400 އަކަފޫޓަށް ވުރެ ކުޑަ ބިން އާއިލާ މީހަކަށް ދެވޭ ގޮތަށް ހަދަނީ

ސަރުކާރުން ދޭ ބޯހިޔާވަހިކަމަށް ކުރިމަތިލާ މީހުންގެ ނަންމަތީ 400 އަކަފޫޓަށް ވުރެ ކުޑަ ބިންކޮޅެއް އޮންނަ ނަމަ، އެ ބިން ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގައި އެ މީހެއްގެ އާއިލާގެ މީހަކަށް ދޫކޮށްލެވޭ ގޮތަށް އުސޫލު ބަދަލު ކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެ އުސޫލު މިއަދު ނޫނީ މާދަމާ އާންމުކުރާނެ ކަމަށެވެ.
ތަފްސީލް - މިހާރު އުސޫލު އޮންނަނީ ބޯހިޔާވަހިކަމަށް ކުރިމަތިލާ މީހާގެ ނަންމަތީ ނުވަތަ އޭނާއަށް ވާރުތައިން 400 އަކަފޫޓަށް ވުރެ ކުޑަ ބިންކޮޅެއް އޮންނަނަމަ އެ ބިން ދައުލަތަށް ދޫކޮށްލަން ޖެހޭ ގޮތަށެވެ. އެ އުސޫލަށް ބަދަލު ގެންނަނީ، އެ ބިން އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިން ނޫނީ އެއްބަނޑުއެއްބަފާ މީހުންނަށް ދޫކޮށްލާ ގޮތަށް ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ.
"މި އެޕްލައި ކުރެވޭނެ މިދިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ތެރެއިން ބިންކޮޅު ދޫކޮށްލަން ޖެހޭ ފަރާތްތަކަށް ވެސް،" ރައީސް ވިދާޅުވި އެވެ.
"ހަމައެކަނި ސަރުކާރަށް ދޫކޮށްލަން ޖެހޭނީ އަޅުގަނޑުމެން އިއުލާނުކުރިން ސޯޝަލް ހައުސިން އިން ދޫކޮށްފައިވާ ފްލެޓެއް ދޫކޮށްލާފައި ދާންޖެހޭ ހާލަތުގައި، އެ ފްލެޓު ހަވާލު ކުރަންޖެހޭނީ ސަރުކާރަށް."
ރައީސް ވިދާޅުވީ ބިންކޮޅު އާއިލާގެ މީހަކަށް ދޫކޮށްލެވޭ ގޮތަށް ހަދަނީ ގިނަ ބަޔަކު އެ ބިންތައް ތަރައްގީކުރަން ލޯނުތައް ނަގައި އިންވެސްޓު ވެސް ކޮށްފައި ހުރުމުން ކަމަށެވެ.
ފާހަގަ ކުރެވޭ - އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަން އޮތް ނަމަވެސް، ގޯތި ލިބޭ ސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ވެސް އުސޫލު ވަނީ މިފަހުން ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން 'ބިންވެރިޔާ' ސްކީމުގެ ދަށުން އެހެން ފަރާތަކާ ގުޅިގެން ފޯމު ހުށަހަޅައިގެން ގޯތި ލިބުނު މީހުންގެ ތެރެއިން އެ ފޯމުގައި ގުޅިފައިވާ ހުރިހާ އެންމެން އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާ ނަމަ، ގޯތި ލިބުނު ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭގޮތަށް ވެސް އުސޫލެއް ވަނީ އާންމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ