އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވުމަށް މިރޭ ބޭއްވި ބައްދަލުވުން ހޫނުވެ، ވަކި ގޮތަކަށް ނުނިމި ނިންމާލައިފި އެވެ.
ވީ ކިހިނެއް؟- ޗެއާޕާސަންގެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒު އިސްމާއީލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުން، ހުސްވެފައިވާ އެ މަގާމަށް ވަގުތީ ގޮތުން ކުރިމަތިލުމަށް ހުޅުވާލުމުން، ތިން ނަމެއް ހުށަހަޅަން ނިންމައި ޝައުގުވެރިކަން ފާޅުކުރި އެވެ.
އެއީ:
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު
އެކަމަކު އޭގެތެރެއިން ހުށަހެޅީ، ވަހީދުގެ ނަން އެކަންޏެވެ.
އޭނާގެ ނަން ހުށަހަޅައި ވޯޓަށް އެހުމާއެކު، ހާޒިރުވި 96 މެންބަރުންގެ ތެރެއިން 47 މީހުންގެ ތާއީދު ލިބުނެވެ. އެކަމަކު ރިޔާސަތުން ބުނީ މަގާމަށް އައްޔަން ކުރާ ވަރަށް ވޯޓު ނުލިބޭ ކަމަށެވެ. އެއާއެކު ބައްދަލުވުން އަޑުގަދަވި އެވެ. ބައެއް މީހުން ގޮވާލީ، އެ މަގާމަށް އޭނާ ހޮވިފައިވާ ކަމަށެވެ.
އަސްލަމްގެ ނަން ހުށަހަޅަން ތައްޔާރުވި ނަމަވެސް، ރިޔާސަތުން އެ ފުރުސަތެއް ނުދިނެވެ. އެ މީހުންގެ ބަހަކަށްވީ، ވަގުތީ ޗެއާޕާސަނެއް ހޮވަން ޖެހޭނި ގައުމީ މަޖިލީހުގެ ތެރެއިން ކަމަށެވެ. އެއާއެކު އަނެއްކާ ވެސް ބައްދަލުވުން ހޫނުވެ، ބައެއް މީހުން އެތަން ދޫކޮށް ދިޔަ އެވެ.
ގިނަ ބަޔަކު ނުކުމެގެން ދާން ފެށުމުން ރިޔާސަތުން އިއުލާން ކުރީ، ނިޒާމު ގެއްލުމުން ވަކި ގޮތަކަށް ނުނިމި ބައްދަލުވުން ނިމުނީ ކަމަށެވެ.
އެމްޑީޕީ ބައްދަލުވުން ހޫނުވެ، ވަގުތީ ޗެއާޕާސަނެއް ހޮވޭވަރެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ