ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ ފަނަރަވަރަކަށް މިސްކިތުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިސްލާމީ ކުތުބުހާނާއަކާއި ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕަކާއެކު، ހއ. ދިއްދޫގައި ތަރައްގީ ކުރި އިސްލާމީ މަރުކަޒު، މިއަދު ހުޅުވުމުގެ މުނާސަބަތުގައި، އެ ރަށު ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަޝްރޫއުތައް ނިންމެވުމަށް ސަރުކާރުން އަހުމިއްޔަތުކަން ދެއްވާކަން ފާހަގަކުރައްވައި، ރަމަޟާން މަހުގެ ކުރިން ގިނަ މަސައްކަތްތަކެއް ނިންމެވުމަށް އަމާޒުހިއްޕަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރަމަޟާން މަހުގެ ކުރިއަށް ނިންމެވުމަށް މަސައްކަތްކުރައްވަމުންގެންދަވާ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިސްކިތެއްވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތް މަދުކަމުން ކުރިމަތިވަމުންދާ ދަތިކަން ހައްލުކޮށްދެއްވުމުގެ މަގްސަދުގައި، އެ ސަރަހައްދުގައި އިތުރު މިސްކިތެއް ބިނާކުރެއްވުމުގެ އަމަލީ މަސައްކަތް، ޑިސެންބަރު މަހު ފައްޓަވާނެކަންވެސް މި ޕޯސްޓުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ސަރުކާރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރެއްވުމުގެ މަގްސަދަކީ، ރާއްޖޭގައި އިސްލާމީ އެއްބައިވަންތަކަށް ގާއިމުކުރައްވައި، އިސްލާމީ ސަގާފަތާއި ނޫރު ފެތުރުއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ ދިވެހި ރައްޔިތުންނަށް ތައުފީގު ދެއްވުން އެދި ދުއާ ކުރައްވަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރާ 15 މިސްކިތެއްގެ މަސައްކަތް ރޯދައިގެ ކުރިން ނިމޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ