ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު މިހާރު ވެސް ފަރުވާ ހޯދަމުން ދަނީ ލޭގެ ޕްރެޝަރު މައްޗަށް ދިޔުމުގެ މައްސަލައަށެވެ. އޭގެ ތެރެއިން ވެސް ގިނަ ބަޔަކީ ދާއިމީ ގޮތެއްގައި އެކަމަށް ބޭސް ބޭނުންކުރާ މީހުންނެވެ. ނަމަވެސް، ޕްރެޝަރު ބޭސް ކައިގެން ވެސް ޕްރެޝަރު ދަށް ނުވާ މައްސަލަ ބައެއް މީހުންނަށް ކުރިމަތިވެއެވެ.
ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުކުރެވި، އެކަމަށްޓަކައި ދާއިމީ ގޮތެއްގައި ބޭސް ކާން ޖެހުމުން ސިއްހީ އެހެން މައްސަލަތައް ވެސް ކުރިމަތިވެއެވެ. އޭގެ ތެރެއިން ވެސް އެންމެ ނުރައްކާތެރި ކަމަކީ ކިޑްނީގެ މައްސަލަތަކެވެ. ކިޑްނީ ފެއިލްވުމަކީ ގިނަ ބަޔަކު ތަހައްމަލުކުރަމުން ދާ ވޭންދެނިވި ބައްޔެއް ކަމުން، ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ ސަބަބުން ކިޑްނީ ފެއިލްވުމުގެ ފުރުސަތު ބޮޑުވުމަކީ މީހާގެ ހާސްކަން އިތުރުވާ ކަމެކެވެ.
ނަމަވެސް ދިރާސާކުރާ މީހުން ބުނާ ގޮތުގައި ދާއިމީ ގޮތެއްގައި ޕްރެޝަރު ބޭސް ކާންޖެހޭ މީހުންނަށް، ނުވަތަ ބޭސް ކައިގެން ވެސް ޕްރެޝަރު ދަށަށް ނުދާ މީހުންނަށް ވެސް މިހާރު އާ އުންމީދެއް ލިބިއްޖެއެވެ. ސައެންސްވެރިން ބުނާ ގޮތުގައި އަލަށް މި އުފެއްދި ބެކްސްޑްރޮސްޓޭޓް (baxdrostat) ކިޔާ ގުޅަ ބޭހަކީ، އެފަދަ ހާލަތުގައި ތިބި މީހުންގެ ދިރިއުޅުން އުފާވެރިކޮށްދޭނެ ބޭހެއް ކަމަށް އުންމީދު ކުރެވެއެވެ.
ޕްރެޝަރު ދަށް ކުރުމަށް މިހާރު އާންމުކޮށް ބޭނުންކުރާ ބޭސްތައް ބޭނުންކުރުމުން، ޕްރެޝަރު ދަށް ނުވާ މީހުން ވެސް، ބެކްސްޑްރޮސްޓޭޓް، ބޭނުންކުރުމުން ލޭގެ ޕްރެޝަރު ދަށްވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ޕްރެޝަރު ދަށްކުރާ އާންމު ބޭސްތަކުން ކިޑްނީއަށް ލިބޭ ފަދަ އެއްވެސް ގެއްލުމެއް، ބެކްސްޑްރޮސްޓޭޓް އިން ލިބޭ ކަމުގެ ހެއްކެއް މިހާތަނަކަށް ނުފެނެއެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި ބެކްސްޑްރޮސްޓޭޓް އަކީ ކިޑްނީ ފެއިލްވުމުގެ ވޭން ތަހައްމަލުކުރަމުން ދާ މީހުންނަށް ލިބުނު ބޮޑު އުންމީދެކެވެ. ކިޑްނީގެ ދުޅަހެޔޮކަން ގެއްލުމުން ނުވަތަ ފެއިލްވުމުން، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަކީ އަދި އެއަށް ވުރެ އުނދަގޫ ކަމަކަށްވެއެވެ.
ބެކްސްޑްރޮސްޓޭޓް އަކީ އެލްޑޮސްޓެރޯން ކިޔާ ހޯމޯން އުފެއްދުން ހުއްޓުވާ މާއްދާތަކެއް އެކުލެވޭ ބޭހަކަށް ވާތީ، މި ބޭސް ބޭނުންކުރުމުން، ލޭގެ ޕްރެޝަރު ފަސް ޕަސެންޓް ތިރިވިއެވެ. މި ނަތީޖާ ފެނުނީ، އާންމު ޕްރެޝަރު ބޭސްތަކުން ވެސް ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުކުރެވޭ އަދި ކިޑްނީ ފެއިލްވުމުގެ މައްސަލަ ކުރިމަތިވެފައިވާ ބަޔަކަށް މި ބޭސް ދިނުމުންނެވެ.
މި ދިރާސާއިން ހާމަވި އަނެއް ކަމަކީ، މި ބޭސް ބޭނުންކުރުމުން، ކުޑަކަމުދާ ތަކެތިން އަލްބަމީން ނެތިގެންދާ މިންވަރު ވެސް ދަށްކޮށްދޭ ކަމެވެ. އެހެންކަމުން، މި ބޭހަކީ ކިޑްނީއަށް ޖެހޭ ބަލިތައް އިތުރަށް ގޯސްވެގެން ދިޔުން ލަސްކޮށްދޭނެ ބޭހެއް ކަމަށް ބެލެވެއެވެ.
ކިޑްނީ ފެއިލްވުމާއި ލޭގެ ޕްރެޝަރު މައްޗަށް ދިޔުމަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ މައްސަލައެވެ. އަދި މި ދެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ހައްލު ނުކުރެވިއްޖެ ނަމަ، ހާޓް އެޓޭކް، ސްޓްރޯކް، ކިޑްނީ ފެއިލްވުން ފަދަ ކަމެއް މެދުވެރިވުމުގެ ނުރައްކާ ވަރަށް ބޮޑެވެ.
ލޭގެ ޕްރެޝަރު މައްޗަށް ދިޔުމުގެ މައްސަލައާއި ކިޑްނީ މައްސަލަތަކަށް ބެކްސްޑްރޮސްޓޭޓް އިން އެކަށޭނަ ފަރުވާއެއް ކުރެވިދާނެ ކަމަށް ތަހުލީލުތަކުން ދެއްކިޔަސް، މިއިން އެއްވެސް ކަމަކަށް ބޭނުންކުރުމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އަދި ހުއްދައެއް ނުދެއެވެ.
މި ލިޔުމަކީ މެޑިކަލްސައިންސާ ގުޅޭ ހަބަރުތަކާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓުތަކުގައި ޝާއިއުކޮށްފައިވާ ދިރާސާތަކެއްގެ މައްޗަށް ދިވެހިބަހުން ތައްޔާރުކޮށް އަދަދު ނޫހުގެ ލިޔުންތެރިޔަކު ލިޔެފައިވާ ލިޔުމެކެވެ. މިއީ ހަމައެކަނި އައު ހޯދުންތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ލިޔުމެކެވެ. މި ލިޔުމުގައި މިވަނީ ސިއްހީ ލަފައެއް ނޫނެވެ. ޑޮކްޓަރީ ބޭހާ ގުޅޭ ކަންކަމުގައި އަބަދުވެސް ރައްކާތެރި ގޮތަކީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ބޭސް ބޭނުންކުރުމެވެ.
ލޭގެ ޕްރެޝަރު ކޮންޓްރޯލުކޮށްދޭ އާ ގުޅަ ބޭހެއް ލޭގެ ޕްރެޝަރު ކޮންޓްރޯލުކޮށްދޭ އާ ގުޅަ ބޭހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ