ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަން ދައުވާތަކުގެ މިއަދުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދި ޔާމީނުގެ ފަރާތުން އެ ކޯޓަށް ސިޓީއެއް ފޮނުވާފައި އޮއްވައި، ޔާމީންއަށް ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިންޒާރެއް ދީފި އެވެ.
ޔާމީން މި ވަގުތު ހުންނެވީ ހއ. ދިއްދޫގަ އެވެ. އެމަނިކުފާނު ދިއްދޫއަށް ވަޑައިގެންނެވީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފައި ވަނިކޮށެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެ ދެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 2:30 އަށެވެ.
ދިއްދޫއަށް ފުރާވަޑައިގަންނަވާތީ ޔާމީން ވަނީ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދި އެ ކޯޓަށް ސިޓީއަކުން ދަންނަވައިފަ އެވެ. ނަމަވެސް އެ އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ އަޑުއެހުން ކެންސަލް ކުރީ ޔާމީން ޝަރީއަތަށް ހާޒިރު ނުވުމުން ކަމަށެވެ. އަދި އެ ކޯޓުގެ ޝަރީއަތެއް ތާވަލުކޮށްފައި ވަނިކޮށް ކޯޓުގެ ހުއްދައަކާ ނުލައި ރަށުން ފުރައިގެން ދިޔުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ ފަދަ ކަމެއް ކަމަށް މީޑިއާތަކަށް އެ ކޯޓުން ފޮނުވި މެސެޖުގައި ބުންޏެވެ.
"ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެ،" ކޯޓުން މީޑިއާއަތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ.
ޔާމީން ދިއްދޫއަށް ވަޑައިގެންނެވީ ހއ. އަތޮޅު ކައުންސިލް އެވޯޑު، "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ. އަދަދު އަށް އެނގިފައިވާ ގޮތުގައި އެވޯޑު ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް މުހައްމަދު މުއިއްޒުއަށް ވެސް ދައުވަތު ދެއްވި އެވެ. ނަމަވެސް އެ ދައުވަތު ގަބޫލުކުރައްވާފައެއް ނުވެ އެވެ.
ތިލައުތުރު އެވޯޑަކީ ހއ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ބާއްވާ އެވޯޑެކެވެ. އެގޮތުން ޖުމްލަ ހަ ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ އިތުރުން ދައުވާކޮށްފައި ވަނީ ކްރިކު ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓުމަންޓުގެ މައްޗަށެވެ. ކްރިކުގެ މައްސަލަ ފައިލްކޮށްފައިވާއިރު، ސަން ގެ ދެ ކުންފުނީގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާތަކުގެ މައްސަލަ ކުރިއަށް ގެންދަނީ ވަކި ޝަރީއަތެއްގަ އެވެ.
އޮންލައިންކޮށް އަޑުއެހުން ކުރިއަށް ގެންގޮސްދޭން އެދިފައި އޮއްވައި ކްރިމިނަލް ކޯޓުން ޔާމީނަށް އިންޒާރެއް އޮންލައިންކޮށް އަޑުއެހުން ކުރިއަށް ގެންގޮސްދޭން އެދިފައި އޮއްވައި ކްރިމިނަލް ކޯޓުން ޔާމީނަށް އިންޒާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ