ފުރޮޅުލީ ގޮނޑީގައި ޖައްވަށްދިޔަ ފުރަތަމަ އަންހެނަކަށް ޖަރުމަނު މީހެއް
ޔޫރަޕިއަން ސްޕޭސް އެޖެންސީގައި މަސައްކަތްކުރާ ޖަރުމަނުގެ އޭރޯ ސްޕޭސް އަދި މެކަޓްރޯނިކްސް އިންޖިނިއަރެއް ކަމަށްވާ މިކާއެލް ބެންތައުސް ފުރޮޅުލީ ގޮނޑިއެއްގައި ޖައްވަން އުދުހުނު ފުރަތަމަ މީހާގެ ލަގަބާ އެކު ތާރީޚުން ޖާގަ ހޯދައިފިއެވެ. އުމުރުން 33 އަހަރުގެ މި ޒުވާނާ ވެފައިވަނީ ކާމަން ލައިން ހުރަސްކޮށް ފުރޮޅުލީ ގޮނޑިއެއްގައި ޖައްވަން އުދުހުނު ފުރަތަމަ މީހާގެ މަގާމާ އެކު ގިނަ ބައެއްގެ ސަމާލުކަން ހޯދި އިންޖިނިއަރަކަށެވެ. ކާމަން ލައިންއަކީ ކަނޑުގެ ސަތަހައަށްވުރެ 100 ކިލޯމީޓަރު (62 މޭލު) މަތީގައިވާ ޖައްވާ ފަޒާއާއި އިންތިހާ ދުރު ހިސާބެކެވެ. މިކާއެލް ބެންތައުސް ފުރޮޅުލީ ގޮނޑީގައި ފެށި ތާރީޚީ ދަތުރުކޮށްފައިވަނީ ބްލޫ އޮރިޖިންގެ ނިއު ޝެޕަޑް ކެޕްސޫލެއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ޓެކްސަސްގެ ވެން ހޯން ކައިރީގައި ހުންނަ އެ ކުންފުނީގެ ލޯންޗު ފެސިލިޓީއިންނެވެ. "NS-37" ގެ ނަމުން މަޝްހޫރު މި މިޝަނަކީ، ބްލޫ އޮރިޖިން އިން ހިންގި 16 ވަނަ ސަބްއޯބިޓަލް ސްޕޭސް ޓޫރިޒަމް ލޯންޗެވެ. ޖެފް ބެޒޯސްގެ ފައިސާގެ އެހީގައި 2000 ވަނަ އަހަރު އުފެއްދި މި ރޮކެޓް ވެންޗާގެ މަގުޞަދަކީ، އެކި ކަހަލަ ސަބަބުތަކާ ހެދި އާންމުކޮށް ޖައްވަށް ދަތުރުކުރުމުގެ ފުރުސަތު ފަހިނުވާ އެސްޓްރޯނޯޓުންނާ ޖައްވަށް ދިއުމުގެ ފުރުސަތު ހޯދައިދީ އެ މަގު ފަހިކޮށްދިނުމެވެ. މިކާއެލްބެންތައުސް--ފޮޓޯ/ސީއެންއެން މި ދަތުރަށްވުރެ ކުރިން ސީއެންއެންއަށް ދިން ބަސްދީގަތުމެއްގައި ބެންތައުސް ބުނެފައިވަނީ ދުނިޔެއިން ބޭރަށް ޖައްވަށް ދަތުރުކުރުމަކީ އޭނާ އަބަދު ވެސް ދުށް ހުވަފެނެއް ކަމަށެވެ. "އަބަދުވެސް އަހަރެން ބޭނުންވީ ސްޕޭސްއަށް ދާން، ނަމަވެސް އެއީ އަހަންނަށް ކުރެވިދާނެ ކަމެއް ކަމަކަށް ދުވަހަކު ވެސް ނުދެކެން" ބެންތައުސް ބުނެފައިވެއެވެ. ބެންތައުސްއަށް މީގެ ކުރިން ގަބޫލުކުރެވިފައި އޮތީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވެސް ޖައްވަށް ދިއުމުގެ ފުރުސަތު ލިބޭނީ ކޮންމެ ވެސް ވަރަކަށް ހިނގާބިނގާވެ އުޅޭ މީހުންނަށް ކަމަށް ސީއެންއެންއަށް ދިން ބަސްދީގަތުމުގައި އޭނާ ވަނީ ބުނެފައެވެ. އަބަދުވެސް އެކި ކަހަލަ އެޑްވެންޗާތަކަށް ދިއުމަށް ލޯބިކުރާ މި ޒުވާނާއަށް ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހުނީ 2018 ވަނަ އަހަރު ހިނގި ފަރުބަދަމަތީ ސައިކަލް ދުއްވި ދަތުރެއްގައި ދިމާވި ހާދިސާއެއްގައި މައިބަނދައަށް ލިބުނު ގެއްލުމާ ގުޅިގެންނެވެ. އޭގެ ފަހުން ޖައްވުގެ ކަންކަން ދިރާސާކުރުމުގެ ޝައުގުވެރިކަން އިތުރުވެ، ފުރޮޅުލީ ގޮނޑީގައި ވެސް ޖައްވަށް ދެވޭނެ މަގު ހޯދުމުގެ މަސައްކަތް އޭނާ ފެށި ކަމަށް ވަނީ ބުނެފައެވެ. އެ މަސައްކަތް ކާމިޔާބުކުރެވުނީ އެކަމަށް ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލުމަށް ފަހު ކަމަށް ބެންތައުސް ބުނެފައިވެއެވެ. ނިއު ޝެޕާޑްގެ ބޯޓުގައި ބެންތައުސްކުރި ދަތުރު ގާތްގަނޑަކަށް 10 މިނެޓަށް ދިގުދެމިގެންދިޔަ ކަމަށް ސީއެންއެންގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. ބެންތައުންސްއާ އެކު މި ދަތުރުގައި އޭނާގެ އިތުރު ފަސް އެކުވެރިން ވަނީ ބައިވެރިވެފައެވެ. ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބެންތައުސް ބުނެފައިވަނީ، މައިކްރޯގްރެވިޓީގެ ތަޖުރިބާކޮށް، ދުނިޔޭގެ ޚާއްސަ މަންޒަރެއް ފެނުމުން އެ މަންޒަރު ބެލުމަށްޓަކައި އޭނާގެ ގޮނޑިން ތެދުވާއިރު، ފައި ބަނދެފައި ބެހެއްޓުމަށް ޚާއްސަ ސްޓްރެޕެއް ބޭނުންކޮށްފައިވާކަމަށެވެ. މީގެ ކުރިން ވެސް އޭނާއަށް ވަނީ މަތިންދާބޯޓެއްގައި ކުރި ޕަރަބޮލިކް ތަމުރީނު ދަތުރެއްގައި މައިކްރޯގްރެވިޓީގެ ތަޖުރިބާ ކުރެވިފައެވެ. އެހެންކަމުން، ބޯޓުގެ ތެރޭގައި އެކި ހަރަކާތްތައް ކުރުމަށްވުރެ، ބޭރުން ފެންނަ މަންޒަރުތައް ބެލުމަށް އޭނާ މާބޮޑަށްޝައުގުވެރިވާނެ ކަމަށް ވަނީ ބުނެފައެވެ. ބެންތައުސް މި ދަތުރުން ލިބުނު ތަޖުރިބާ ބޭނުންކުރަން ގަސްދުކުރަނީ، އޭނާއެކޭ އެއްގޮތަށް ނުކުޅެދުންތެރި ހާލަތުގައި ތިބެ ޖައްވަށް ދަތުރުކުރުމަށް ޝައުގުހުންނަ ދަތުރުވެރިންނާ ހިއްސާ ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ