭނަރެވެ. އެ ވައްކަން ހިންގާލީ ނިކަން މޮޅަށް ރޭވިގެން އިދާރާތަކަށް ހިލަމެއް ވެސް ނުވެ އެވެ. އެ ވައްކަން ރެއަކާލީ އެކަން ހިންގި މީހުންގެ ތެރެއިން ބަޔަކު ގަދަވެލަން ވެގެން، ވެރިންނަށް ފޮނުވި މެސެޖަކުންނެވެ.
އެކަން ފަޅާއެރިތާ މާ ގިނަ ދުވަހެއް ނުވެ މިއަދު ފަތިހު މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ން އެ ފޭރި ގަތީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 100،000 ޑޮލަރު ހުރި ބްރިފްކޭހެކެވެ. އެކަން ކުރީ މޫނު އަޅައިގެން ތިބި ބަޔަކު އެއާޕޯޓަށް އަރައި ބޭންކުގެ ދެ މުވައްޒަފަކަށް އެއާޕޯޓްގެ ހާމަ ތަނެއްގައި އެންމެންނަށް ފެންނަހެން ވަޅިން ބިރު ދައްކައިގެންނެވެ. 
އެއްވެސް ޖެހިލުމެއް ބިރެއް ނެތި ރޭވިގެން ހިންގާ ވައްކަމާއި ފޭރުމުގެ ކަންކަން މި ހިސާބަށް ދިޔުމުން އާންމުން މިއަދު އެ ތިބީ ރައްކާތެރިކަމުގެ ޔަގީންކަން ނެތި، ސުވާލެއްގަ އެވެ. އެންމެން އެ ކުރާ ސުވާލަކީ، އެއާޕޯޓާއި ބަނދަރުތަކުގައި އޮތީ ކޮން ސަލާމަތްތެރިކަމެއް ހެއްޔެވެ؟ އެ ތަންތަނުގައި ނެތް ސަލާމަތްތެރިކަމެއް، ރައްކާތެރިކަމެއް އާންމު ތަންތަނުގައި ވަކި އޮންނާނީ ކިހިނެއް ހެއްޔެވެ؟ 
އެއާޕޯޓާއި ބަނދަރުތަކަކީ ރާއްޖޭގެ މައި ދޮރާށިތަކެވެ. ގައުމެއްގެ ސަލާމަތްތެރިކަން ބިނާވަނީ އެ ތަންތަނުގެ ސަލާމަތްތެރިކަން އޮތް ވަރެއްގެ މައްޗަށެވެ. އެކަމަކު، ތޫނު އާލާތްތަކާ އެކު މާސްކް އަޅައިގެން ބަޔަކު ވީއައިއޭއަށް އަރައި ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް އިރު ޔަގީންނަށް ވެސް އެއާޕޯޓުގައި ކެމެރާތައް ހުންނާނެ އެވެ. އެއީ ސަލާމަތީ ގޮތުން ވަރުގަދަ ސަރަހައްދެކެވެ. 
މި ފަހުން އެއާޕޯޓުގެ ސަލާމަތްތެރިކަން ބަލަހައްޓަން އެތައް ބަޔަކު ވަޒީފާއަށް ނަގައި އަމިއްލައަށް ސަލާމަތީ ފޯސްއެއް ވެސް އުފެއްދި އެވެ. ޔަގީނުން ވެސް އެއާޕޯޓުގެ ސަލާމަތްތެރިކަން އެ ފޯހުން ގެންދާނީ އަބަދުމެ ބަލަމުންނެވެ. މީގެ އިތުރަށް ފުލުހުންނާއި ސިފައިން ވެސް އެކި ފަށަލަތަކުގައި ވައިގެ ބަނދަރުގެ ސަލާމަތްތެރިކަން ބަލަމުން ގެންދާނެ އެވެ. އެ ހުރިހާ ފަށަލަތަކެއް ފޫއަޅުވާލާފައި ގައުމީ ބޭންކުގެ ފައިސާ ސޫޓްކޭހެއް ފޭރިގަނެގެން ގެންދެވޭނީ ޔަގީންނަށް ވެސް އެއާޕޯޓުގެ ސަލާމަތްތެރިކަމުގެ ކަންކަމުގައި އެތައް ބާގަނޑެއް ހުރީމަ އެވެ. 
ސިނގިރޭޓް ކޮންޓޭނަރުތައް ހުރި ގޮތަށް އުފުއްލައިލައިގެން ވަގަށް ގެންދެވޭނީ ވެސް ކަނޑުގެ ބަނދަރުތަކުގައި ހުރި ސަލާމަތްތެރިކަން ކުޑަވީމަ އެވެ. އެކަންކަން ބަލަހައްޓަން ޒިންމާ ނަގައިގެން ތިބި ފަރާތްތައް ނުކުޅެދުނީމަ އެވެ. މި ކަންކަމަކީ ހޯމް ލޭންޑް މިނިސްޓަރު، އަލީ އިހުސާން ޖަވާބުދާރީވާން ޖެހޭނެ ކަންކަމެވެ. އޭނާގެ އިތުރަށް ބަނދަރުތައް ބަލަހައްޓާ އެމްޕީއެލް އާއި އެމްއޭސީއެލް އަދި ކަސްޓަމްސްގެ ވެރިން ވެސް ޖަވާބުދާރީވާން ޖެހޭނެ އެވެ. 
ގައުމިއްޔަތުގެ ވާހަކަ ފަށަން ޖެހޭނީ ރާއްޖޭގެ ގައުމީ ސަލާމަތްތެރިކަން ކަށަވަރުކޮށްފަ އެވެ. އެކަމަކު މި ހިނގި ދެ ފޭރުމާއި ވައްކަމުން ވެސް މި ފެނުނީ ގައުމީ ސަލާމަތް ކަށަވަރުކުރަން ނުކުޅެދިފައިވާ ތަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ